ހަބަރު

ސަރުކާރުން ދިގު މުއްދަތުގެ ބޮންޑް ދޫކުރަން ފަށަނީ

ދިގު މުއްދަތުގެ ބޮންޑް ދޫކުރަން ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސީއެމްޑީއޭގެ ސްޓްރެޓެޖިކް ޕްލޭން ނެރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުން ދިގު މުއްދަތުގެ ބޮންޑު ދޫކުރަން ފެށުމުން ސެކަންޑްރީ މާކެޓުގެ ޓްރާންސްސެކްޝަން ތަކަށް މަގު ފަހިވެގެން ދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސީއެމްޑީއޭއިން އެކުލަވާލާ ޕްލޭންގެ ސަބަބުން މާލީ ދާއިރާގެ އިތުބާރު އިތުރުވެގެންދާނެ ކަމަށެވެ.

"ސީއީއޯ ނަސީރުގެ ޕްރެޒެންޓޭޝަންގައި ފާހަގަކުރި ކަންތައްތައް މެޓީރިއަލައިޒްވުމުން، މިޕްލޭންގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަދި މާލީ ދާއިރާއަށް ލިބޭ ކޮންފިޑެންސް މަތިވެގެން ދާނެކަމަށް ގަބޫލުކުރެވޭ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯންތައް އެކުލަވާލުމާއެކު، މާލީ ދާއިރާ ތަކަށްގީ ކުރުމަށް ރައީސް ޔާމީން ކުރައްވަމުން ގެންދާ މަސައްކަތްތައް ފެންނަމުންދާ ކަމަށެވެ.

"މިބައްރުގެ ގައުމުތަކާއި އެހެނިހެން ސަރަހައްދުތަކުގައިވާ ގައުމުތަކުގައި ހުރި ފަންޑުތައް ހޯދުމަށްޓަކައި، ކްރޮސް- ބޯޑަރ ލިސްޓިންގެ ސަބަބުން އިތުރު ފުރުސަތުތަކެއް ހުޅުވިގެން ދާނެ. މިފުރުސަތުތައް އަންޓެޕްކުރުމަށް މިއީ އެންމެ ރަގަޅު ވަގުތު،" މިނިސްޓަރު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ ފައިނޭޝަލް ހަބަކަށް ހެދުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގައި ފައިނޭންޝަލް ޑިސްޓްރިކްޓެއް ގާއިމްކޮށް، ބޭންކިން އަދި ކެޕިޓަލް މާކެޓްގެ ވަސީލަތްތައް ޝޯކޭސް ކުރެވި، ރާއްޖެއަކީ މިބައްރުގެ ފައިނޭންޝަލް ހަބަކަށް ހެދުން. މިހާރުވެސް ރާއްޖޭގައި ތަފާތު ބާވަތު ކޮންވެންޝަނަލް އަދި އިސްލާމިކް ސެކިއުރިޓީޒް އެބަހުރި،" ސައީދު ވިދާޅުވި އެވެ.