ރާއްޖޭގެ އާބާދީގައި ދެ ޖިންސްގެ ފަރަގު ވަރަށް ކުޑައެވެ. އާބާދީގެ ނިސްބަތުން އަންހެނުންނަށްވުރެ ފިރިހެނުން ގިނައީ އެންމެ އިންސައްތައެކެވެ. ރާއްޖޭގެ އާބަދީގެ 51 އިންސައްތައަކީ ފިރިހެނުންނެވެ. އަދި އާބާދީގެ 49 އިންސައްތައަކީ އަންހެނުންނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިން ލިބިދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ލިބުމުގައި ޖިންސަށް ނުވަތަ އެނޫން ވެސް ކަންކަމަށް ބަލައި ތަފާތެއް ނުކުރެވެ އެވެ. އަދި ގާނޫނުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީވެސް ގާނޫނުއަސާސީ އިން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގެކެވެ.
ދިވެހިރާއްޖޭގައި ގާނޫނުއަސާސީ އާއި ގާނޫނު ތަކުން ލިބިދޭ އަސާސީ ހައްގުތަކާއި މިނިވަންކަން ދެ ޖިންސަށް ހަމަހަމަކަމާއިއެކު ގާއިމުކުރުމުގެ ގޮތުން އަމަލުކުރާނެ ގޮތުގެ މައިގަނޑު އުސޫލުތަކާއި ވަކި ޖިންސަކަށް ބަލައި ތަފާތު ކުރުން މަނާކުރުމާ ބެހޭ ސިޔާސަތުތަކާއި ދެ ޖިންސްގެ ހަމަހަމަކަން ގާއިމުކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާ ޖެންޑަ އިކުއަލިޓީގެ ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތްކުރާ އިސް މުވައްޒަފުންގެ އަންހެން އިންސައްތައަކީ އެންމެ 29 ޕަސެންޓެވެ. މި މަގާމްތަކުގައި ހިމެނެނީ އަންހެން ފަސް ސްޓޭޓް މިނިސްޓަރުންނާއި ހަތަރު މިނިސްޓަރގެ ނައިބުންނެވެ. މިނިސްޓަރުން ފެންވަރުގެ އެއްވެސް މަގާމެއްގައި އަންހެނުން ނުހިމެނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގައި މިނިސްޓަރުންގެ 71 ޕަސެންޓް ފިރިހެނުންނެވެ. އަދި 29 ޕަސެންޓްއަކީ އަންހެނުންނެވެ. ދައުލަތުގެ މިނިސްޓްރީތަކުގައި ސްޓޭޓް މިނިސްޓަރ އަދި މިނިސްޓަގެ ނައިބުންގެ 74 ޕަސެންޓްއަކީ ފިރިހެނުންނެވެ. އަދި އަންހެނުންގެ ޕަސެންޓަކީ 26 އެވެ،
ޖެންޑަ އިކުއަލިޓީގެ ގާނޫނު
ޖެންޑަ އިކުއަލިޓީގެ ޤާނޫނުގެ މަޤްސަދުތަކުގެ ތެރޭގައި އަންހެނުންނާ ދެކޮޅަށް ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށާއި އެ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގެ އިގްތިސޯދީ، އިޖްތިމާއީ، ސަގާފީ މަދަނީ އަދި ސިޔާސީ މައިދާނުގައި ފިރިހެނުންނާ އެއްހަމައެއްގައި އަންހެނުންނަށް އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތަކާއި އަދި ފުރުސަތުތައް ލިބިގެންވާކަން ކަށަވަރުކުރުމާއި ވަކި ޖިންސެއްގެ މީހަކަށްވީތީ ކުރާ ތަފާތުކުރުންތައް ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށާއި، އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތުކުރުމަށް ބާރު އަޅާ ވިސްނުމާއި ފިކުރާއި އުސޫލުތައް ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް މަގުފަހިކުރުން ހިމެނެ އެވެ.
ގާނޫނުގައި ބަޔާން ވެގެންވާ ކަންކަމުގެ ތެރެއިން، ވަކި އިދާރާތަކާއި ފަރާތްތަކަށް ހަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތައް ފިޔަވައި ދެ ޖިންސަށް ހަމަހަމަކަން ގާއިމުކުރުމާ ގުޅޭގޮތުން ގާނޫނުގައި ބަޔާންވެގެންވާ ކަންކަން ހިންގުމާއި ތަންފީގު ކުރުމުގެ އެންމެ އިސް ޒިންމާ އުފުލަންޖެހޭ ފަރާތަކީ މިނިސްޓަރެވެ.
ރާއްޖޭގެ ގާނޫން ހަދާ މަޖްލީސް، ރައްޔިތުންގެ މަޖްލީހުގައި އަންހެނުންގެ ނިސްބަތަކީ ފަސް ޕަސެންޓް އެވެ. އަދި ޖުޑިޝަރީގައި ސުޕީރިއާ ކޯޓްތަކާއި ކްރިމިނަލް ކޯޓް އަދި ސިވިލް ކޯޓް ހިމެނޭގޮތައް އަންހެން ފަނޑިޔާރުންގެ އަދަދަކީ 19 ޕަސެންޓް އެވެ. ފިރިހެން ފަނޑިޔާރުންގެ ޕަސެންޓްއަކީ 81 އެވެ.
ޖެންޑަރ މިނިސްޓްރީގެ ދައުރު
ޖެންޑަ މިނިސްޓްރީގެ އަމާޒުތަކުގެ ތެރޭގައި ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން އަންހެނުން ކުރިއަރުވައި، އެމީހުންނަކީ ހުރިހާ ރޮނގަކުން މުޖުތަމަޢަށް ފައިދާ ހޯދައިދޭ ކުރިއަރަމުންދާ ބަޔަކަށް ހެދުމަށްޓަކައި ޙާލަތު އޮޅުންފިލުވައި، ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރުމާއި ރާއްޖޭގެ ސިޔާސީ، އިގްތިސާދީ އަދި އިޖްތިމާޢީ ތަރައްގީގައި އަންހެނުން ބައިވެރިވުން އިތުރުކުރުމަށާއި، ހުރިހާ ދާއިރާއެއްގައި ދެ ޖިންސްގެ ހަމަހަމަކަން ހިފެހެއްޓުމުގެ ގޮތުން މަސައްކަތްކުރުމަށް ބޭނުންވާ ނިޒާމް ގާއިމުކޮށް، މިކަންކަމާބެހޭ މަސައްކަތްތައް ވިލަރެސްކުރުން ހިމެނެއެވެ.
ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގެ ޒިންމާ
ރާއްޖޭގައި އަމަލްކުރަމުންގެންދާ ޖެންޑަ އިކުއަލިޓީގެ ޤާނޫނުން ސިޔާސީ މައިދާނުގެ ހުރިހާ ފަންތިއެއްގައި ފިރިހެނުންނާ އެއްހަމަ ފުރުސަތުތަކެއް އަންހެނުންނަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރުމަކީ ދައުލަތާއި ސިޔާސީ ޕާޓީތަކުގެ ޒިންމާއެކެވެ. އަދި މަގާމުތަކަށް މީހުން އައްޔަންކުރުމުގައާއި، ސަރުކާރުގެ ހުރިހާ ގިންތިތަކުގައި މަސައްކަތްކުރުމުގައާއި، ބައިނަލްއަގްވާމީ ފެންވަރުގައި ސަރުކާރު ތަމްސީލުކުރުމުގައާއި އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ މަސައްކަތުގައި ބައިވެރިވުމުގައި ފިރިހެނުންނާ އެއް ހަމައެއްގައި އަންހެނުންނަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުމަކީ ވެސް މިގާނޫނުގެ ދަށުން، އެއިރަކު އޮންނަ ސަރުކާރެއްގެ ޒިންމާ އެކެވެ.
ރާއްޖޭގެ އެކި ގާނޫންތަކުން އުފައްދާފައިވާ މިނިވަން މުއައްސަސާތަކުގެ 31 ޕަސެންޓްއަކީ އަންހެން މެންބަރުންނެވެ. އިލެކްޝަންސް ކޮމިޝަން ފިޔަވާ ހުރިހާ މުއައްސަސާއެއްގައި ވެސް އަންހެން މެންބަރުން ހިމެނެ އެވެ.
ސަރުކާރުގެ ދައުރު
ފިރިހެނުންނާ އެއްހަމަ ފުރުޞަތުތަކެއް އަންހެނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އެކުލަވާލައިފައިވާ 2019 އިން 2023 ވަނަ އަހަރުގެ ސްޓަރެޓީޖިކް އެކްޝަން ޕްލޭންގައި ސިޔާސަތުތަކެއް އެކަށައަޅާފައިވެއެވެ. މިގޮތުން ސިޔާސީ، އިޖްތިމާއީ އަދި އިޤްތިޞާދީ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް 2020 ވަނަ އަހަރުގެ ނިޔަލަށް، މިފަދަ ފަންތީގެ މަޤާމްތަކުގައި އަންހެނުން ތަމްސީލުކުރުމަށް ޤައުމީފެންވަރުގައި މިންގަނޑުތަކެއް ނިންމުން ހިމަނާފައިވެއެވެ. އަދި ލޯކަލް ކައުންސިލްތަކުގައި އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ކަނޑައެޅުމަށް ހިމަނާފައިވެއެވެ.
މިވަގުތި ރާއްޖޭގެ ސިޓީތަކުގައި މޭޔަރުންގެ ގޮތުގައި ހުރީ އެންމެ އަންހެން މޭޔަރެކެވެ. ރަށުކައުންސިލްތަކުގައި ކައުންސިލް ރައީސުންގެ ގޮތުގައި ހައެއް އަދި ނައިބު ރައީސުންގެ ގޮތުގައި 16 އަންހެނުން އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބްގައި އައްޔަންކޮށްފައި ވެއެވެ. ރާއްޖޭގެ ރަށުކައުންސިލް މެންބަރުންގެ ހަތް އިންސައްތައަކީ އަންހެން މެންބަރުންނެވެ. ރަށުކައުންސިލްތައް ހިންގުމުގައި އަންހެނުންގެ ބައިވެރިކުރުމަކީ އެންމެ ހައިންސައްތައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އަންހެން ބޯރޑް މެންބަރުންގެ އިންސައްތައަކީ 13 އިންސައްތަ އެވެ. މީގެތެރޭގައި ހިމެނެނީ 4 ޗެއަރޕާސަނުން، 3 މެނޭޖިންގް ޑައިރެކްޓަރުން އަދި 29 ބޯރޑް މެންބަރުންނެވެ.
ތަފާތު ނުކުރުމާއި ގާނޫނުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ގާނޫނު އަސާސީ އިން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގެކެވެ. މި އަސާސީ ހައްގު އެންމެ ފުރިހަމަ އަށް ލިބިދިނުމަށް ޖެންޑަ އިކުއަލިޓީ ގާނޫނާއި ޖެންޑަ މިނިސްޓަރީގެ ނަމުގައި ވަކި މިނިސްޓްރީއެއް ވަނީ އުފައްދާފަ އެވެ. ފިރިހެނުންނާ އެއްހަމަ ފުރުސަތު ތަކެއް އަންހެނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުގެ ސިޔާސަތުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެހެން ނަމަވެސް އިސް މަގާމްތަކަށް މީހުން އައްޔަނުކުރުމާއި ހޮވުމުގައި އަންހެނުންގެ ފަރަގު އިންތިހާއަށް ބޮޑެވެ. ސަރުކާރާއި ދައުލަތުގެ އިސް މަޤާމްތަކުގައި ތިބި އަންހެނުންގެ އަދަދު ނިސްބަތުން މަދެވެ. މިއަދު އުފެދޭ ސުވާލަކީ ރާއްޖޭގައި އިސް މަގާމްތަކުގައި ތިބި އަންހެނުންގެ ނިސްބަތް މަދުވެފައިވަނީ އެކަމަށް ޤާނޫނާއި އެކަންބަލާނެ ވުޒާރާއަކާއި ސަރުކާރުގެ ސިޔާސަތުތަކެއް ނެތުމުންތޯ އުފެދޭ ސުވާލެވެ.
އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔެފައިވާ އާދަމް އިބްރާހިމަކީ ހިއުމަން ރިސޯސާސްގެ ދާއިރާއިން މާސްޓާސް ހާސިލްކޮށް ސިންގަޕޫރުގެ ޕޮލިސް އެކަޑަމީން ސީނިއާ ޕޮލިސް އޮފިސާސް ތަމްރީން ފުރިހަމަކޮށް ތަފާސް ހިސާބު ބޭނުން ކޮށްގެން ދިރާސާ ކުރުމަށް ސިކްސް ސިގުމާ މެނޭޖްމަންޓް އިންސްޓިއުޓުން ބްލެކް ބެލްޓް ފުރިހަމަ ކޮށްފައި ވެއެވެ.