ސައުވީސް ގަޑިއިރު ވިޔަފާރި ކުރަން ހުށަހެޅީ ހަ ފަރާތަކުން ކަމަށާ އެ ފަރާތްތަކަށް އަންނަ ހަފުތާގައި އެ ހުއްދަ ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ ހުއްދަ ހޯދަން ހުށަހެޅި ތަންތަން އިންސްޕެކްޓް ކުރަން ފަށައި އަންނަ ހަފުތާގައި އެ ތަންތަންނަށް ހުއްދެ ދެވޭ ވަރުވާނެ އެވެ.
ސައުވީސް ގަޑިއިރު ވިޔަފާރި ކުރަން އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދެނީ އެކަމަށް ހާއްސަ ޝަރުތުތަކެއް ކަނޑައަޅައި، އެ ޝަތުރުތައް ހަމަވާ ފަރާތްތަކަށެވެ. ހުއްދަ ފިހާރަތަކާއި ރެސްޓޯރެންޓް ތަކަށް ވެސް ދެ އެވެ.
އެ މިނިސްޓްރީން މީގެ ކުރިން ވަނީ 24 ގަޑިއިރު ވިޔަފާރިކުރެވޭނެ ސަރަހައްދުތައް ކަނޑައަޅާފަ އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ކުރިން ބުނެފައިވާ ގޮތުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން އިމްޕޯޓް މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަމަށެވެ. އަދި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރެވޭނީ ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކު ކުރުމަށް ފަހުގައި ކަމަށާއި ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހެނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.