ދެ ހާ މެދުގައި ތަޅާފޮޅާ މުބާރާތްތައް ކޮންމެ އަހަރެއްގެ ވެސް ވަކި ދުވަހެއްގައި އިންޑިޔާގެ އެކި ރަށްތަކުގައި އޮވެ އެވެ. އެގޮތުން އެ ގައުމުގެ އަންދްރަ ޕްރަދޭޝްގެ ކަކިނާޑާ ޑިސްޓްރިކްޓްގެ ކިރަލަމްޕުޑީ ކިޔާ ރަށެއްގައި އޮތް މިފަދަ ހާ ތެޅުމުގެ މުބާރާތެއްގައި ބައިވެރިކުރި ދެ ހާ ތަޅާފޮޅަމުން ގޮސް ރުޅިގަދަވެ އެސޮރުގެ ސާހިބުމީހާ އަށް ދިން ހަމަލައިގައި އެމީހާ ވަނީ މަރުވެފަ އެވެ.
މި ހާލުގެ ވެރިޔަކީ ގަންޑޭ ސޫރިޔަޕްރަކާޝް ރާއޯ އެވެ. އޭނާ ގެންގުޅުނު ހާލުގެ ފައިގައި ތޫނު ތިލައެއް ބަނދެފައި އަނެއް ހާލާ ތަޅާފޮޅަން ނެރުނެވެ. ރާއޯ ނޫނަސް ތަޅާފޮޅަން ހާ ނެރޭ ހަމަ ކޮންމެ މީހަކު ވެސް އެމީހެއްގެ ހާލުގެ ފައިގައި ތޫނު ތިލަ ނުވަތަ ވަޅި ކަހަލަ އެއްޗެތި ބަނދެފައި ހުރެ އެވެ. އިދިކޮޅަށް ނުކުންނަ ހާ އަވަހަށް ބަލިކޮށްލުމުގެ ބޭނުމުގައެވެ. ކަންދިމާކުރި ގޮތުން ތަޅާފޮޅުން ހޫނުވި ވަގުތު މާ ދުރުން ކާޅެއް ގޮވާ އަޑު އިވުމުން ރާއޯ ގެންގުޅުނު ހާ ގެ ގާތަށް ރުޅިއައިސްގެން މައްޗަށް އުދުހި ގަތީ އެވެ. އަދި އެސޮރު އުދުހިފައި ދެން ތިރިވިއިރު ޖެއްސީ ރާއޯގެ ގައިގަ އެވެ. އެ ވަގުތު އޭނާގެ ފައިގެ ބޮޑު ތަނެއް ކަނޑައިގެން ގޮސް ވަރަށް ގިނައިން ލޭ އޮހޮރެން ފެށި އެވެ.
ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ގެންދިޔަތާ މާ ގިނައިރެއް ނުވެ ވަނީ މަރުވެފަ އެވެ.
ދެވަނަ މީހާ މަރުވީ ގޯދާވަރީ ޑިސްޓްރިކްޓްގެ ރަށެއްގައި ދެ ހާ ތަޅާފޮޅާތަން ބަލަން ގޮސް ހުރި މީހެކެވެ. އެމީހާއަށް ހުރެވުނީ ހާ ތައް ތަޅާފޮޅަން ތިބި ތަނާ ތަންކޮޅެއް ކައިރީގައި ކަމުން އެތަނުން އެއްހާ މައްޗަށް އުދުހިގެންފައި ތިރިޔަށް އައި ވަގުތު އެމީހާގެ ގައިގައި ހާލުގެ ފައިގައި އައްސަފައިވާ ތޫނު ތިލަ އެޅި ޒަޚަމް ވީއެވެ. އަދި ލޭ މަނާ ނުވެ އޭނާ ވެސް މަރުވީ އެވެ.
މިފަދަ ހާދިސާތައް ދިމާވެ މީހުންގެ ފުރާނަ އަށް ނުރައްކާވާތީ ހާ ލައްވާ ތަޅާފޮޅުވުން އިންޑިޔާގެ އެކި ސްޓޭޓްތަކުގައި ވަނީ މަނާކޮށްފަ އެވެ. ޚާއްސަކޮށް ތޫނު ހަތިޔާރު އެ ސޮރުމެންގެ ގައިގައި ހަރުކޮށްގެން ތަޅާފޮޅުން ވަރަށް ބޮޑަށް މަނާކޮށްފައި ވެއެވެ. ނަމަވެސް މަނާ ކުރިޔަސް މިކަން ކުރާ މީހުން މިކަމެއް ހުއްޓައެއް ނުލަ އެވެ.