ލައިފްސްޓައިލް

މިލާ މޯޅި ނުވާ މަލުގެ ރާނީއެއް!

ފޮޅިފައި ހުންނަ މާ އިސާހިތަކު މިލާ މޯޅިވެ ހިނގައި ދެއެވެ. އެހެން ނަމަވެސް، މަލަކީ ގިނަ ބަޔަކު އެ ފެނުމުން އަދި ލިބުމުން ހިތް އުފާވާ އެއްޗެއްކެވެ. އަދި ފްލޯރަލް ޑިޒައިންތަކަކީ އަބަދުވެސް ފެޝަނެވެ. ދުވަހަކު ވެސް ބާނުވާ ސްޓައިލެކެވެ. ފިނިފެންމަލާއި ލިލީމަލާއި ބޮގަންވިލާ އާއި މިހެން ގޮސް އިރަށްއެނބުރޭ މަލާއި އެންމެ އާދައިގެ ގޮތެއްގައި ފެންނަ ވިނަގަނޑުގައި ހެދޭ ޑެއިޒީ މަލުގައި ވެސް ހިތްގައިމު ކަމެއް ހުރެއެވެ. ވަސްވެސް އެހާ މީރެވެ. ބަލާލަން ރީއްޗެވެ. ލާން ބޭނުން ކުރާ ހެދުމާއި ދަބަހާއި ބޫޓު އަދި ގަހަނާގައި ވެސް ފްލޯރަލް ކަމުދަނީ މި ސަބަބާއި ހެދި އެވެ.

މިއަދު ގަންނަ މާ ބޮނޑީގެ މަލަކުން ނުވަތަ ބަގީޗާގައިވާ ގަހުގައި އަޅާ މަލުން ރީތި ގަހަަނާ ހެދުމުގެ މޮޅު ހިޔާލަކީ ޒުވާން ލީނާ ޒިޔާދުގެ ހިޔާލެކެވެ. އަބަދުވެސް މަލަށް ގޮސް ހުސްވެފައިވާ ހުންނަ ލީނާގެ ފްލޯރިއަލްސް އަކީ އޭނާގެ ބާހާރެވެ. ކްރާފްޓެއްގެ ގޮތުގައި އޭނާގެ މައިގަނޑު މަގްސަދަކީ ކަންފަތުލާ އެއްޗެހި ހެދުމެވެ. ފަށުފުލާއި އަނގޮޓިއާއި ބުކްމާކްސް ހަނދަނީ އަމިއްލައަށް ހޯދައިގެން ހިއްކާ އެކި ކަހަލަ މާމެލާމެލީންނެވެ.

"ޖުވެލަރީ ހަދަން ދަސްކުރީ އަމިއްލައަށް ޔޫޓިއުބާއި ބޭރުގެ އެކި އެކި އާޓް ކޮމިއުނިޓީތަކަށް ރީޗް އައުޓް ކޮށްގެން... ފުރަތަމަ އަމިއްލަ ބޭނުމަށް ހަދަން ފެށީ. މިދިޔަ އަހަރު ފްލޯރިއަލްސް ލޯންޗްކުރި އިރު ވަރަށް ބޮޑަށް ފަރިތަކޮށް އޮމާންކޮށް އެކި ކަހަލަ މާ ހިއްކައިގެން ދަސްވެފައި ހުރީ. ބައެއް ފަހަރު ކަސްޓަމަރުން ވެސް އެމީހުންނަށް ލިބިފައިވާ ހާއްސަ މާބޮނޑިތަކުން މާ ހިއްކާ އޭގެ ފިޔަދީފައި ބުނޭ އޭތި ބޭނުން ކޮށްގެން އެކްސެސަރީއެއް ހަދަން،"

ޕޮލިޓިކަލް ސައިންސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކޮށް، ޓްރާންސްޕޭރަންސީ މޯލްޑިވްސްގައި މިވަގުތު މަސައްކަތްކުރާ ލީނާގެ ހޮބީއެއްގެ ގޮތުގައި މިދިޔަ އަހަރު ފެށި މި މަސައްކަތް މަޑުމަޑުން މިހާރު ކުޑަ ވިޔަފާރިއަކަށް ބަދަލުވެއްޖެ އެވެ. އޭނާގެ މި މަސައްކަތް ބޮޑަށް ފުޅާވެގެން ދިޔައީ ކޮވިޑް ލޮކްޑައުންގެ ތެރޭގަ އެވެ.

"އަބަދުވެސް ވަރަށް މަލުގެ މީހެކޭ ބުނެވޭނީ. އެންމެ ރީތީ ކޮން މަލެއްކަން ބުނެދޭން ވެސް ނޭނގެ. މަލުގެ ރީތިކަން ގިނަ ދުވަހު ދެމެހެއްޓޭނެ ގޮތެއް ހޯދަން ބޭނުންވީ. ވެއްޓިފައި ހުންނަ މާ ހޮވައިގެންނާއި ބިނދެގެން އަދި ގަނެގެން ވެސް ރީތިކޮށް އެންޖޯއި ކުރެވޭނެ ގޮތެއް ހޯދީ... ފަށައިގަތީ މިދިޔަ އަހަރު ހޮބީއެއްގެ ގޮތަށް އެކަމަކު ހީވެސް ނުކުރަހާ ބޮޑަށް ކަމުދިޔަ! ކުޑައިރު މަލެއް ފެންނަ އިރަށް އަތުގެ އިނގިލީގެ ދޭތެރެއަށް މާލާފައި ހިތަށް އަރާ މިގޮތަށް އިންނަ އަނގޮޓިއެކޭ ބޭނުމީ. އެ ހިޔާލަށް މިހާރު އަނގޮނޓީ ހަދާލެވޭ ބޭނުން ކަހަލަ މަަލަކުން"

ލީނާ އެނާގެ މި މަސައްކަތަަކީ ޝައުުގުވެރިކަމާއެކު އެއަށް ހުސްވެ ހިތްޖެހިގެން ކުރާ ކަމެކެވެ: "މަސައްކަތް ކުރަނީ ބޮޑަށް ރޭގަނގު. މާ ހިއްކަނީ ހަމަ އެންމެ ކުރިންސުރެ ވެސް ފޮތްތެރެއަށް ލައިގެން މާ ހިއްކާ ގޮތަށް. އިއަރިންގް ކަހަލަ އެއް ހަދަން އާއްމުކޮށް ދެ ގަޑިއިރުވިއަސް ފިނިޝިން އެއްކޮށް ނިންމާލަން އޯވަނައިޓަކަށް ބަހައްޓަން. ހޭންޑްމޭންޑް ނަމަވެސް ވަރަށް އޮމާންކޮށް ހުންނަން ބޭނުން ވަނީ."

ލީނާގެ މި މަސައްކަތަށް ދިވެހި ޒުވާނުންނާއި ޓުއަރިސްޓުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް އޮވެ އެވެ.

"ޓުއަރިސްޓުން ވެސް ގަނޭ. އަދި ގަންނަ ފަހަރެއްގައި ވިއްޔާ ގަންނަނީ ވަރަށް ގިނައިން، އެފޯޑަބަލް ޕްރައިޒެއްގައި ހުންނާތީ ކަމަށް ބެލެވެނީ. ބޭރު ތަންތަނުގައި ހޭންޑްމޭޑް ޖުވެލަރީއަކީ ވަރަށް ބޮޑު އަގެއްގައި ވިއްކާ އެއްޗެއް. މިދިޔަ އަހަރު އަޅުގަނޑުގެ ޕޭޖް ފެށިފައި ވުމުން އަދި މާ ބޮޑަކަށް ފެސްޓިވަލްތަކުގައި ބައިވެރިއެއް ނުވެވޭ. އެކަމު މިވީ އެއް އަހަރު ދުވަހު ތެރޭގައި ދިވެހިންނާއި ބޭރުމީހުން ޖުވެލެރީ ގަތް. އެއްވެސް ވަރަކަށް ނެގެޓިވް ކޮމެންޓެއް އަދި ނާދޭ!"

ލީނާގެ މި މަސައްކަތުގައި އަބަދު ވެސް އޮންނަނީ ކޮންމެވެސް މަލެއްގެ އެކްސްޕެރިމެންޓް ކުރުމެވެ. އެއީ އެއްބައި މާތައް ރީތިކޮށް ފްލެޓް ނުވުމާއި ހިކޭއިރު ރަނގަޅަށް ކުލަ ނޭރުން ކަހަލަ ކަންކަން ދިމާވާތީ އެވެ.

"މާ ފިހާރަތަކުން ގަނެގެން އަދި ގޭގެއިން މާލެ ސަރަހައްދުން އާއްމުކޮށް މާ ހޯދަން އުނދަގޫ އެހެންވެ ގަނެގެން ހިއްކަންވެސް ޖެހޭ ފަހަރު އާދޭ. ޗައިނީސް ރޯޒް ޕެންޑެންޓެއް ވަރަށް ފަހުން ލޯންޗްކުރިން. އެއީ ވަރަށް ގިނަ މީހުންގެ ފެވަރިޓެއް،"

ހަދިޔާއަށް ދޭން ޖްވެލެރީއަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ އެއްޗެއްކެވެ. އަދި ރާއްޖޭގެ ފަންނުވެރިންގެ އަތްތެރި މަސައްކަތްތައް ވަރަށް ބޮޑަށް ބަލައިގަންނަން ފަށާފައިވާއިރު ލީނާގެ ފްލޯރިއަލްސްއިން ހާއްސަ ޕެކޭޖިންއެއް ވަނީ ދައްކާލާފަ އެވެ.

"އަބަދުވެސް ވަރަށް ވިންޓޭޖް ފްލޯރަލް ކަމުދޭ. އެހެންވެ ހިތަށްއެރީ ވެކްސް ސީލްޑް ކޮށްފައި ގިފްޓްރެޕް ކޮށްދީފައި ޖުވެލެރީ ލިބޭ ގޮތަށް ހަދަން. މިއީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ގޮތެއް. ދެން އީދަށާއި ބާތްޑޭއަށް މިކަހަލަ ޕެކޭޖް ހަދަން ފެށީ."

މިހާރު ހަދާ ޖުވެލެރީސްގެ އިތުރަށް ފްލޯރިއަލްސްގެ ޕްރޮޑަކްޓް ރޭންޖް ފުޅާ ކުރަން އަތުގައި އަޅާ އުޅަލާއި ހިޖާބް ޕިން އާއި ކޯސްޓާސް އަދި ޖްވެލެރީ ޑިޝް ހެދުމަކީ ލީނާގެ ޕްލޭނެކެވެ. ބޭނުންވަނީ ކުޑަ އައުޓްލެޓެއް ކަހަލަ ތަނެއް ހުޅުވާފައި ފަސޭހައިން ދައްކާލެވޭ ކަހަލަ ގޮތެެއް ހަދާށެވެ.

މިއީ ކަވި މަސައްކަތެއް ނަމަވެސް މަލުގެ މި ރާނީއަށް މިއީ އޭނާ ކަމުދާ އެންމެ ހިތްކިޔާ މަސައްކަތެވެ. އަމިއްލައަށް ފޮޓޯ ނަގައި މާކެޓްކޮށް ޖުވެލެރީ ހަދައި ލީނާ މިހާރު މިހިރީ މިކަމަށް މުޅިން ގޮސް ހުސްވެފަ އެވެ. މަސައްކަތުގައި ހިތްވަރަކީ އޭނާގެ އާއިލާއާއި ރައްޓެހިންނެވެ. އިންސްޕިރޭޝަނަކީ ރާއްޖޭ އަދި ރާއްޖެއިން ބޭރުން ފެންނަ ނަލަ ރީތި އެކިއެކި މަލާއި ފަތެވެ. ލީނާ ބުނިގޮތުގައި އޭނާގެ މި ޕެޝަން އެހެން މީހުންނަށް ކަމު ގޮސްފައިވާތީ އޭނާގެ "ފްލޯރިއަލްސް" އަށް މިލާމޯޅިވުމެއް ނުގެންނާނެ އެވެ.