ރާއްޖޭގައި ވިޔަފާރި ކުރަން ހުރި ދަތިތައް ދެނެގަނެ، އޭގެ ހައްލުތައް ހޯދުމަށް ބޭއްވި "ބިޒްނަސް ކޮންވެންޝަން" ރޭ ނިންމާލައިފި އެވެ.
ދަރުބާރުގޭގައި 26-27 އަށް ކުރިއަށް ގެންދިޔަ "ބިޒްނަސް ކޮންވެންޝަންގައި" ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން 150 މީހުން ބައިވެރިވެފައިވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ "ބިޒްނަސް ކޮންވެންޝަނެއް" ބޭއްވުމުގެ ގޮތުން ބޭއްވި މި ފޯރަމްގައި އެކި ދާއިރާތަކުން ކަރުދާސް ހުށަހަޅާނެ އެވެ. ކަރުދާސް ހުށަހަޅާ ދާއިރާތަކުގެ ތެރޭގައި ރާއްޖޭގެ ޓެކްސް ނިޒާމާއި އަންހެން ވިޔަފާރިވެރިން ދަނޑުވެރިކަމުގެ ދާއިރާ އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި މަސްވެރިންނާއި އިގްތިސާދުގެ އިތުރުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސިޓީ) ދާއިރާ އަދި ގެސްޓްހައުސް ވިޔަފާރި ފުޅާ ކުރުމަށް ގައުމީ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް ހިމެނެ އެވެ.
ފޯރަމް ނިންމާލުމުގެ ގޮތުން ރޭ ވަނީ ފޯރަމްގެ ބައިވެރިންނަށް ހާއްސަ ރޭގަނޑުގެ ކެއުމެއް ބާއްވާފަ އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި ރަށްރަށުގެ ވިޔަފާރިތަކާއި ކައުންސިލްތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެ ފަރާތްތަކުން ބައިވެރިވެފައިވަނީ "ވީއާރު" ޓެންކޮލޮޖީގެ އެހީގައި ވީޑިއޯ ކޯލުގެ ޒަރިއްޔާއިންނެވެ.
މި ފޯރަމްގެ ތެރޭގައި ވިޔަފާރީގެ ދާއިރާތަކަށް ހާއްސަކޮށް ރާއްޖޭގައި ލިބެން ހުރި ހިދުމަތްތައް ދައްކުވައިގެން ހާއްސަ އެގްޒިބިޝަނެއް ވެސް ކުރިއަށް ގެންދިޔަ އެވެ. "ނޮލެޖް ހަބް" ގެ ނަމުގައި ކުރިއަށްދާ މި ފޯރަމްގައި ދިރާގާއި ބީއެމްއެލް އަދި ޕެންޝަން އޮފީހާއި މޯލްޑިވިއަން އަދި އިސްލާމިކް ބޭންކް އާއި މީރާގެ އިތުރުން އެމްޕީއެލް އިން ބައިވެރިވި އެވެ.