ކޮވިޑް-19 އިންވެސް އެތައް ކަމެއް ރާއްޖެއަށް ދަސްކޮށް ދީފި އެވެ. ކޮވިޑު ތެރޭގައި ނަގައި ދިން އެއް ފިލާވަޅަކީ ސަލާމަތް ސިއްހަތެއްގައި މީހާ ހުރުމުގެ މުހިއްމު ކަމެވެ. އެއީ ސަބަބެއް ނެތި އެއް ނޫނެވެ. ކޮވިޑް-19 ވައިރަހުގައި ބޮޑުވަރު ވަނީ ގައިންގައިން ނާރާ ކޮންމެވެސް ބޮޑު ބައްޔެއް ހުންނަ ނަމަ އެވެ. ހަކުރު ބައްޔާއި ހިތުގެ ބައްޔާއި އާދަޔާ ހިލާފަށް ބަރުދަން މަތިވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގެ އަސްލަކީ ލައިފްސްޓައިލް ބައްޓަން ކުރާ ގޮތެވެ. އެއީ "ލައިފް ސްޓައިލް ބަަަަަލި" ތަކެކެވެ. ކެއުން ބުއިމުގެ އާދަތަކާއި ހަރަކާތްތެރިވުމާއި ހެލިފެލިވެ ނޫޅޭތީ އެވެ. އެހެންވެ އެންމެ މުހިންމު ކަމަކަށް ގަވާއިދުން ރަނގަޅު ކަސްރަތަށް ސަމާލުކަމެއް ދޭންޖެހެ އެވެ.
ގުލޯބަލް ނިއުޓިރިޝަން ރިޕޯޓުގައި ބުނާ ގޮތުގައި ރާއްޖޭގައި އާދަޔާ ހިލަފާށް ފަލަ ނުވަތަ އޮބީސް އަންހެނުންގެ ނިސްބަތް ސަރަހައްދީ އެވެރޭޖް، 8.7 ޕަސެންޓަށް ވުރެ މައްޗެވެ. ރާއްޖޭގައި މި ނިސްބަތް ފިރިހެނުންގެ ހުރީ ސަރަހައްދީ އެވެރޭޖް، ހަ ޕަސެންޓަށް ވުރެ ދަށުގަ އެވެ. އަދި މިއާއެކު ދިވެހިންގެ ތެރެއިން 10.7 ޕަސެންޓު އަންހެނުންނާއި 11.1 ޕަސެންޓް ފިރިހެނުންނަކީ ހަކުރު ބަލި ހުންނަ މީހުން ކަމަށް އެ ރިޕޯޓްގައި ލަފާކޮށްފައި ވެއެވެ.
ފިޓްނަސް ޓްރެއިނާ ފާތިމަތު ޒައިނާ ޝަރީފް ރަސްމީކޮށް ފިޓްނަސް އިންޑަސްޓްރީއާ ގުޅުނީ 2018 ގައެވެ. ނިއުޒިލޭންޑްގެ "ލެސްމިލްސް ބޮޑީ ޕަމްްޕް" އާއި "ބޮޑީކޮމްބެޓް" އިންސްޓްރަކްޓާ ކޯހަށް ފަހު މާލޭގެ ޖިމްތަކުގައި ޒައިނާ ކްލާސް ނަގައިދެ އެވެ.
އޭނާގެ މެސެޖަކީ މިއީ އެވެ؛ އޭނާގެ މައިގަނޑު ވާހަކައަކީ އެމީހަކު ގަޔަވާ ކަހަލަ ކަސްރަތެއް ހޯދައިގެން ކުރުމެވެ. އަދި އެއީ މުހިއްމު ކަމެއްގެ ގޮތުގައި ބަލ،ައިގަތުމެވެ.
"ފިޓު ވުމަކީ ކޮންމެހެން ބަނޑުގައި ސިކްޕެކްސް ހުރުމެއް ނޫން. ފިޓުވުމަކީ އެމީހެއްގެ ދިރިއުޅުމުގައި ކަނޑައަޅާފައިވާ ގޯލްތައް ހާސިލް ކުރެވޭނެ ސިއްހަތެއްގައި ހުރުން. ކަސްރަތު ނުކުރާނަމަ ބޮޑު ބައްޔެއްގައި އުޅޭ މީހަކާއި އެމީހާ އެއްވަރުވުމުގެ ފުރުސަތު އެބަ އޮތް. ކުދި ކުދި ކަންކަން ވެސް އެންޖޯއީ ނުކުރެވި ދާނެ. މިސާލަކަށް ދަރިފުޅާއެކު ކުޅެލަން ބޭރަށް ދުވެލަން ދިއުން ނޫނީ ރައްޓެހިންނާއެކު ދަތުރެއް ދާނެ އެނާޖީ މީހާ ގައިގަ ނުހުރެދާނެ. ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންތަަަައް ކުރެވެނީ ފިޓުވެގެން، އެހެންވެ ކަސްރަތު ކުރަން ވަގުތު ހުސް ކުރަންވީ. އެކަމަށް ސަމާލުކަން ދޭންވީ،" އޭނާ ބުންޏެވެ.
ފިޓު ވުމަކީ ކޮންމެހެން ބަނޑުގައި ސިކްޕެކްސް ހުރުމެއް ނޫން. ފިޓުވުމަކީ އެމީހެއްގެ ދިރިއުޅުމުގައި ކަނޑައަޅާފައިވާ ގޯލްތައް ހާސިލް ކުރެވޭނެ ސިއްހަތެއްގައި ހުރުން. ކަސްރަތު ނުކުރާނަމަ ބޮޑު ބައްޔެއްގައި އުޅޭ މީހަކާއި އެމީހާ އެއްވަރުވުމުގެ ފުރުސަތު އެބަ އޮތް. ކުދި ކުދި ކަންކަން ވެސް އެންޖޯއީ ނުކުރެވި ދާނެ.ޒައިނާ ޝަރީފު | ފިޓްނަސް ޓްރެއިނާ
ކޮވިޑް-19 އާއެކު މިވަގުތުގައި އެކި މީހުން މި ތިބީ އެކި ހާލަތަށް ގެނބިފަ އެވެ. އަދި މިއީ ބޭރަށް ގޮސް ދުވެލައި ނޫނީ ޖިމަކަށް ވެދެ ކަސްރަތެއް ކުރެވެން އޮތް ދުވަސްވަރެއް ނޫނެވެ.
މާލީ ދައްޗާއި އެކެކި އިންޖަރީ އާއި ހެދި އެކި މީހުންނަށް ކުރެވެން އޮންނަނީ އެކި ކަހަލަ ކަސްރަތު ތަކެވެ. އެކަމަކު ޒައިނާ ދެކޭ ގޮތުގައި ގޭގައި ތިބެން ޖެހިފައި ވިޔަސް ކޮންމެވެސް ގޮތަކަށް ކަސްރަތު ކުރުން މުހިންމެވެ. އަދި އެއީ ހުއްޓާ ނުލައި ކުރަންޖެހޭ ވެސް ކަމެކެވެ.
"ގޭގައި ތިބޭ މި ހާލާތުގައި ފަސޭހައިން ކުރެވޭ ކަހަލަ ކަސްރަތަކަށް ބަލާއިރު ހޯމް ވޯކްއައުޓް ވަރެއް ނެތް. އިކުއިޕްމަންޓް ބޭނުން ކޮށްގެނާއި އިކުއިޕްމަންޓާއި ނުލައި ކުރެވޭ އެތައް ބައިވަރު ކަސްރަތު ތަކެއް އެބަހުރި. މިސާލަކަށް ޔޯގާ، ހީޓް އަދި ސްޓްރެންތް ޓްރެއިނިން ކަހަލަ... އެންމެ މުހިއްމު ކަމަކީ އެމީހަކު ގަޔާވާ ކަސްރަތެއްް ހޯދައިގެން ކުރުން" ޒައިނާ ބުންޏެވެ،
ޒައިނާ ބުނާ ގޮތުގައި ކޮވިޑް-19 އަށް ފަހު ބައެއް މީހުން ކަސްރަތު ކުރުމަށް ޖެހިލުންވެ އެވެ. އަދި ކުރިން ގަވާއިދުން ކަސްރަތު ކުރަމުން އައި މީހުން އެމީހުންގެ ރޫޓީން އަށް އަނބުރާ ދިއުމަށް އުނދަގޫތަކެއް ހުރެ އެވެ. އޭނާވެސް އެކަން ތަޖުރިބާ ކުރި އެވެ
"މިދިޔަ އަހަރު ފުރަތަމަ ލޮކްޑައުނަށް ފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި. އައިސޮލޭޝަންގައި ހޭދަކުރި ވަގުތަކީ ވަރަށް ގިނަ ކަންކަމާއި ވިސްނަން ލިބުނު ވަގުތެއް! ފިޓްނަސް ކެރިއާއާ މެދު ވިސްނާލުމުން އެނގުނު މިކަން ދޫކޮށްލަން ބޭނުން ނުވާކަން. އެކަމު އައިސޮލޭޝަނަށް ފަހު އެއްވެސް ވަރަކަށް ކަސްރަތު ނުކޮށް ދުވަސްތަކެއް ވޭތުވެ ދިޔަ. އޭގެފަހުން، ކުރިން ހަށިގަނޑު ހުރި ވަރަކަށް ފިޓެއް ނޫން. އެކަމަކު މަޑުމަޑުން މި އަންނަނީ ކާޑިއޯ އާއި ސްްޓްރެންތް ޓްރެއިނިންގް ޕްރޮގްރާމްތައް ހަދަމުން. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ޕޮޒިޓިވް ވުމަށް ފަހު ހަތަރު މަސް ތެރޭގައި ހާފް މެެރެތަން އެއް ދުވިން. އެހެން ކޮންމެ މީހަކަށް ވެސް އެނގޭނެ އެމީހާގެ އަމިއްލަ ހަށިގަނޑުގެ ލިމިޓް ތަކަކީ ކޮބައިކަން."
ޒައިނާ ބުނާ ގޮތުގައި ކޮންމެ މީހެއްގެ ވެސް މަގްސަދަކަށް ވާންވީ ކީ ކޮންމެ ދުވަހަކުވެސް މަދުވެގެން 30 މިނެޓަށް ކަސްރަތު ކުރާށެވެ.