ލައިފްސްޓައިލް

ކަސްރަތުކުރުމުގެ ކުރިން އާޓްރީޒްގައި ބްލޮކް ހުރިތޯ ބަލަންޖެހޭ

އާޓްރީޒް ނުވަތަ ލޭހޮޅިތައް ބެދިފައި ހުރެއްޖެނަމަ ކަސްރަތުކުރުމުގެ ތެރޭގައި ސްޓްރޯކެއް ޖެހުމުގެ ނުރައްކާ އޮންނަ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ފަހުގެ ހޯދުމަކަށްފަހު ސައިންސްވެރިން އިންޒާރުދިން ގޮތުގައި ޖިމް އަށް ގޮސް ކަސްރަތުކުރާ ގިނަ މީހުން ކްލާސްތަކަށް ގޮސް ވަރުގަދަ ކަސްރަތުތައް ކުރަން ފެށުމުގެ ކުރިން ޑޮކްޓަރަކަށް ދައްކައިގެން އެމީހާގެ އާޓްރީޒްތަކުގައި ބްލޮކް ހުރިތޯ އާއި އެނޫންވެސް ސިއްހީ މައްސަލަތައް ހުރިތޯ ޗެކް ކުރުން ބުއްދިވެރި އެވެ.

ސަބަބަކީ ވަރުގަދައަށް ކަސްރަތުކުރަން ފެށުމުން އެ މީހާގެ ހާޓް ރޭޓް މަތިވާތީ އާއި މިގޮތަށް މަތިވާއިރު ހިތަށް ލޭ ފޮނުވައިދޭ ނާރުތައް ބެދިފައިވާނަމަ ކުއްލިއަކަށް ފުރާނައަށް ނުރައްކާ ވާވަރުގެ މައްސަލައެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމުންނެވެ.

އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ކަރަގްޕޫރުގެ ރިސާޗަރުންގެ މި ހޯދުމުން އެނގިފައިވާ ގޮތުގައި ކެރޮޓިޑް އާޓްރީޒް ވަރަށް ބޮޑަށް ބްލޮކްވެފައިވާ މީހުންގެ ހިތް ހިނގާ ރޭޓް މަތިވުމުން ސްޓްރޯކެއް ޖެހުމުގެ ޗާންސް ވަރަށް ބޮޑެވެ.

އެއާ ޚިލާފަށް ސިއްހަތު ރަނގަޅު މީހުންގެ ނުވަތަ އާޓްރީޒްގައި ބްލޮކް ހުރިނަމަވެސް ކުޑަކޮށް ބްލޮކް ހުންނަ މީހުންނަށް ކަސްރަތުން ފައިދާކޮށް ނާރުތަކުގައި ރަނގަޅަށް ލޭ ދައުރުކުރުމަށް އެހީތެރިކަން ލިބޭނެ އެވެ.

މި ރިސާޗް ޓީމުން އޮޅުން ފިލުވައިދިން ގޮތުގައި ކަނދުރާގެ ދެ ފަރާތުގައި އިންނަ ކެރޮޓިޑް އާޓްރީޒް އަކީ މޫނުގެ ޓިޝޫތަކަށާއި ސިކުނޑިއަށް ލޭ ސަޕްލައިކޮށްދިނުމުގެ ޒިންމާ އުފުލާ ނާރު ތަކެކެވެ.

ފެޓް އާއި ކޮލެސްޓްރޯލް އަދި އެނޫން ޕާޓިކަލްސް ގިނަވެ، ކެރޮޓިޑް އާޓްރީޒްގެ އެތެރޭގައި ހަރު ފަށަލައެއް ލެވި ނާރު ހިމަވެ، ލޭ ދައުރުވާލެއް މަދުވެއެވެ. މިގޮތަށް ނާރު ހިމަވުމަށް ކިޔަނީ ސްޓެނޯސިސް އެވެ. އާޓްރީޒްގެ އެތެރޭގައި ޕްލާގް ޖަހަން ފަށާތާ ކުރީކޮޅު އެކަން ދެނެގަންނަން އުނދަގޫވެ އެވެ. ސްޓެނޯސިސް އަކީ ނުރައްކާ ކަމަކަށްވަނީ މިކަން ދިމާވެ ނާރު ހިމަވުމުން ސިކުނޑިއަށް ލޭ ފޮނުވައިދޭ މިންވަރު މަދުވާތީ އެވެ.

ބޭނުންވާ މިންވަރަށް ސިކުނޑިއަށް ލޭ ނުލިބޭނަމަ ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން ލިބޭލެއް މަދުވާނެ އެވެ. މިއީ ސްޓްރޯކް ޖެހެން މެދުވެރިވާ ސަބަބެކެވެ.

ސިއްހަތު ރަނގަޅު މީހުން ކަސްރަތު ކުރުމުން ހިތް ހިނގާ ރޭޓް މަތިވުމުން ސްޓެނޯސިސްގެ ނުރައްކާ ކުޑަވިޔަސް ސްޓެނޯސިސް ކުރިއްސުރެ ހުންނަ މީހުންނަށް ކަސްރަތުން ފައިދާއެއް ނުލިބޭނެ އެވެ.

މި ދިރާސާކުރުމަށް ރިސާޗަރުންގެ ޓީމުން ބޭނުންކުރީ މިކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކޮމްޕިއުޓޭޝަނަލް މޮޑެލް އެކެވެ. ސްޓެނޯސިސްގެ ތިން ސްޓޭޖެއްގައި ކެރޮޑިޓް ނާރަށް ލޭ ފޮނުވުމުން ދިމާވާ ގޮތް މި ދިރާސާގައި ސައިންސްވެރިން ބެލި އެވެ. މި ތިން ސްޓޭޖަކީ އެއްގޮތަކަށް ވެސް ބްލޮކް ނެތް ސްޓޭޖަކާއި، 30 ޕަސެންޓް ބްލޮކް ހުރި ސްޓޭޖަކާއި 50 ޕަސެންޓް ބްލޮކް ހުރި ސްޓޭޖެކެވެ.

މީގެން ކޮންމެ ސްޓޭޖެއްގައި ކަސްރަތުކުރުމުން ހާޓް ބީޓްސް މިނިޓަކު 140 އަށް އަރައި އަދި ރެސްޓިން ހާޓް ރޭޓްސް 67 އަދި 100 ބީޕީއެމް އިން ކަންތައް ވާގޮތް ސައިންސްވެރިން އަޅާކިޔާފައި ވެއެވެ.

ދިރާސާގެ ނަތީޖާ ދެއްކީ ސިއްހަތު ރަނގަޅު ސްޓޭޖާއި ކުޑަކޮށް ބްލޮކް ވެފައިވާ ސްޓޭޖްގައިވާ ނަމަ ކަސްރަތުކުރުމުން ފައިދާކޮށް ހިތުގެ ސިއްހަތު ރަނގަޅުވާ ކަމެވެ. ނަމަވެސް އެންމެ ބޮޑަށް ބްލޮކްވެފައިވާ ސްޓޭޖުގައި ކަންބޮޑުވުންތައް ހުރިކަމަށް ރިސާޗަރުންނަށް ފާހަގަ ކުރެވުނެވެ.

ޖާނަލް ފިޒިކްސް އޮފް ފްލުއިޑްސްގައި ޝާއިއުކޮށްފައިވާ މި ރިސާޗްގައި ސައިންސްވެރިން ބުނެފައިވާ ސްޓްރޯކުގެ ނުރައްކާ އެމީހާގެ އުމުރާއި ލައިފްސްޓައިލް އަދި ޖެނެޓިކްސް އާ ގުޅިފައިވާ ކަމަށެވެ. އެހެންވެ މާ ވަރުގަދަޔަށް ޖިމް އަށް ގޮސް ކަސްރަތުކުރާ މީހުން ނުވަތަ ދުވުން ފަދަ ކަސްރަތުތައް ކުރާ މީހުން ގަވާއިދުން އެމީހުންގެ ހިތާ ގުޅިފައިވާ ނާރުތަކުގައި މައްސަލަ އުޅޭތޯ ޑޮކްޓަރަށް ދައްކައިގެން ޗެކް ކުރަމުން ގެންދިއުން މުހިއްމު ކަމަށެވެ. އަދި އެމީހެއްގެ ސްޓެނޯސިސް ހުރި ވަރަކަށް ބަލައި ކަސްރަތު ކުރެވޭނޭ މިންގަނޑެއް ކަމާ ބެހޭ ތަޖުރިބާކާރެއްގެ އެހީގައި ކަނޑައެޅުމުގެ މުހިއްމުކަން ވެސް ސައިންސްވެރިން ފާހަގަ ކުރި އެވެ.