ލައިފްސްޓައިލް

ޖީންސު ދޮންނަންވީ މަހަކު އެއްފަހަރު!

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދޮންނަ މެޝިނުން މާ ގިނަގިނައިން އެއްޗެތި ދޮވުމަކީ ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ. އެހެންވެ ދުނިޔެ ސަލާމަތް ކުރުމަށްޓަކައި ހުރިހާ އެންމެންވެސް ދޮންނަ މެޝިން ބޭނުން ކުރާ މިންވަރު މަދުކުރަން ޖެހެ އެވެ. އަދި މިކަމުގެ ސަބަބުން އިންސާނުންގެ ހަކަތަ ތަންކޮޅެއް ރަނގަޅުވާނެ ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ސޮސައިޓީ އޮފް ކެމިކަލް އިންޑަސްޓްރީން ވަރަށް ފަހުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ގިނަ މީހުން ވަރަށް ގިނައިން ނުވަތަ ކޮންމެ ދުވަހަކު ދޮންނަ މެޝިނުން އަންނައުނު ދޮވެ އެވެ. މިއީ ހީނުކުރާ ވަރުގެ ބޮޑު ގެއްލުމެއް ތިމާވެއްޓަށް ލިބޭ ކަމެކެވެ.

މި ރިޕޯޓުގައި ތަޖުރިބާކާރުން ވަނީ އަންނައުނު ދޮންނަންވީ ކިހާ އަވަސް އަވަހަކަށް ކަން ވެސް ކިޔައިދެއްވާފަ އެވެ. އެގޮތުން ޖީންސް ގިނަވެގެން މަހަކު އެއް ފަހަރު ދޮވުމުން ރަނގަޅުވާނެ ކަމަށާއި ޖަމްޕާޒް ކަހަލަ އަންނައުނު ގިނަވެގެން ދެ ހަފުތާ އިން އެއް ފަހަރު ދޮވުމަށް އިރުޝާދު ދީފައި ވެއެވެ. އަދި ނިދަންލާ ހެދުން ހަފުތާއަކު އެއްފަހަރު ދޮވުމުން ފުދޭނެ ކަމަށް މި ރިޕޯޓުގައި ވެއެވެ.

އަބަދުލައިގެން އުޅެންޖެހޭ އަދި ފަސޭހައިން ހަޑިވާ ޖަނގިޔާ އާއި ޖިމް ނުވަތަ ކަސްރަތުކުރަން ލާ ހެދުން ބާލާ ކޮންމެ ފަހަރަކު ދޮންނަން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ޖަނގިޔާ ފަދަ ކުދިކުދި އެއްޗެތި މެޝިނަށް ލުމުގެ ބަދަލުގައި އަތުން ދޮވެލުމުން ވެސް ވަރަށް ގިނަ ފެން ސަލާމަތް ކުރެވޭނެ ކަމަށާއި ޓޮޕާއި ޓިޝާޓް ފަދަ ތަކެތި ފަސް ވަރަކަށް ފަހަރު ލުމަށް ފަހު ދޮވުމުން ފުދޭނެ ކަމަށް ވެސް މި ރިޕޯޓުގައި ވެއެވެ. މިގޮތަށް މަދުން ދޮވުމުން އަންނައުނު ބާވެ ހަލާކުވާލެއް ވެސް ލަސްވާނެ ކަމަށާއި އޭރުން ވަގުތާއި ފައިސާ ވެސް ސަލާމަތް ކުރެވޭނެކަމަށް ރިޕޯޓުގައި ވެއެވެ.

ބްރާ ފަދަ ތަކެތި ހަފުތާއަކު އެއްފަހަރު ދޮވުމަށާއި ހެދުން ފަދަ ތަކެތި ހަތަރު ފަހަރު ލާފައި ދޮވުމަށް ވެސް އިރުޝާދު ދިފައި ވެއެވެ.

"ދޮންނަ މެޝިން ވުޖޫދަށް އައުމުގެ ކުރިން އަންނައުނު ދޮންނަން އިންސާނުން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ. ނަމަވެސް މަދުން އެއްޗެތި ދޮންނަން ކުރެވިދާނެ އެތައް މިލިއަން ކަމެއް އޭރުވެސް ހުރޭ،" ސަސްޓެއިނަބްލް ކްލޯތިން ގްރޫޕެއް ކަމަށްވާ ފެޝަން ރިވޮލިއުޝަންގެ ކޯ-ފައުންޑާ އޮރްސޯލާ ޑި ކާސްޓްރޯ އިނގިރޭސި ވިލާތުގެ "ދަ މިރާ" ނޫހަށް ދިން އިންޓަވިއު އެއްގައި ވިދާޅުވެފައި ވެއެވެ.

ފެނުން އެއްޗެތި ދޮވުމުގެ ބަދަލުގައި އެ އެއްޗެތި ސާފުކުރާނެ ވަރަށް ހެއްވާ މަޖާ ގޮތް ގޮތް ވެސް ބައެއް ތަޖުރިބާކާރުން ކިޔައިދެއްވާފައި ހުރެ އެވެ. މިސާލަކަށް ޖީންސް ފްރީޒް ކުރުމާއި އިސްޓާކީނު ފަދަ ތަކެތި ސްޓީމް ކުރުން ފަދަ ކަންކަމެވެ.