ހަބަރު

މެލޭޝިޔާ އެއާލައިންސުން ރާއްޖެއަށް އަށް ވެސް ކުރާ ދަތުރުތައް ހުއްޓާލަނީ

Jul 5, 2015

ގިނަ ދިވެހިން ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރާ މެލޭޝިޔާ އެއާލައިންސުން ރާއްޖެއަށް ކުރާ ދަތުރުތައް އަންނަ އޮގަސްޓް މަހުން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ. ބަގްރޫޓްވުމާ ކައިރިވެފައި އޮތް އެ އެއާލައިން ކޮޅަށް ޖެހުމަށް އެ ކުންފުނިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ބައެއް ގައުމުތަކަށް ކުރާ ދަތުރުތައް ހުއްޓާލުމަށް ވަނީ ނިންމައިފަ އެވެ.

މެލޭޝިޔާ އެއާލައިންސްގެ ރާއްޖޭގެ ސޭލްސް އެޖެންޓް ވިލާ ޓްރެވަލްސްގެ އޮފިޝަލަކު ވިދާޅުވީ، އެ އެއާލައިނުން މިހާރު އަންގާފައި ވަނީ އޮގަސްޓް 22 ގެ ފަހަށް އެއްވެސް ޓިކެޓެއް ނުވިއްކުމަށާއި ރިޒަވޭޝަން ނުނެގުމަށް ކަމަށެވެ. އަދި އެގޮތަށް ނިންމީ ރާއްޖެއަށް ކުރާ ދަތުރުތައް މި ވަގުތަށް ހުއްޓާލާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދެން އެ ދަތުރުތައް ފެށޭނީ އެ އެއާލައިނުން ވަކި އެއްޗެއް އެންގުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މެލޭޝިޔާ އެއާލައިންސް ރާއްޖެއަށް ދަތުރު ކުރާތާ 15 އަހަރު މި ވަނީ ވެފަ އެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މެލޭޝިޔާއަށް ދިޔުމުގެ އިތުރަށް ޔޫރަޕާއި އޭސިއާންގެ އެހެން ގައުމުތަކަށް ދިޔުމަށް މި އެއާލައިން އަންނަނީ ބޭނުން ކުރަމުންނެވެ.

އެހެން ނަމަވެސް ވީނުވީއެއް ނޭނގި ގެއްލުނު ހާދިސާ އާއި ޔޫކްރެއިން މަތިން ދަތުރު ކުރި އެ އެއާލައިންގެ ފްލައީޓެއް ވައްޓާލި ހާދިސާޔާ ގުޅިގެން އެ އެއާލައިންގެ ވިޔަފާރިއަށް އަސަރުކޮށް ވަނީ މާލީ ދަތިތަކެއް ކުރިމަތިވެފަ އެވެ. އެ ދަތިތަކުގެ ތެރެއިން އެ އެއާލައިންގެ ބައެއް މުވައްޒަފުން ވެސް ވަޒީފާއިން ވަނީ މިހާރު ވަކިިކޮށްފަ އެވެ.

އެ އެއާލައިނުން މާލެ-މެލޭޝިޔާގެ ޓިކެޓް ވިއްކަނީ 450-500 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ. މެލޭޝިޔާ އެއާލައިންސްގެ ދަތުރުތައް ހުއްޓާލުމުން އެ ގައުމުގައި ކިޔަވާ ކުދިންނަށާއި ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރާ ދިވެހިންނަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާނެ އެވެ.

މެލޭޝިޔާ އެއާލައިންސްގެ ދަތުރުތައް ހުއްޓާލުމުން ރާއްޖެއިން ސީދާ މެލޭޝިޔާއަށް ދަތުރު ކުރާ ފްލައިޓެއް ދެން ނޯންނާނެ އެވެ. މީގެ ކުރިން ބަޖެޓް އެއާލައިން އެއާ އޭޝިޔާ އިން ރާއްޖެއަށް ދަތުރުތައް ކުރި އެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ނުލިބޭ ކަމަށް ބުނެ، އެ ދަތުރުތައް ކެންސަލް ކުރި އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު އެ އެއާލައިނުން ވަނީ އަލުން ރާއްޖެއަށް ދަތުރުތައް ކުރާނެ ކަން އިއުލާންކޮށްފަ އެވެ. އެ ދަތުރުތައް ފެށޭނެ ވަކި ދުވަހެއް އަދި ނޭނގެ އެވެ.