އެންމެ މަސައްކަތްތެރި އެންމެ ހީވާގި ލާމަސީލު ނަމޫނާއަކީ ދިވެހި އަންހެނުންނޭ ބުނާކަށް ދެރައެއް ނުވެއެވެ. ފަހެއްވެސް ނުޖެހެ އެވެ. ކުރިން ރޯނުވަށާއި ބޮނބިތަޅައި މަސްކައްކާ ހިއްކުމުގައި އާއި ދަނޑުވެރިކަމާއި މިހެންގޮސް އެތައް މަސައްކަތްތަކެއް އެ އަންހެނުން ކުރި އެވެ. މިހާރު ވެސް ދިވެހި މުޖުތަމައުގައި އަންހެނުންނަކީ އެގޮތަށް ކެރޭ ހީވާގީ ގަދަ ބަޔެކެވެ. ކުރިން ވެސް އޮތް ހަމަ އެ މިސާލެވެ. އަންހެނުންގެ ބައިވެރިވުން އަހަރުމެންގެ ވިޔަފާރި އާއި އިގްތިސޯދީ ދާއިރާގަ އާއި ތައުލީމާއި ސިއްހީ ދާއިރާ އާއި ޓުއަރިޒަމާއި ސިޔާސީ މައިދާނުގަ އާއި ކުޅިވަރާއި އެހެނިހެން ފަންނުތަކުން ވެސް އޮތީ "އަންހެނުންނަށް ވާނެ" އޭ ބުނާ ފެންވަރުގަ އެވެ. ނޫނީ އެއަށްވުރެ މަތީގަ އެވެ.
މާރިޗް މަހުގެ އަށް ވަނަ ދުވަސް އެއީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު އަބަދުވެސް އެއީ ކޮންމެވެސް ބޮޑު އިސް ވަޒީފާއެއްގައި އުޅޭ އަންހެނެއް ނޫނީ މަހާރެހެންދިއެއް އެހެންނާ އެވޯޑެއް ލިބިފައި ތިބޭ މީހުންގެ ވާހަކަ އެކަނި ދެކެވޭ ދުވަހަކެވެ. އަދި އެއަށްވުރެ ފުޅާކޮށްލައި ދުވަސް މުއްސަނދިކޮށްލަން މިހާރު ކުރާ ކަމަކީ ކޮންމެވެސް ކަހަލަ ކޮންމެވެސް ކުލައެއްގެ މަލެއް ދިއްކޮށްލާފައި މަރުހަބާ ކިޔަނީ އެވެ.
އަންހެނުންގެ ދުވަސް ފާހަގަ ކުރަންވީ ހުރިހާ ކަމެއް ކުރާ ހުރިހާ އަންހެނުންގެ ދުވަހުގެ ގޮތުގަ އެވެ. "ހުރިހާ އަންހެނުންނަށް ވެސް ވާނެ" އެވެ. އަންހެނުންގެ ދުވަސް ފާހަގަ ކުރާއިރު އަބަދު އެއްބަޔެއްގެ ވާހަކަ ދައްކާ އެއް ބަޔައެއްގެ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ބަދަލުގައި އަންހެނުންގެ ދުވަސް ވާންޖެހޭނީ ވަޒިފާ އަދާކުރާ، އަދި ވަޒީފާއެއް އަދާ ނުކުރާ އަންހެނުންގެ ވެސް ދުވަހަށެވެ.
ޒުވާނާ އާއި މުސްކުޅި މީހާ އާއި މަތީ ތައުލީމު ހާސިލްކޮށްފައިވާ މީހާ އާއި ނުވަތަ ހާސިލް ނުކޮށް ތިބި މިހުނާއި މިހެން ގޮސް ހުރިހާ އަންހެނުންގެ ވެސް ދުވަހަކަށެވެ. "އަށެއް މާރިޗް" އެއްވެސް މީހަކު ބާކީ ނުކޮށްލަންވީ އެވެ. އޭރަށް "އަށެއް - މާ ރިޗް" ވާނެ އެވެ.
އަންހެނުންގެ ދުވަސް ފާހަގަ ކުރުމަކީ ސަރުކާރަކުން ދޭ ނުވަތަ އެހެންވެސް ރަސްމީ ފަރާތަކުން ދޭ އަގުވަޒަން ކުރުމުގެގޮތުން އެވޯޑެއް އެކަންޏެއް ނޫނެވެ. އަންހެނުންގެ ދުވަހުގައި ފާހަގަ ކުރަންވީ އަންހެނުންގެ ހިތްވަރާއި ކާމިޔާބީ އެވެ. އުފުލި ބުރަ އާއި އެޅި ވޭނެ އެވެ. އަހަރުމެންނަށް މުހިއްމުވާންވީ އަގުވަޒަން ކުރަން ދޭ އެވޯޑެއް ނޫނެވެ. މުހިންމުވާންވީ އަންހެނުންގެ އެ ކެރުމާއި، ސާބިތުކަމާއި ދައްކުވާދިން ހިތްވަރާ އެފަދަ މީހުންގެ ވާހަކަ އާއި ތަސައްވުރު ރޯލް މޮޑްލްއަކަށް ބަދަލުކޮށްލުމެވެ. "އަށެއް - މާ ރިޗް" ވާނީ އޭރުންނެވެ.
މިއީ އެކަނިވެރި މައިންގެވެސް ދުވަސް
އަންހެނުންގެ ދުވަހަކީ ދިރިއުޅުމުގެ ބޮޑު ބައެއް އެކަނިވެރި މަންމައެއްގެ ގޮތުގައި ހޭދަކޮށް މުޖުތަމައު ގަބޫލުކުރާ ފެންވަރަކަށް އެމީހުންގެ ދަރިން ތަރުބިއްޔަތު ކުރުމަށް ހަމަ ނޭވާނުލައި ބުރަ މަސައްކަތްކުރި އަންހެނުންގެ ވެސް ދުވަހެވެ. ދަރިންގެ ތައުލީމަށް އިސްކަންދީގެން އެމީހުން ކުރި މަސައްކަތު ފޮނި ނަތީޖާގެ ސަބަބުން އެމީހުންގެ ދަރިން މިއަދު އެތިބީ ސަރުކާރު އޮފީސްތަކުގެ ނުވަތަ ބޮޑެތި ކުންފުނިތަކުގެ އެންމެ މަތީ މަގާމުތަކުގަ އެވެ. މިއީ ހަމަ އެ މަންމައިންގެ ވެސް ދުވަހެވެ. މިފަދަ ދުވަހެއްގައި އެކަނިވެރި މައިން އެކަނި ދޫކޮށްލަންވީ ކީއްވެގެން ހެއްޔެވެ؟
މިއީ އެ މަންމައިންގެ ވެސް ދުވަހެކެވެ. އަންހެނުންގެ ދުވަހު ފާހަގަ ކުރަންވީ ކުދިންގެ ހައްގުގައި އުފާވެރި ނޫން ދިރިއުޅުމެއް ހޭދަކުރަމުންދާ މަންމަމެން ވެސް ހިމަނައިގެނެވެ. އެމީހުންނަށް މަރުހަބާ ކިޔާ އެމީހުން ދިރިއުޅުމަށް ކުރާ މަސައްކަތަށް ސާބަސް ދޭން ޖެހެ އެވެ.
ގޭގައި ހެދިކާ ހަދައި ވިއްކާ އަންހެންމީހާގެވެސް ދުވަހެއް
އަންހެނުންގެ ދުވަހަކީ އާމްދަނީ ހޯދަން ހުޅުމާލޭގެ މަގުމަތީގަ އާއި ގޭ ތެރޭގައި ހެދިކާ ވިއްކަން އިންނަ އަންހެންމީހާގެ ވެސް ދުވަހެވެ. ދަރިންގެ ކަންތައް ކުރަމުން ގޭގައި ހަމައެކަނި ފިރިހެންމީހާ ނުވަތަ އެހެންވެސް މީހެއް ވަޒީފާ އަދާ ކުރުމަށްފަހު ގެންނަ ފައިސާ ކޮޅުން ދިރިއުޅުމުގެ ހަރަދު ބަރަދު ހަމަޖައްސަން ބޭނުން ނުވެގެން ގޭގައި މަސައްކަތްކޮށް ހެދިކާކޮޅެއް ނަމަވެސް ތައްޔާރު ކޮށްލައިގެން ވިއްކަން ހުންނަ އަންހެންމީހާގެ ވެސް ދުވަހެވެ.
އެމީހާގެ މަސައްކަތްވެސް ބަލައިގަންނަންވީ އެވެ. އަމިއްލަ ފައި މައްޗަށް ތެދުވެ ކޮންމެވެސް އާމްދަނީއެއް ހޯދުމަށް މަސައްކަތެއް ކުރާތީ އެމީހާވެސް ފާހަގަ ކުރަންވީ އެވެ.
ސިޔާސީ އަންހެން މީހާގެވެސް ދުވަސް
މިއީ ކެރިގެން ސިޔާސީ މައިދާނަށް ނުކުންނަ އަންހެންމީހާގެ ވެސް ދުވަހެވެ. އަންހެނުން ސިޔާސީ މައިދާނުގައި ވެސް ހަރަކާތްތެރިވެ، ގައުމުގެ ބޮޑެތި ކަންކަން ނިންމާ މޭޒު ކައިރީގައި ތިމަންނާވެސް އިންނާނެމޭ ބުނެ މަޖްލިސް އިންތިހާބުގައި ވާދަކުރަން ނިންމަ އެވެ. މީހުންގެ ފާޑުކިޔުމާއި މަލާމަތަށް އަޅާލުމެއް ނެތި ކެރިގެން ނުކުމެ އެވެ. މިއީ އެ ކާމީޔާބީ ހޯދާ އަންހެންމީހާގެ ވެސް ދުވަހެވެ. އެމީހާއާމެދު އަހަރުމެން، މިރާއްޖެ ފަހުރުވެރިވާންވީ އެވެ.
ތިމާވެށީގެ ޗެމްޕިއަނުންގެ ވެސް ދުވަހަށް
ތިމާވެށްޓާއި އިޖްތިމާއި ކަންކަމާމެދު މީހުންގެ ހޭލުންތެރިކުރުމަށް ފިސާރި ކެރިގެން މާސިންގާ ކަނޑުގައި 100 ކިލޯމީޓަރަށް ފަލި ޖެހި ހަތަރު އަންހެނުންގެ ހިއްސާއެއް ވެސް އަށެއް މާރިޗްގައި އޮންނާނެ އެވެ. އެއީ ގަދަ ކަނޑެއްހާ ގަދަ ބަޔެކެވެ. އަންހެނުންގެ ދުވަސް ފާހަގަ ކުރާއިރު އެމީހުން ދައްކާދިން ހިތްވަރާއި އެ މީހުން ގަބޫލްކުރާ ކަމަކަށް ޑެޑިކޭޓް ވެގެން ކުރި މަސައްކަތަށް ސެލިއުޓެއް ނާރުވާންވީ ކީއްވެގެން ހެއްޔެވެ؟
މިޑްލް މޭނޭޖްމަންޓްގެ ބުރަ އުފުލާ އަންހެނުންގެވެސް ދުވަސް
އަންހެނުންގެ ދުވަސް ވާންވީ ސަރުކާރު ބޮޑެތި ކުންފުނިތަކުގެ މިޑްލް މެނޭޖަރުންގެ ގޮތުގައި މަސައްކަތް ކުރާ، އަދި އެތައް ކުދިންގެ މަންމައިންގެ ވެސް ދުވަހަށެވެ. އެމީހުން ކުރާ މަސައްކަތުގެ ވެސް ފުރިހަމަ އަގުވަޒަން ކުރާ ދުވަހަކަށް ދުވަސް ހަދަންވީ އެވެ. މިފަދަ ވަޒީފާއެއްގައި އުޅޭނަމަ އެމީހަކަށް ވެސް އަންހެނުންގެ ދުވަހުގެ މަރުހަބާ އާއި ތަހުނިޔާ ފޮނުވަންވީ އެވެ. އާއިލީ ޒިންމާ ބަަލަހައްޓަމުން ކުރާ މަސައްކަތަށާއި ރައްޔިތުންނަށް ހިދުމަތްކުރުން ސާބިތު ކަންމަތީ ދެމިހުރީތީ ސާބަސް ދޭންވީ އެވެ. -- ވޯޓްލާ ދުވަހު އެމީހެއްގެ ފޯނަށް އެމީހެއްގެ ނަމުގައި ވޯޓްލާން އައުމަށް ގޮވާލާއިރު މިވަރު ކޮށް ނުލެވޭނެ ސަބަބެއް އޮވެގެނެއް ނުވާނެ އެވެ.
މިއީ އާ ހިއްވަރު ދައްކާ މީހުންގެވެސް ދުވަސް
އާ ހިއްވަރެއް ދައްކާ ކޮންމެ އަންހެނެއްގެވެސް ހިއްސާ އަށެއް މާރިޗްގައި އޮންނާނެ އެވެ. އާއިލާ ރޫޅި ހަޔާތުގައި ނެގި ބޮޑެތި ރާޅުތަކުގެ ސަބަބުން ޑިޕްރެޝަނަށް ވެއްޓި އެ ބަލިން އަރައި ގަންނަން މަސައްކަތްކޮށް ހިތްވާރާއެކު ދުޅަހެޔޮ ލައިފްސްޓައިލެއް ހޯދަން ދުވާ ބޫޓަށް އަރައިގެން ދުވާށާއި ކަސްރަތު ފަށައިގެން ނުކުތް އެ އަންހެންމީހާގެ ވެސް ދުވަހަކީ އަށެއް މާރިޗުކަން އޭނާއަށް އިހުސާސްވާން ޖެހެ އެވެ.
ޖިންސީގޯނާއާ ދެކޮޅަށް އަޑުއުފުލާ މީހާގެ ދުވަސް
އޮފީސް މާހައުލުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރުމަށް އިސް ނަގައި ފޮށުމާއި ފުރައްސާރަ އާއި ޖިންސީ ގޯނާ ފަދަ ކަންކަމާއި ދެކޮޅަށް އަޑު އުފުލާ އަންހެން މީހާއަކީ އާދައިގެ އަންހެނެއް ނޫނެވެ. އެއީ ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް ވެސް އެ މަސައްކަތްކުރެވޭނެ ކަމާއި މިފަދަ ކެމްޕެއިންތަށް ސޯޝަލް މީޑިއާގައި ހިންގޭކަން ދައްކައިދީ މީހުން ހޭލުންތެރިކުރަން މަސައްކަތް ކުރި އަންހެނާ އެވެ. އޭނާގެ މަސައްކަތް ދަންނަ ދުވަހަކަށް އަންހެނުންގެ ދުވަސް ނުވަންޏާ "އަށެއް - މާ ރިޗެއް" ނޫނެވެ.
ހުވަފަތް، މުސްކުޅި މާމަގެ ވެސް ދުވަސް
އަންހެނުންގެ ދުވަސް ވާންވީ 80 އަހަރުން މަތީ އަދި ހުވަފަތްވެފައިވާ މުސްކުޅި މުނި މާމަގެ ވެސް ދުވަހެކެވެ. އެ އުމުރުގެ އަންހެނުންނަކީ އެމީހުންގެ ދިރިއުޅުމުގެ ތަޖުރިބާއިން އެތައް ފިލާވަޅެއް އަހަރުމެންނަށް ލިޔެ ނަގައިދިން ބަޔެކެވެ. މިހާރު ކަންކަން މި އޮތް ސިފައިގައި ތަޖުރިބާ ކުރަން އެ މީހުނަށް އާދެވުނީ ކިހާ ބޮޑެތި ގޮންޖެހުންތަކާއި އުނދަގޫ ތައް ތަހައްމަލު ކުރުމަށްފަހުގައި ކިހާ ދިގު ދަތުރަކުން ހެއްޔެވެ؟ މާމަ މެނަށް ވެސް ދުވަހުގެ ތަހުނިޔާ ފޮނުވާށެވެ.
ކޮންމެ އަންހެނަކީވެސް ތަފާތު މީހެކެވެ. ދިރިއުޅުމުގައި އެކި އެކި ކަންކަން ތަޖުރިބާކޮށްފައި ވާނެ މީހެކެވެ. އަހަރުމެންގެ ހަޔާތުގައި ވެސް ތިބި އެފަދަ މީހުންގެ އަގުވަޒަން ކުރަންވީ އެވެ. ޝުކުރާއެކު އައްސަރިބަހަކާ ސާބަހެއް ދޭންވީ އެވެ. އެމީހުންގެ ހައްގުތަކަށް ވަކާލާތުކުރަންވީ އެވެ. ބޭއިންސާފުން ކަމެއް ހިނގާނަމަ އެކަމާއި ދެކޮޅަށް މަސައްކަތް ކުރަންވީ އެވެ. އެއްވެސް އަންހެނެއް ބާކީ ނުކޮށް މިއީ ހުރިހާ އަންހެނުންގެ ދުވަހެއް ގޮތުގައި ދުވަހުގެ ފާހަގަކުރާނަމަ އަށެއް - މާ ރިޗް ވާނެ އެވެ.