ލައިފްސްޓައިލް

ޝައިމްގެ ޖާނީ: ކުޑަ ގޯލެއް، ބޮޑު ޓްރާންސްފޯމޭޝަނެއް!

ބްރެޒިލްގެ ލިޔުންތެރިޔެއްގެ މާނަ ފުން ހިތްގައިމު ކޯޓެއް އޮވެއެވެ. މިއީ ގިނަބަޔަކު އިންސްޕައާވާ ކޯޓެއްވެސް މެއެވެ. އަދި ކަމެއް ހާސިލް ކުރެވި ނަތީޖާއެއް ނިކުތުމުން މި ކޯޓް މަތިން ހަނދާންވާ ފަހަރު ފަހަރުވެސް އާދެއެވެ. ހަޔާތުގެ ނަގާ ބޮޑެތި ރާޅާއި ކުދި ރާޅުތަކުގައިވެސްމެއެވެ.

"ވެން ޔޫ ވޯންޓް ސަމްތިންގ ދަ ޔުނިވަރސް ކޮންސްޕަޔަރސް ޓު އެޗީވް އިޓް" މިއީ ޕައުލޯ ކޮއެލޯގެ އެ ކޯޓްއެވެ.

ދިރިއުޅުމުގައި މީގެން މިސާލު ނެގެއެވެ. އަދި ދިރިއުޅުމުގައި ކަމެއް ހާސިލްވާން ކުރަން ކޮންމެ މަސައްކަތެއް ފެށިއަސް މިކޯޓް ބޮލަށް އަންނަ ފަހަރުވެސް އާދެއެވެ. އެއީ ދިރިއުޅުމުގައި ކިތަންމެ ބޮޑު ނުވަތަ ކުޑަކަމެއް ކުރަން ބޭނުންވިއަސް ކުރަންޖެހެނީ އެއް ކަމެކެވެ. އެއީ ގޯލެއް ކަނޑައެޅުމެވެ. އޭގެ ސަބަބުން ބިރާއި ފަސްޖެހުން އަދި ނުކެރުން އެއްފަރާތްކޮށްލެވެއެވެ.

އެއީ ބިޓެއް ކެޓިއަސް، ވަޒީފާ ގެއްލުނަސް ނޫނި ހަށިގަނޑަށް ބަދަލެއް ގެންނަން "ފިޓް" ވެ "އަންހެލްތީ ލައިފްސްޓައިލް" ދޫކޮށްލުން ކަމުގައިވިއަސްމެއެވެ. ނުވާނެހެން ހީވާ ކަމެއް އޮތަސް ގޯލެއް ކަނޑައެޅުމުން އެ ގޯލް ހާސިލް ނުވަނީސް ހުއްޓާ ނުލުމަށް ހިއްވަރު ލިބެއެވެ. މޯޓިވޭޓްކޮށްދެއެވެ. ކުރަން މިއުޅެނީ ކީއްކަމާއި ހަދަންވާ ގޮތާއި ދާންވީ މިސްރާބު ރަނަގަޅަށް ފެންނަން އޮވެއެވެ.

ކޮވިޑް-19ގެ ބަލާއާފާތާއި އެކު އައި ލޮކްޑައުންގެ އަނދިރިކަމުން ހޭލެވި ޒުވާން މުހައްމަދު ޝައިމް ފަސާހުގެ އުފަން ދުވަހަަށް އޭނާ ބޭނުންވީ މުޅި މީހާއެއްކޮށް ބަދަލުވާށެވެ. ދުޅަހެޔޮ ދިރިއުޅުމެކެވެ. ގޯލަކަށް ހެދީ އުފަންދުވަހަށް ރަނގަޅު ޓްރާންސްފޯމޭޝަނެއް ގެނައުމެވެ. ވަރުގަދަ ޑިސިޕްލިނެއްގައި އޭނާގެ ކުރިންވެސް ދާ ޖިމް މެޓްރޯފްލެކްސް އަށް ދިއުން އަދި ވޯކްއައުޓްތައް ދޫ ނުކޮށްލުމަށެވެ.

އެއާޕޯޓްސް ކޮމްޕެނީގައި މަސައްކަތް ކުރާ ޝައިމް އަކީ މީގެ ދެއަހަރެއްހާ ދުވަސް ކުރިން މެޓްރޯފްލްކްސް ޖިމްގެ މެންބަރެކެވެ. އެެހެނަސް އޭރު އޭނާގެ މާ ބޮޑު ގޯލެއް ނެތެވެ. ޖިމަށް ދަނީ ގޮސްލާ ކަސްރަތުކޮށްލާ ހެދިޔަަސް ބްރޭކްވެސް ނަގައެވެ. މެދުކެނޑޭފަހަރުވެސް އާދެއެވެ. ލޮކްޑައުންގައި ކަންދިމާވީ ހަމަ އެގޮތަށެވެ.

ލޮކްޑައުންގައި ޖިމްއަށް ނުދެވި ގޭގައި އޮންނަން ޖެހުނީމާ އޭނާގެ ހަށިގަނޑުގައިވެސް ލޮކި މަސްތަކެއް ޖަހާ މީހާ ހުރީ ބިޔަވެފައެވެ. މީހާގެ ބަރުދަން އިތުރުވީ މަންމަ "ދޮންފުުތު" ކޮށް ލޯބިން ކައްކާ މީރު ކެއުންތަކާއި ރޭގަނޑުގަޑީގައި އަމިއްލަ އަށް މޮޅުގޮތްގޮތަށް ކައްކައިގެން ކާލާ ހަދާ ނޫޑްލްސް ގެ ސަބަބުންނެވެ.

ޝައިމްގެ ބުނިގޮތުގައި "ލޮކްޑައުންގައި އެއާޕޯޓްގައި މަސައްކަތްކުރިއަސް އޮފީހަކަށް ދާއްކަށް ނުޖެހޭ. އެދުވަސްކޮޅު ގަދައަށް ކާލެވޭ. ރޯދަމަހާއި ދިމާވުމާއި ގޭގަ ހަދާ ތެޔޮ ހެދިކާ ތަކާއި އެއްޗެހި ކެއީ. ވެއިޓް ދިޔައީ އިތުރުވެގެން ހީވެސްނުކުރާހާ އަވަހަށް. 87 ކިލޯއަށް އަށް ވެއިޓް އިތުރުވީ. ސިޑިއަކުން އަރާއިރުވެސް މީހާ ހުންނަނީ މުޅިން މައި ނޭވާ ލެވި ހަފުސްވާން ކައިރިވެފަ."

ސްކޫލްދައުރުގައި އެކްޓިވްކޮށް ފުޓުބޯޅައާއި ބާސްކެޓުބޯޅަ ކުޅުމުގައި ޝައިމް ހޭދަކުރިއެވެ. ހަށިގަނޑަށް މިވަރަށް ބޮޑު ނޭދެވޭ ބަދަލެއް އައި ވަޒީފާއަކަށް ވަތް ފަހުންނެވެ. މިއާއި އެކު އޭނާގެ ޓްރެއިނާރ އާއި އެކު ކޮފީއަަކަށް އަރާ ވާހަކަދައްކާލާ ޓްރާންސްފޯމްވާން ކަނޑައެޅީއެވެ.

އެއީ މީގެ ތިންމަސް ކުރިންނެވެ. އޭނާ ފެށި މަސައްކަތުގެ ނަތީޖާ މިހާރު ހަށިގަނޑުން އެބަފެނެއެވެ. ފާއިތުވީ ތިންމަހު އޭނާ ކަމެއް ދަސްކޮށްފިއެވެ. ޓާގެޓެއް ކަނޑައަޅާ އެއަށް މަސައްކަތް ކުރުމާއި އެ ޑިސިޕްލިން ބެހެއްޓުމަށެވެ.

"މެޓްރޯފްލެކްސް އަކީ ވަރަށް ފްރެންޑްލީ ވެލްކަމިންގ އެންވާރަމެންޓެއް. އަބަދުވެސް ވަރަށް އެކަހަލަ ވައިބެއް ލިބޭ ތަނެއް. ފުރަތަމަ ދުވަހު އައި އިރުވެސް ހިއެއް ނުވޭ އަލަށް ވަދެވުނު ތަނެއް ހެނެއް. ޖިމްގައި ހަފްތާއަކު ހަ ދުވަހު ޓްރެއިން ކުރަނީ. "ހައިޕަޓްރޮޕީ ވޯކްއައުޓް" އެއް ހަދަނީ. އެއީ މުޅި ހަށިގަނޑުގެ ހުރިހާ އޭރިއާ އެއްގެ ފެޓް ބާން ކުރަން ހަދާ ވަރުގަދަ ވޯކްއައުޓެއް. 3 ދުވަހު ވެއިޓް ޓްރެއިނިންގ ހަދާފައި އަނެއް އަދި ތިން ދުވަހު ކާޑިއޯ އޮންނަނީ. ޖިމް ނިންމާލަ ދަނީ މޫދަށް."

ޓްރާންސްފޯމް ވާން ބޭނުންނަމަ އަބަދުވެސް ކަނޑައެޅި ގޯލާއި އެއްވަރަށް ވޯކް އައުޓް ހެދުމާއި އެކު ކުރުން މުހިއްމު ކަަމަކީ ޑައެޓެވެ. ހަށިގަނޑުން ކެލޮރީ އަންދާވަރަށް ވުރެ ގިނަ ކެލޮރީ ކަންޏާ ހަށިގަނޑަށް މާ ބޮޑު ބަދަލެއް ނާދެއެވެ. މިކަން ކުރުން މިއީ ގިނަމީހުން ބޮޑު އެއް ސްޓްރަގަލްއެވެ.

މިއީ ވަކިމީހަކަށް ކޮށްދޭ ކަމެއް ނޫން. މިއީ މީހާ އަމިއްލައަށް ހެލްތީކޮށް ހުންނަން ކުރާ ކަމެއްގެ ގޮތުގައި ދެކިގެން.
ޝައިމް

ޝައިމްގެ ޑައެޓުގައި ބަދަލުކުރީ ކަނޑައެޅި މުއްދަތުގައި ނަތީޖާ ނެރޭށެވެ. އޭގައި ހިމެނީ ޕްރޮޓީން އާއި ހެލްތީ ފެޓެވެ. ކެއުމުގައި ކާބްސް މަދުކޮށް ގުލުޓެން އެންޑް ޝުގަރ ފްރީކޮށްލީއެވެ.
"ޑައެޓްޕްލޭންއަކީ ޓްރެއިނަރ ދިން އެއްޗެއް. ވަރަށް ޑިސިޕްލިންވެގެން ކެއުންވެސް ޕްލޭންއާއި އެއްގޮތަށް މެއިންޓެއިން ކުރީ. މިއީ ވަކިމީހަކަށް ކޮށްދޭ ކަމެއް ނޫން. މިއީ މީހާ އަމިއްލައަށް ހެލްތީކޮށް ހުންނަން ކުރާ ކަމެއްގެ ގޮތުގައި ދެކިގެން. މީގެ ތިން މަސްކުރިން އެންމެ ފަހުން ޖަންކްފުޑަކަށް ބާގާއެއް ކެއީ ޑައެޓްފެށުމުގެ ކުރިން. އެފަހުން ހަމަ ޑައެޓްގައި.

ވޭތުވެދިޔަ ތިން މަސްތެރޭ ޓްރެއިން މިކުރަނީ. ހަށިގަނޑަށް ފިޒިކަލީ ބަދަލުތަކެއް އައިސްފި. މެންޓަލީވެސް މީހާ ފިޓުވެއްޖެ. މިހާރު ހުރީ 74 ކިލޯ. ޑައެޓް ބަދަލުކުރުމުން ފުރަތަމަ ދުވަސްކޮޅު އުނދަގޫވީ. އެކަމުވެސް ބޭނުމެއް ނުވި ދޫކޮށްލާކަށް. ރައްޓެހިންނާއި އޮފީސް މީހުންވެސް ބުނޭ ވަރަށް ގަދައޭ ޑައެޓް ރަނގަޅަށް ހިފަހައްޓާތީ. އެއްބައި ފްރެންޑްސް ޗޭންޖަސް ފެންނަން ފެށީމާ މޯޓިވޭޓްވެގެން ޖިމްއަށް ޖޮއިންވެސްކޮށްފި"

އެއާޕޯޓްގައި ވޯކްކުރާތީ ކޮންމެ ދުވަހަކު ބްރިޖުގައި ޓްރެފިކާއި މިހުރިހާ ކަމެއްގެ ވަރުބަލިކަމާއި އެކުގައިވެސް ޖިމަށްގޮސް ރަނގަޅަށް ވޯކްއައުޓެއް ހަދާލީމާ ވަރަށް އެނާޖައިޒްވޭ މީހާއެއްކޮށް. ގަޑިޖެހެންވާ އިރަށް ޓްރެއިނަރ ގުޅާނެ ވަރަށް ބޮޑު ސަޕޯޓެއް އެއީވެސް. ވޯކްއައުޓް ނިިންމާލާ މޫދަށްގޮސް ފަތާލަން. އެހެން ހަދާ ރަނގަޅަށް ހައިޑްރޭޓްކުރީމާ އަނެއް ދުވަހަށް ބޮޑީ ހުންނަނީ ރިކަވާވެފަ"

މި އިންޓަރވިއު ނެގިއިރު ޝައިމްގެ މެޓްރޯފްލެކްސްގެ ޕާސަނަލް ޓްރެއިނަރ އާއި ބައްދަލުވިއެވެ. އޭނާ ބުނިގޮތުގައި "ޝައިމްގެ ތަފާތަކީ ފެއްޓީ އިރު އެބައިން ގޯލެއް. ސިކްސް ޕެކެއް އަދި ނާރާ ދުވަހަކުވެސް. އޭނާގެ ގޯލެއް އެއީ. ފުލީ ޑިފައިންޑް ނުވިއަސް އަމިއްލަ އަށް އެޗީވްމަންޓެއް ގޮތަށް އެހީސާބަށް ދިއުން. ކޮންޓިނުއުކޮށް އަލްޓިމޭޓް ގޯލަށް ދިއުމަށް މަސައްކަތްކުރި. އާއްމުކޮށް ގިނަ މީހުންނަށް ދިމާވާގޮތަކީ ގޯލެއް ނޯވެ. ރިޒަލްޓް ފެންނާނެ ޓައިމުން އެކަމަކު ކޮމިޓްމަންޓެއް ނުދޭ. ޝައިމް އާދޭ ބަރާބަރަށް ގަޑިއަށް އައިސް ހީ ޑަޒް ދަ ވޯކްއައުޓް ނީޑެޑް"

ހަށިގަނޑަކީ އަބަދު އެއްގޮތަކަށް ހުންނަ އެއްޗެއް ނޫނެވެ. އުމުރާއި ސިއްހަތާއި ކެއުމާއި ނިދުމާއި ކަސްރަތާއި އަރާމުގެ އިތުުރުން ނަފްސާނީ ހަމަޖެހުން އެއީ މިހާގެ ހަށިގަނޑަށް އަސަރުކުރާ ކަންކަމެވެ. ޝައިމްގެ ހަށިގަނޑަށް މިގެނައި ބަދަލަކީ އޭނާގެ 3 މަހުގެ މަސައްކަތެކެވެ.

މިއީ ޝައިމް ކުޑަ ގޯލްއަކުން އޭނާ ބޭނުންވި ކަންތައް ކުރުމަށް ގެނައި ބަދަލެކެވެ. ކުޑަ ކަމެއް ނުވަތަ ބޮޑު ކަމެއް ހާސިލް ކުރުމަށްވެސް ގޯލެއް މުހިއްމުކަމުގައި ޝައިމް މިހާރު ދެެކެއެވެ. ލިޔުންތެރިޔާ ބުނިގޮތަށް ހުރިހާ ކަމެއް ހަމަ މަޑުމަޑުން ހަމަޖެހި މި ލައިފްސްޓައިލް އަކީ ޝައިމަށް ދެމެހެއްޓޭތޯ އަދި ބޭނުންވާ ވަރު ބަލަން، މީގެ ތިންމަސް ފަހުން ޝައިމްގެ ޕްރޮގްރެސް ގޮސްފައި އޮތް ހިސާބު ބަލާލަން މިވަގުތަށް ދެން ނިންމާލަމާ ހިނގާށެވެ.