އަންހެނުންނަށް ކޮންމެ ކަމެއްވެސް ވާނެ ކަމަށް ބުނުމަކީ ވަރަށް ވެސް އަގަމަތީ ބަހެކެވެ. އެކަމަކު އެކަން ސާބިތުކޮށްދެވެނީ މަދު ފަހަރަކު އެވެ. ގައުމީ ބޭންކް، ބީއެމްއެލްއާ ގުޅިގެން ދިވެހި މަސްވެރިންގެ ޖަމްއިއްޔާއިން ގެމަނަފުށީގައި މިއަދު ބާއްވާ އަންހެނުންނަށް ދޮށީގެ މަސްވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް "ގާބިލް އަންހެނުން" ހަރަކާތުގައި އަމަލީ ގޮތުން ސާބިތުކޮށްދެނީ މަސްވެރިކަމަކީ ވެސް އަންހެނުންނަށް ކުރެވޭނެ މަސައްކަތެއް ކަމެވެ.
އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލެވުނު 30 ހަކަށް އަންހެނަކާ އެކު ގެމަނަފުށީ "ގެލެރީ ވިޝަން" ދޯނިން ފުރީ އެންދަމާށެވެ. އެ ރަށުން ފުރައިގެން 30 ހަކަށް މިނެޓުން ދެވޭ ތިލަޔަކަށް ދޯނި މަޑުކޮށް، އެންދަމަން ދާ އެޅުމާއި ދޯނި ހައްޔަރު ކުރަން ނަގިލި އެޅުމާއި މި ހުރިހާ ކަމެއް ވެސް ކުރީ މި ދޯނިން މަހަށް ދިޔަ 30 ހަކަށް އަންހެން ވެރިން އެވެ. އެން ދަމަން ތިލަޔަށް ފީނަން ޖެހުމުން އެކަން ވެސް އޭގެ ތެރެއިން ބައެއް އަންހެނުން ކުރި އެވެ.
ހަރަކާތްރާވާ، މަސްވެރިންގެ ޖަމްއިއްޔާގެ ރައީސް އަހުމަދު ޝާފިއު ބުނި ގޮތުގައި، ދޯނީގައި ތިބި ފިރިހެން ވެރިންގެ ކަމަކީ ހަމައެކަނި އެ އަންހެނުންނަށް އެހީތެރިވުމެވެ. އެހެން ހުރިހާ ކަމެއް ކުރަނީ އެ ދޯނިން މަހަށް ދިޔަ އަންހެނުން އެވެ.
"ދޮށީގެ މަސްވެރިކަން އަންހެނުންނަށް ވެސް ދަސްކޮށްދީ އެކަން ޕްރޮމޯޓް ކުރުން މި ހަރަކާތުގެ މަގުސަދަކީ. އަންހެނުންނަށް ވެސް މި މަސައްކަތް އަސްލު މިއީ ކުރެވޭނެ ކަމެއްކަން ސާބިތުކޮށް ދިނުން މީގެ ބޭނުމަކީ. މި އަންހެނުން ހީކުރި ވަރަށް ވުރެވެސް އެބަ އެންޖޯއި ކުރޭ މި ހަރަކާތް. އަޅުގަނޑުމެން މި އަންހެނުންނަށް ތަޖުރިބާކޮށްލަން މިދެނީ އެންދެމުމުން ފެށިގެން ގޮސް މަސްވެރިކަމުގެ ހުރިހާ ކަމެއް މީގެ ތެރެއިން،" ޝާފިއު ބުންޏެވެ.
އެ މީހުން ދެމި އެމާ އެކު މިރޭ އެނބުރި ގެމަނަފުއްޓަށް އައިސް، މާދަމާ ހެނދުނު 5:30 ގައި މި އަންހެން ވެރިން އަނެއްކާ ވެސް ފުރާނީ، މަސް އައިނެއްގައި ޖައްސައި ދޮށި އަޅައިގެން މަސްބާނާލާށެވެ. އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުން އޭގެ ތެރޭގައި ތިބި އިރު އެ އެންމެން ވެސް ދޮށި އަތަށް ނަގައިގެން މާދަމާ މަސްބާނާނެ ކަމަށް ޝާފިއު ބުންޏެވެ. އޭނާ ބުނި ގޮތުގައި ބީއެމްއެލްގެ އަށް މުވައްޒަފަކާ އެކު ގެމަނަފުށީގެ އަންހެނުންނާއި އެ އަތޮޅުގެ ވަރަށް ގިނަ ރަށްރަށުން އަންހެނުން އެ ދޯނީގައި ވަނީ މަސްވެރިކަމަށް ނިކުމެފަ އެވެ. އަދި އޮސްޓްރޭލިޔާގެ ދެ މަފިރިއަކު ވެސް މި ތަޖުރިބާގައި ބައިވެރިވެ އެވެ.
"މިއީ މުޅިން ތަފާތު ތަޖުރިބާއެއް. ބުރަކަމެއް ކަން މިއަދު އެބަ އިނގޭ މަސްވެރިކަމަކީ. އެކަމަކު އަންހެނުން ވެސް އުޅެފިއްޔާ މިއީ ނުވާނެ ކަމެއް ނޫން. މާދަމާ ދޮށީގައި މަސް ބާނާލަން ލިބޭނެ. އެކަން ތަޖުރިބާކޮށްލަން ބޭނުންވެފައި މި ހުރީ،" ގެލެރީ ވިޝަން ދޯނިން މަހަށް ދިޔަ އަންހެނަކު އޭނާގެ ތަޖުރިބާ ހިއްސާކުރި އެވެ.
މަސްވެރިން ޖަމްއިއްޔާގެ ރައީސް، ޝާފިއު ބުނި ގޮތުގައި ކުރީ ޒަމާނުގައި އަންހެން ވެރިންނަކީ އަމަލީ ގޮތުން ކަނޑުމައްޗަށް ނިކުމެ މަސްވެރިކަން ކުރާ ބަޔަކަށް ނުވިޔަސް، މަސްވެރިން ގެންނަ މަސް ކައްކައި އޭގެއިން ވެލިއުއެޑެޓް މަހުގެ އުފެއްދުންތަކެއް ނެރުމުގައި އެ މީހުން ކުޅަދާނަ އެވެ. ޝާފިއު ބުނީ، މި ޕްރޮގްރާމްގައި މަހަށް ފުރާ އަންހެން ވެރިން އެ މީހުންގެ ތަޖުރިބާ ނިންމާލާނީ، މަހުން ލަފައިގެން އައުމާ އެކު، އެފަދަ އުފެއްދުންތައް ތައްޔާރު ކުރާނެ ގޮތް ބުނެދޭ ވޯކްޝޮޕަކަށް ފަހު އެވެ.
"ރިހާކުރު ކަހަލަ އެއްޗިހި ތައްޔާރު ކުރާނެ ގޮތް އަޅުގަނޑުމެން މި ކިޔައިދެނީ. ބޭނުމަކީ މަސްވެރިން ބާނާ މަހުން ތަކެތި ތައްޔާރުކޮށް އަގު އެއްކުރެވޭނެ އުފެއްދުންތަކެއް މާކެޓަށް ނެރުމަށް ހިތްވަރުދިނުން،" ޝާފިއު ބުންޏެވެ.
ގެމަނަފުށީ ގެލަރީ ވިޝަން ދޯނިން މަހަށް ނިކުތް އަންހެނުން އެ ސާބިތުކޮށް ދިނީ ދޮށީގެ މަސްވެރިކަން އަންހެނުންނަށް ވެސް ވާނެ އެވެ. އެ މީހުން ބުނަނީ، އަންހެނުންނަށް ނުވާންވީ ސަބަބެއް ނެތެވެ. މިކަން ވެސް އަންހެނުންނަށް ވާނެ އެވެ.