ލައިފްސްޓައިލް

ސައިންސް ބުނާ ގޮތުން ކަސްރަތު ކުރަން އެންމެ ރަނގަޅު ގަޑި

ބައެއް މީހުން ފަތިހު ހޭލާ ގޮތަށް ކަސްރަތު ކުރަން އިސްކަން ދެއެވެ. އަނެއް ބައި މީހުންނަށް ރަނގަޅީ މަސައްކަތް ނިންމާފައި ގެޔަށް އައިސް ކުޑަކޮށް ހަމަޖެހިލައިގެން އިރުއޮއްސޭއިރު ކަސްރަތު ކުރުމެވެ.

މި ދެ ގޮތުން ވެސް ހަށިގަނޑަށް ކަސްރަތު ލިބޭނީ އެއްވަރަކަށެވެ. ނަމަވެސް މީގެ ތެރެއިން ބޮޑަށް ފައިދާ ހުރި ގޮތަކީ ކޮބައި ހެއްޔެވެ؟

މިކަމާ ގުޅޭ ދިރާސާއެއް ސްކިޑްމޯ ކޮލެޖުން ކޮށްފައި ވެއެވެ. ފައިދާ ބޮޑީ ހެނދުނު ކަސްރަތު ކޮށްގެންތޯ ނުވަތަ ހަވީރު ކަސްރަތު ކޮށްގެންތޯ އާއި އަންހެނުންނާއި ފިރިހެނުންނަށް މި ދެ ގޮތުން ކުރެ ބޮޑަށް ފައިދާ ހުރީ ކޮން ގޮތެއްތޯ ވެސް މި ދިރާސާގައި ބެލި އެވެ.

ސްކިޑްމޯގެ ހެލްތު އެންޑް ހިއުމަން ފިސިއޮލޮޖިކަލް ސައިންސް ޑިޕާޓްމަންޓްގެ ޕްރޮފެސަރު ޕޯލް ޖޭ އާކިއެރޯ އިސްވެ ހުންނަވައިގެން ކުރި މި ހޯދުން ކުރިއަށް ގެންގޮސްފައި ވެއެވެ.

"ދިރާސާގެ ބައިވެރިން އަހަރެމެން ދެ ގްރޫޕަކަށް ބަހާލިން. އެއީ ހެނދުނު ކަސްރަތުކުރާ ގްރޫޕަކާއި ހަވީރު ކަސްރަތު ކުރާ ގްރޫޕެއް. މި ހޯދުމުން އަހަރެމެންނަށް ފާހަގަ ކުރެވުނު އެއް ކަމަކީ ކަސްރަތުކުރާ ވަގުތަށް ބަލައި އަދި އެ ބަޔަކު އެ ކުރާ ކަސްރަތުގެ ތަފާތު ކަމަށް ބަލައި، ފިރިހެނުންނާއި އަންހެނުންގެ ހަށިގަނޑުން އިޖާބަ ދޭގޮތް ތަފާތު ކަން،" ޕްރޮފެސަރު ވިދާޅުވި އެވެ.

މި ސްޓަޑީން ހާމަވި ގޮތުގައި ލޭގެ ޕްރެޝަރު ދަށްކުރުމަށާއި ބަނޑުގައި ޖަހާފައި ހުރި މަސްތައް ވިރުވާލަން ކަސްރަތުކުރާ އަންހެނުންނަށް އެންމެ ފައިދާ ބޮޑީ ހެނދުނު ކަސްރަތު ކުރުމުންނެވެ. އަދި ގައިގެ މަސްތަކުގެ ބާރުގަދަކޮށް މޫޑު ރަނގަޅުކޮށްލައި ހިތްހަމަޖައްސާލަން އަދި ހަކަތަ އިތުރުކޮށްލަން ކަސްރަތުކުރާ އަންހެނުންނަށް ހަވީރު ކަސްރަތުން މާ ފައިދާ ކުރެ އެވެ.

ނަމަވެސް ދިރާސާގައި ބައިވެރިވި ފިރިހެނުންގެ ނަތީޖާ ދެއްކީ އަންހެން ބައިވެރިންގެ ނަތީޖާ އާ ދިމާ އިދިކޮޅަށެވެ. ލޭގެ ޕްރެޝަރު ދަށް ކުރުމަށާއި ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ކުޑަ ކުރުމަށް އަދި ވަރުބަލިކަމާއި ލޮޑުކަން ފިލުވާލަން ހަވީރު ވަގުތުގައި ކަސްރަތުކުރުމުގެ ފައިދާ ފިރިހެނުންނަށް ބޮޑުކަމަށް މި ހޯދުމުން ދައްކާފައި ވެއެވެ.

މި ނަތީޖާއަށް ބަލައި ޕްރޮފެސަރު ވިދާޅުވީ އަންހެނުން ކަސްރަތު ކުރާއިރު ކާޑިއޯ ކަހަލަ ކަސްރަތުތައް ހެނދުނު ކޮށްފައި ހަށިގަނޑުގެ ފަންވަރު ގަދަކުރާ ތަމްރީނުތައް ހިމެނޭ ކަސްރަތުތައް ހަވީރު ކުރުމުން ފައިދާ ބޮޑުވާނެ ކަމަށެވެ.

މެކްމާސްޓާ ޔުނިވަސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ޖެނިފާ ޖޭ.ހޭސިޒް ވިދާޅުވީ ކަސްރަތު ކުރުން އެންމެ ރަނގަޅު ވަގުތު ބިނާ ވާނީ އެމީހާ އާދަވެ ނިދާ ވަގުތުގެ މައްޗަށް ކަމަށެވެ. އެމީހާއަކީ އަވަހަށް ނިދާފައި އަވަހަށް ހޭލާ މީހެއް ނަމަ އޭނާއަށް ކަސްރަތުން އެންމެ ފައިދާ ލިބޭ ވަގުތު ތަފާތު ވާނެ ކަމަށާއި ލަހުން ނިދާފައި ލަހުން ހޭލާ މީހެއް ނަމަ އެމީހަކަށް އެންމެ ފައިދާ ހުރި ވަގުތު ތަފާތު ވާނެ ކަމަށެވެ.

"ބައެއް މީހުންގެ ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން ހަވީރު ނުވަތަ ރޭގަނޑު ކަސްރަތުކުރުން ގޮންޖެހުމަކަށްވާނެ. ފަހަރެއްގައި ލަހުން ނިދާ މީހެއް ނަމަ އެންމެ ފަހު ގަޑިއަކަށް ކަސްރަތު ކުރުން ބާއްވަފާނެ. ނަމަވެސް މިހެން ހަދާނަމަ ހެނދުނު ހޭލާއިރު ނިދި ފުރިހަމައެއް ނުވާނެ،" އެސޯސިއޭޓް ޕްރޮފެސަރު ވިދާޅުވި އެވެ.

ކަސްރަތުކުރުމުން ލިބޭ ފައިދާ ބިނާވަނީ އެމީހާގެ ނިދާ ވަގުތަށް ކަމަށް ވެސް ޖެނިފާ ވިދާޅުވި އެވެ. އެއީ އެމީހާގެ ހަށިގަނޑަށް ކަސްރަތު ކުރުމުން އެ ލިބޭ ފައިދާ އެކަށީގެންވާ ގޮތުގައި ހަށިގަނޑަށް ކުރާނީ އަދި އޭގެ ސަބަބުން ހަށިގަނޑުން މަރާމާތުވާ ބައިތައް މަރާމާތުވާނީ ނިދާފައި އޮންނަ ގަޑީގަ އެވެ. އެހެންވެ ކަސްރަތު ކުރުމާއެކު ރަނގަޅަށް ނިދަން ވެސް ބޭނުންވަނީ އެވެ.

ދުވާލެއްގެ ވަކި ގަޑިއެއްގައި ކަސްރަތުކުރުމުން ހަށިގަނޑަށް މާ ފައިދާ ލިބޭ ކަމަށް ދިރާސާތަކުން ދެއްކި ނަމަވެސް މި ފައިދާ އެކަށީގެންވާ ގޮތެއްގައި ލިބުމަށް ރަނގަޅަށް ނިދަން ޖެހޭ ކަމަށާއި އެކަށީގެންވާ ވަރަށް ނިދި ނުލިބޭނަމަ ކޮންމެ ގަޑިއެއްގައި ކަސްރަތު ކުރިޔަސް އޭގެ އެދެވޭ ނަތީޖާ ނުފެންނާނެ ކަމަށް ވެސް އެސޯސިއޭޓް ޕްރޮފެސަރު ވިދާޅުވި އެވެ.