ހަބަރު

ކުނި މެނޭޖް ކުރުމާ ގުޅޭ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Jul 6, 2015

އުތުރުގެ ކުނި މެނޭޖް ކުރުމަށް ލޭންޑިން ކްރާފްޓެއް ހޯދުމާއި ބ. މާޅޮހުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް އިތުރަށް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފި އެވެ.

އެ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 200 ޓަނުގެ ކުނި އުފުލޭނެ ލޭންޑިން ކްރާފްޓް ބަނުމުގެ މަސައްކަތް ހަވާލު ކުރީ އިންޑިއާގެ ކުންފުނި، ވިޖެއި މެރީން ސާވިސަސްއަށެވެ. އެ އެގްރިމަންޓްގައި ސަރުކާރުގެ ފަރާތުން އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ސޮއި ކުރެއްވި އިރު، ވިޖެއި މެރިންގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ ވެރިޔާ ޖައިރަމް ޑައިލަނީ އެވެ.

އެ އެއްބަސްވުމުގެ ދަށުން ފަސް މަސް ދުވަހުގެ ތެރޭގައި އެ އުޅަނދު ބަދެ ނިންމަން ޖެހެ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ، 645،000ރ. އަށެވެ.

ބ. އަތޮޅުގައި ކުނިމެނޭޖް ކުރާ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލު ކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ތަޝީޝާ ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކުރީ 591،139ރ. އަށް 90 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުތަކަކީ ވޯލްޑް ބޭންކްގެ އެހީގައި ސަރުކާރުން ހިންގާ މަޝްރޫއުތަކެކެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ މި މަރުކަޒު ގާއިމް ކުރުމުން ކުނި ނައްތާލުމަށް ބޮޑު ފަސޭހައެއް ލިބިގެން އަންނާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނުރައްކާ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ މިވަގުތު ރާއްޖޭގަ ފެތުރެމުންދާ ޑެންގީހުން ކޮންޓްރޯލު ކުރުމުގެ ގޮތުން ވެސް އެޅިގެންދާނެ ވަރަށް ބޮޑު ފިޔަވަޅަކަށް ވެގެންދާނެ" މިނިސްޓަރު ވިދާޅުވި އެވެ.