ލައިފްސްޓައިލް

ޖިމް ޓްރޭނާއެއް ހާޓް އެޓޭކެއް ޖެހި ކުއްލިއަކަށް މަރުވެއްޖެ

ޖިމް ޓްރޭނާއެއްގެ ގޮތުގައި މަސައްކަތްކުރާ ޒުވާން ފިރިހެނަކު ޖިމްގައި އިންދާ ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހި މަރުވެއްޖެ އެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ގާޒީއާބާދުގެ ޖިމެއްގައި މަސައްކަތްކުރާ 33 އަހަރުގެ އާދިލް އަށް ހާޓް އެޓޭކް ޖެހުނީ ގޮނޑިއެއްގައި ރީތިކޮށް އިށީނދެލައިގެން އިންދަ އެވެ.

އެ ޖިމްގައި ހަރުކޮށްފައި ހުރި ސީސީޓިވީ ކެމެރާތަކުން މި ކަން ހިނގާ ދިޔަ ގޮތް ރެކޯޑް ކުރެވިފައި ވެއެވެ.

މިހާރު ވައިރަލް ވެގެން އުޅޭ މި ވީޑިއޯގައި ފެންނަނީ ޖިމްގައި ހުންނަ އޭނާގެ އޮފީހުގެ ގޮނޑިއެއްގައި އާދިލް ހަމަޖެހިލައިގެން އިށީނދެލައިގެން އިންދާ އިދިފުށަށް ވެއްޓޭ ތަނެވެ.

އާދިލްގެ އާއިލާ އާއި އެކުވެރިން ބުނި ގޮތުގައި އޭނާއަކީ ގަވާއިދުން ކޮންމެ ދުވަހަކު ކަސްރަތުކުރަން އާދަވެފައި ހުރި މީހެކެވެ. އަދި ހުން އަންނާތީ އާދިލް އުޅުނު ނަމަވެސް ކޮންމެ ދުވަހަކުވެސް ޖިމަށް ދާ ކަމަށެވެ.

އާދިލްގެ އަންބަކާއި ހަތަރު ދަރިން އެބަތިއްބެވެ. އޭނާގެ ކުއްލި މަރުން އާއިލާ އަށް ބޮޑު ހިތާމައެއް ވަނީ ލިބިފަ އެވެ.

ޒުވާނުންގެ ކުއްލި މަރުތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހާއްސަކޮށް އޭޝިއާގެ ގައުމުތަކުގައި ވަނީ ވަރަށް އާއްމު މައްސަލައަކަށް ވެފަ އެވެ. އަދި ގިނަ ބަޔަކު މިކަމާ ކަންބޮޑުވެގެން މި ވާހަކަ ދައްކަމުން އެބަދެ އެވެ.

އިންޑިއާގައި ވެސް ފާއިތުވީ ދުވަސްތަކުގައި މިފަދަ ގިނަ ހާދިސާތަކެއް ހިނގާފައިވެ އެވެ. ވަރަށް ޒުވާން މީހުން ލަވަކިޔަން ސްޓޭޖްގައި ހުއްޓައާއި ނަށަން ހުއްޓާ އަދި ޖިމްގައި ކަސްރަތު ކުރަނިކޮށް ވެސް މަރުވެގެން ވެއްޓިފައި އެބަހުއްޓެވެ.