އަންހެނުންގެ ދުވަސް

ރީތި މަލަކުން ނިންމާލެވޭކަށް ނެތް!

ދުވަސްތައް ކުލަ ގަދަކޮށް ފާހަގަ ކުރުމަކީ އަހަރުމެންގެ ތެރޭގައި މިހާރު ވަރަށް ގިނައިން ކުރާ ކަމެކެވެ. އޮފީސްތަކުގައި އެއްމެން ދުވަހަށް ކަނޑައަޅާފައި އޮންނަ ކުލައެއް ލައިގެން ގޮސް އޮފީސް އެއްމެން އެއްކޮށް ސެލްފީ އެއް ނަގާލައި ނުވަތަ ހާއްސަ ކޭކެއް ފަޅާލާ ކެއުމެއް ބާއްވާލާ ނިންމާލަނީ އެވެ.

އަންހެނުންގެ ދުވަސް ވެސް ފާހަގަ ކުރަނީ މިކަހަލަ ގޮތަކަށެވެ. އޮފީހުގައި މަސައްކަތްކުރާ އަންހެނުންނަށް މަލެއް ދީ ހަދިޔާއެއް ދީފައި ނިންމާލަނީ އެވެ. ސަބަބަކީ ރީޓެއިލަރުން އެމީހުންގެ ވިޔަފާރި ރަނގަޅު ކުރަން މި ފަދަ ދުވަސްތަކާއި ދިމާކޮށް ހާއްސަ ޕްރޮމޯޝަން ހިންގާ މާކެޓިން ކެމްޕޭން ޖައްސާ ހަދާތީ އޭގެ އަވައިގައި ޖެހޭލެއް ބޮޑީކަމުގައި ވެސް ވެދާނެ އެވެ.

އަންހެނުންގެ ދުވަހު އަންހެނަކަށް މަލެއް ނުވަތަ ހަދިޔާއެއް ދިއްކޮށްލާ ނިންމާލެވޭކަށް ނެތެވެ. އަށެއް މާޗުގައި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް މި ފާހަގަކުރަނީ އަންހެނުންގެ އިޖްތިމާއީ އިގްތިސޯދީ ސަގާފީ އަދި ސިޔާސީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުންނެވެ. އަދި މިއީ އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުން ނައްތާލުމަށް މަސައްކަތް ކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް އެކި އެކި ކެމްޕެއިން ހިނގުމަށްވެސް ކަނޑައަޅާ ދުވަހެވެ.

ދުނިޔޭގެ ނިސްބަތުން ރާއްޖެއަކީ ވަރި ގިނަ ގައުމެވެ. އަންހެނުންގެ ދުވަސް ފާހަގަ ކުރާއިރު އެކަނިވެރި މައިންގެ ހިތްވަރާއި ސާބިތުކަމުގެ ވާހަކަ ދެއްކުމަކީވެސް ކުރަންޖެހޭ ކަމެކެވެ. މުޖުތަމައު ގަބޫލުކުރާ ފަދަ ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ޒންމާ ކޮނޑުގައި އަޅައިގެން އެ މަސްއޫލިއްޔަތު އަދާކުރުމަށް އަވަދިނެތި މިއުޅޭ އެކަނިވެރި މައިންނަށް އޮތް ހުރަސްތަކަކީ ކޮބާއިތޯ ވިސްނާލެވިފައި އެބައޮތް ހެއްޔެވެ؟

މަންމައަކަށް ވުމުން ވަޒީފާއަކަށް ނުކުތުމަށް އޮންނަ އެންމެ ބޮޑު ދައްޗަކަށްވާނީ ދަރިން ބަލާނެ މީހަކު ނެތުމެވެ. މަސައްކަތް ކުރާ އޯގަނައިޒޭޝަންގައި މި ފަދަ އަންހެނުންނަށް އެމީހުންގެ އިގްތިސޯދީ މިންވަންކަން ހޯދައި ދިނުމަށް މަސައްކަތް ކޮށްދިނުމުގެ ވޯކް ފްލެކްސިބިލިޓީ، "ވޯކިން ފްރޮމް ހޯމް" ފަދަ ކަންކަމުގެ އިތުރުން އާއިލި ޒިންމާގެ ދުވަސްތައް އިތުރު ކޮށްދިނުމަށް އޮފީހުގެ އެޗްއާރު ޕެނަލްތަކުގައި އެދެވިދާނެ އެވެ.

ހަރަދުގެ ގޮތުގައި ކުދިންގެ ބައްޕަ އަތުން ރަސްމީކޮށް ހޯދާދެނީ މަދު ފައިސާކޮޅެކެވެ. ކުދިންގެ ސްކޫލް ހަރަދާއި ކެއުމާއި، ކިޔަވާދިނުމާއި، ބޯހިޔާވަހިކަމުގެ ހަރަދުގެ އިތުރުން ހުރިހާ ޒިންމާއެއް ނަގަންޖެހޭ މަންމައިންނަށް މި ފައިސާ ވެސް ނުދޭ މީހުންގެ ފަރާތުން ހޯދައި ދިނުމަށް ޤާނޫނީ އެހީތެރިކަން ވެސް ހޯދައި ދެވިދާނެ އެވެ.

"އަހަރެންގެ އުމުރުން 30 އަހަރުގައި ކައިވެނި ރޫޅުނު އިރު ދެކުދިން ތިބި. އޭރު ވަރަށް ހާލުގައި ކުދިން ގެންގުޅުނީ. އެ ޒަމާނަކު ސަރުކާރުން ވެސް ވަކި އިނާޔަތެއް ނުދޭ. ކޮންމެ ހާލެއްގައި ވެސް ކުދިން ބޭނުން ކަމަށް ކޯޓުގައި ބުނުމުން އެކުދިންގެ ބައްޕަ ފަރާތުން ވެސް މާ ބޮޑު ހަރަދެއް ނުލިބޭ. ވަރަށް ހާލުގައި އުޅުނީ. ބެލީ ގަދަ އަޅާ މަސައްކަތް ކުރެވޭތޯ. ސަރުކާރުގައ މަސައްކަތްކުރީ. ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ. އަބަދުވެސް ކަންމަތީ ފިހާރައަށް ދޭ ލާރި ކޮޅަކާ ކުދިންގެ ޓިއުޝަން ފީ ދައްކަން ލާރި ކޮޅެއް ތިމާގެ މީހަކު އަތުން ހޯދަން ޖެހޭ. ބޮޑަށް މަސައްކަތްކުރީ ކުދިންނަށް ކިޔަވައި ދެވޭތޯ. ބުނެލަން އޮތީ ދަރިންގެ ހައްގުގައި ކުރިއަށް ދާށޭ. ނާއުއްމީދު ނުވާށެ!" މިހާރު އުމުރުން 58 އަހަރުވެފައިވާ އެކަނިވެރި މަންމައަކު އޭނާގެ ވާހަކަ އަވަސް އާ ހިއްސާ ކުރި އެވެ.

އެކަނިވެރި މައިންނަށް ވަރަށް ގިނަ ގޮންޖެހުންތައް އޮވެއެވެ. ކައިވެނި ރޫޅުމަށްފަހު އަންހެނުންގެ ބޮލުގައި ގޭގެ މަސައްކަތާއި ކުދިންބެލުމާއި، އޮފީސް ކަންތައްތައް ވެސް އޮންނަނީ އެޅިފަ އެވެ. އަދި ކައިވެނި ރޫޅުމުން ގިނަ ފަހަރަށް ކުދިން ބަލަނީވެސް އަންހެނުންނެވެ.

"ފިރިހެންމީހާ ހަމައެކަނި ކުއްޖާ ދެކިލަން އަންނާނީ. އަދި ލިބޭ އާމްދަނީ އިން ދިރިއުޅުމުގެ ހުރިހާކަމެއް ދެކޮޅު ޖައްސަން ވަރަށް އުނދަގޫ. ގޭގެ ކުއްޔާއި، ކުދިންގެ ހަރަދާއި ކާން ބޯން ހަރަދު ކުރަންޖެހޭ. އަދި އަމިއްލަ ކަންކަން ކުރުމަށްވެސް އެތައް ހަރަދެއް ދޭ. ލިބޭ މަދު ފައިސާ ކޮޅުން ކިރިޔާ އުޅެލެވެނީ. އެކަނިވެރި މައިންނަށް ދޭ އިނާޔަތްވެސް މިއީ މަދު ލާރި ކޮޅެއް،"

"ކަންކަން ބަދަލު ކުރުމަށް ކުރެވޭނެ ކަމަކީ އަންހެނުންނަށް އެކި އެކި ވޮކޭޝަނަލް ތަމްރީނު ދިނުމާއި ވޯކް ފްލެކްސިބިލިޓީ ދިނުން. ބޮޑެތި ކުންފުނި ތަކާއި ސަރުކާރުންވެސް އެކަނި ވެރި މަންމައިންނާއި މަންމައިންނަށް ސަޕޯޓްކުރުމުގެ ގޮތުން އިންހައުސް ޑޭކެއާ ޕްރޮގްރާމްވެސް ހަމަޖައްސަންވީ. މީގެ އިތުރުން ވެސް ވަޒީފާތަކަށް ހޮވަންވެސް އަންހެނުންނާއި ފިރިހެނުން މެދު ތަފާތު ނުކުރުމާއި އޯގަނައިޒޭޝަން ލެވެލްގައި ޒީރޯ ޓޮލަރެންސެއް ބާއްވަންވީ ޖެންޑަ ޑިސްކްރިމިނޭޝަން އާއި ސެކްޝުއަލް ހެރަސްމަންޓަށް. މީގެ އިތުރުންވެސް ގްލާސް ސީލިން ބްރޭކް ކުރުމަށް ބާރުއަޅަންވީ،" ވިމަން ސެންޓާ ބައި ޔޫލިއާ ގެ މެނޭޖިން ޑިރެކްޓަ ވިދާޅުވި އެވެ.