އަންހެނުންގެ ދުވަސް

ދިވެހިވަންތަ އާ ދުނިޔެ ހޯދި އަންހެނުން!

އުމުރު، ސާޅީހުން މައްޗަށް ގޮސްފައިވާ ދިވެހި ޓޫރިޒަމް، ހަތްދިހައިގެ ތެރޭގައި ފަށައި އައްޑިހައިގެ އަހަރުތަކަށް އަޅައިގަތް އިރު ދިވެހިންގެ އަތްތެރި އުފެއްދުންތެރި މަސައްކަތްތައް އެ އިންޑަސްޓްރީގެ ތެރެއަށް އޮއްސާލި އެވެ. ޓޫރިސްޓު ފިހާރަތަކުން އޭރު ފެންނާނީ ދިވެހިންގެ އުފެއްދުންތަކެވެ.

އެކި އެކި "ޕާޑުޕާޑު" ގެ އަނގޮޓި އާއި ފަށާއި ފަށުފުލާއި ކަންފަތު މުންޖާއި ޒާތްޒާތުގެ ގަހަނާތަކެވެ. އޭގެ ތެރޭގައި ހަދިޔާ / ސުވެނިއާގެ ގޮތުގައި ދޭ އެއްޗެހި ވެސް މަދަކު ބައިވަރެއް ނޫނެވެ. މި ހުރިހާ އެއްޗެއް އެކީއެކުގައި ގެއްލުނީ، ބޭރަށް ގެންގޮސް މެޝިނުން ހަދައިގެން ގެނެސް ވިއްކަން ފެށި ފަހުންނެވެ. އެހާ ހިސާބުން ހުނަރުވެރި ދިވެހިންގެ މަސައްކަތާއި ދިވެހިންގެ އަތްތެރި އެތައް މަސައްކަތެއް ބަދަލު ކޮށްލީ ފެކްޓްރީތަކުން ގެންނަ އެއްޗިއްސަށެވެ. މިކަން މިހެން ހިނގާތާ އަހަރުތަކެއް ވީ ފަހުން އަނެއްކާވެސް ބަޔަކު އައިސް އެ ގޮތް ބަދަލު ކޮށްލައި ފުށުލުން ޖަހާލައިފި އެވެ. އެއީ ދިވެހި އަންހެނުންތަކެކެވެ. އެ މީހުން އަމިއްލަ ބްރޭންޑްގައި އަމިއްލަ ވިޔަފާރިތައް އުފެއްދި އެވެ. ރާއްޖެއިން ގެއްލި ދުރަށް އޮބަމުން ދިޔަ ދިވެހި ސަގާފީ އުފެއްދުންތައް ޒަމާނީ ތަތްގަނޑަށް ފިޓު ކޮށް އުފައްދައިގެން އަލުން ބާޒާރަށް ނެރެން ފެށި އެވެ.

އެކަހަލަ އެތައް ބައިވަރު އަންހެނުންގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް އަންހެނުންނާއި އެމީހުންގެ ކުދި ވިޔަފާރިތަަކަށް ބަލައިލާށެވެ.

ކޮކީގެ "އައިލެންޑް ބާޒާރު"

ފާތިމަތު ސަލާހް ނުވަތަ ކޮކީ އަކީ އެންމެން ދަންނަ އައިލެންޑް ބާޒާރުގެ މޫނެވެ. މީގެ ތިން އަހަރު ކުރިން، ދިވެހިވަންތަ، ދިވެހިންގެ އެކި އުފެއްދުންތައް އެއް ތަނަކުން ދައްކާލުމަށް ހުޅުވި ކުޑަ ފިހާރައަކީ މިހާރު ދުނިޔޭގައި ވެސް މަގުބޫލު ބްރޭންޑެކެވެ. ދިވެހި ޑިޒައިނަރުންނާއި އާޓިސްޓުންނާއެކު ގެނެސްދިން އުފެއްދުންތައް ކަމުދިޔައީ ހަމަ އެކަނި ފަތުރުވެރިންނަކަށް ނޫނެވެ. ސޮވެނިއާސްގެ ގޮތުގައި ނޫނަސް "މޯލްޑިވިއަން ވައިބްސް" ގެންނަ އުފެއްދުންތައް ޒުވާނުން ބޭނުން ކުރަންފެށި އެވެ. ފަންގަނޑެއް ކުރަހާލާފައި އޮތް ދަބަހެއް އަޅުވައިގެން އެހެން ނޫނީ ދިވެހިރާއްޖެ ލިޔެފައިވާ ފަށުފުލެއް އަޅާލައިގެންނެވެ.

ހިދާގެ "ކަސަބު ބައި ހިދާ"

ކަސަބަކީ ދިވެހި ލިބާހުގެ އެންމެ ރީތި އެންމެ ފުރިހަމަ ބައެވެ. މި ކަސަބުގަނޑު ލިބާހުން ނަގައި އާންމު އަތު ކުރިއަށް ގެނައީ ހިދާނާ ލަތީިފެވެ. ކަސަބު ގެތުމުގެ ކޯހެއް ހަދައިގެން ހިދާ މި މަސައްކަތް ކުރަން ފެށީ ލިބާހުގައި ކަސަބު ހަރު ކުރާކަށް ނޫނެވެ. ރީތި ކުލަތަކުން ކަސަބު ގަތާފައި ލެދާ ކޮޅެއްގައި ހަރުކޮށްގެން އަތުގައި އަޅާނެ އުޅާ ތައްޔާރު ކޮށް ވިއްކި އެވެ. މި ކަސަބުތައް މިހާރު ބާލީހު އުރަތަކުންވެސް ފެނެ އެވެ. ހަމަ އެކަނި ގައުމީ ދުވަހެއްގައި ބޭނުން ކުރާ އެއްޗަކަށް ހެދުމަށްވުރެ، އިހު ދިވެހިން ކުރަމުން އައި ކަސަބު ގެތުމުގެ މި ހުނަރުވެރި މަސައްކަތް މަރާ ނުލައި ބޭއްވުމަކީ ހިދާގެ އުއްމީދެވެ. އަދި، އެކަން ޒުވާނުންނާ ގުޅުވީ ވެސް އެންމެ ޒަމާނީ ގޮތަށެވެ.

ހައްޖަގެ "އެޅަބެ"

އެޅަބެ ޔޫސުފް އަކީ 70 އިގެ އަހަރުތަކުގައި އެކި ޒާތްޒާތުގެ ގަހަނާ އުފައްދައިގެން ވިޔަފާރި ކުރި ހުނަރުވެރި އެކެވެ. އެޅަބެ ޔޫސުފްގެ ގަހާނާތައް މިހާރު ފެންނަން ނެތަސް ހަމަ އެ ނަމުގައި މިހާރު މާރީތި ގަހަނާތަކެއް އެބަ ފެނެ އެވެ. އޭގެ ތެރޭގައި ކަންފަތުލާ މުންޖާއި އަތުގައި އަޅާ އުޅަ އާއި ކަރުގައި އަޅާ އަޅާ ފަށާއި މިހެން ގޮސް އެކި ގަހަނާ ތަކެވެ. މި ހުރިހާ ގަހަނާ ތަކެއް އުފައްދަނީ އެޅަބެ ޔޫސުފްގެ އަންހެން ދަރިފުޅު، ހާޖަރާ ޔޫސުފް (ހައްޖަ) އެވެ. ކަރުދާސް އޮޅައިގެން މި ތަކެތި އުފެއްދިޔަސް، ރަތާ ކަޅާ ރީނދުލާއެކު ދިވެހި ލިޔެލާގެ ސްޓައިލް ހައްޖަގެ އުފެއްދުންތަކުގެ ސިގްނޭޗާ ލުކްގެ ގޮތުގައި ހިމަނައި ވަނީ ރަނގަޅު ބްރޭންޑަކަށް ބަދަލުކޮށްލާފަ އެވެ.

ޝަފާގެ "އައިލެންޑް އެޕޮތެކަރީ"

ގުދުރަތީ ވެށިން ފެންނަ އެއްޗެހި ބޭނުން ކޮށްގެން ރީތިވި ޒަމާނެއްވެސް ރާއްޖޭގައި ދިޔަ އެވެ. ކާށި ތެލާއި އެކި ކަހަލަ ފަތްޕިލާވެލި ފުނޑައިގެން ދިވެހި އަންހެނުންގެ ޒީނަތްތެރިވި އެވެ. އެތަކެއްޗާ ދުރުވެ، ޕްލާސްޓިކާއި ސިންތެޓިކް ޕްރޮޑަކްޓުތައް އާއްމުވީ ހިސާބުން، ކުރިން ބޭނުންކުރި ރީނދުލާއި ކާށިތެޔޮ ފުޅިތައް ވެސް ބަދިގެއިން ނެރެ ދިވެހިން އުކާލި އެވެ. މި ތަކެތި އަލުން ނަގައި ސްކިން ކެއާގެ އާ ބްރޭންޑެއް އުފައްދަން އަހަރުތަކެއް ވަންދެން މަސައްކަތް ކުރީ އައިމިނަތު ޝަފާނާ (ޝަފާ) އެވެ. އޭނާ އަމިއްލައަށް އުފެއްދި ޓޭނިން ތެޔޮ ފުޅިތަކާއި، ހަމަށާއި ބޮލަށް ހެދި ކާށި ތެޔޮތައް މިހާރު ވިއްކަނީ "އައިލެންޑް އެޕޮތެކަރީ" ގެ ނަމުގަ އެވެ.

އީނާސްގެ "ކަމަނާ ކަލޯ"

މިއީ އެންމެ ދިވެހިވަންތަ ކަމަނާ ކަލޯ އެވެ. އާއިލާއަށް އިތުރުވާ "ކަމަނާ" ނުވަތަ "ކަލޯ" ވަނީ އެ އާއިލާއެއްގެ އެންމެ އަގުހުރި ޖަވާހިރަށެވެ. އަލަށް އުފަންވާ ކަމަނާ ނުވަތަ ކަލޯ ލައްވާނެ ހެދުމަކާ ގައިމަތީ އަޅާ ފޮތިގަނޑެއް ދުރާލައި ހޯދަ އެވެ. މި ޕްލޭން ފޮތިގަނޑު އީނާސް އާދަމް ތަފާތު ކޮށްލި އެވެ. އާއްމުކޮށް ފެންނަ ނޫކުލަ އާއި ފިޔާތޮށި ކުލައިގެ ތެރެއަށް އިތުރު ކޮށްލީ ރާއްޖޭގެ ވެށިން ފެންނަ މާމެލާމެއްޔާއި، ރިޔާ ނެގި ދޯނިތަކާއި ރީތިހާ ދޫނިތަކެވެ. ޑިޖިޓަލް އާޓިސްޓަކީ އީނާސް އެވެ. ފޮތިގަނޑުގެ ފެބްރިކްވެސް އުފައްދަނީ އީނާސް ބޭނުންވާ ގޮތަށެވެ. ކުޑަ ކުދިންނަށް ގެނައި ކުޑަ ވިޔަފާރި މަންމައިންގެ މެދުގައި ވަރަށް މަގުބޫލެވެ.

ސުޒީގެ "ސުޒީ ކްރާފްޓްސް"

ދިވެހި ލިބާހަކާއި ގަންޖުފަރާހެއް ލައްވާފައި ފެންނަން އެ ހުރި ބުދުތަކަކީ ދިވެެއްސެއްގެ އުފެއްދުމެކެވެ. މިއީ އިންޓަނެޓުން ފެނުނު ފޮޓޯއަކުން ރާއްޖެއަށް މުޅިން ތަފާތު ފަންނެއް ތައާރަފު ކޮށްދިން ހުނަރުވެރިއެކެވެ. ފެލްޓް ކްރާފްޓްގެ މަސައްކަތް އެތައް އަހަރުތަކެއް ވަންދެން ހަދީޖާ ސުޒީނާ ފާއިޒު (ސުޒީ) ކުރި އެވެ. ދިވެހި ސްޓައިލްގައި އުފައްދާ މި މަސައްކަތްތައް މިހާރު "ސުޒީ ކްރާފްޓް" ގެ ގޮތުގައި އެންމެނަށްވެސް އެނގެ އެވެ. ފެހުރިހިތަކާއި ސަގާފީ ހެދުމުގައި ފެންނަން ހުރި ދެ ބުދަކީ އެންމެ މަޝްހޫރު ދޭއްޗެވެ.