ޒުވާނުންނަށް ހާޓް އެޓޭކް ޖެހި މަރުވުން ވަރަށް އާއްމު ކަމަކަށް ވެއްޖެ އެވެ. ޚާއްސަކޮށް އިންޑިއާގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންގެ ތެރެއިން ގިނަ ބަޔަކަށް ހާޓް އެޓޭކް ޖެހި މަރުވާ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ.
މީގެ ދެ ދުވަހެއް ކުރިން ޓީވީ އެކްޓަރެއް ކަމަށްވާ ނިތޭޝް ޕާންޑޭ ވެސް ހާޓް އެޓޭކެއް ޖެހި މަރުވެފައިވެ އެވެ.
ހާޓް އެޓޭކް ޖެހިގެން އެންމެ ފަހުން މަރުވެފައިވަނީ މިސްޓަ އިންޑިއާގެ ޓައިޓްލް ހޯދާފައިވާ ޕްރޭމްރާޖް އަރޯރާ އެވެ. އުމުރުން 42 އަހަރުގެ މަޝްހޫރު ބޮޑީބިލްޑަރު މަރުވީ އިއްޔެ ރާޖަސްތާނުގެ ކޯޓާގައި ހުންނަ އޭނާގެ ގޭގަ އެވެ. އަދި ކޮމޭޑިއަން ރާޖޫ ޝްރީވާސްތަވް އާއި އެކްޓަރު ސިދާރްތު ޝުކްލާ އަދި ލަވަކިޔުންތެރިޔާ ކޭކޭ ވެސް މަރުވެފައިވަނީ ކުއްލިއަކަށް ހާޓް އެޓޭކް ޖެހިގެންނެވެ.
ޕްރޭމްރާޖްގެ ކުއްލި މަރުން އަދި އެހެން ހަގީގަތެއް ވެސް ފެންމަތިވި އެވެ. ސެލެބްރިޓީން އުޅޭ ވިޔާނުދާ ދިރިއުޅުމެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއް ބުނާ ގޮތުން ބޮޑީބިލްޑަރު ޕްރޭމްރާޖް ޚަބަރުހުސްވެގެން ވެއްޓިފައި އޮތީ ފާޚާނާ ތެރޭގަ އެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފަ އެވެ.
މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ހާޓް އެޓޭކް ޖެހުނުއިރު ޕްރޭމްރާޖް ހުރީ ފެންވަރާށެވެ. އޭނާ ފެންވަރަން ވަނީ އާދަވެ ކޮންމެ ދުވަހަކުވެސް ކަސްރަތުކުރާ ގޮތަށް ކަސްރަތު ކުރުމަށްފަހު އެވެ.
އޭނާ ފާޚާނާ އަށް ވަދެ މާ ލަސްވެގެން އާއިލާގެ މީހުން ދޮރުގައި ތަޅާތަޅާ ވެސް އެއްވެސް ޚަބަރެއް ނުވުމުން އެންމެ ފަހުން ދޮރު ހަލާކުކޮށްލައިގެން ވަން އިރު ޕްރޭމްރާޖް އޮތީ ހޭނެތިގެން ވެއްޓިފަ އެވެ.