އަންހެނުންނާ އޮޅުނުވި ސިޔާސީ މައިދާން!

Mar 8, 2019

ފިރިހެނުންގެ ދުލުން ރާއްޖޭގައި އަންހެނުންނަށް މާބޮޑު ތަފާތު ކުރުންތަކެއް ނެތޭ ބުނާ އަޑު އަޑުއަހަމެވެ. އެއްވެސް ދާއިރާއެއްގައި އަންހެނުންނަށް ފުރުސަތު ނެތް ކަމަށް ނޫނީ ހުރަސްތަކާއި ކުރިމަތިވާ ކަމަށް ގަބޫލުކުރާ ދިވެހި ފިރިހެނުން މަދެވެ. މީގެ ތެރޭގައި ގިނައީ، އަންހެނުންނަށް ގިނަ ދާއިރާތަކުގެ އެކި މަރުހަލާތަކުގައި ގިރާ ކުރަންޖެހޭ އުސް އޮޅިތައް ނައްތާލުމުގެ މަސައްކަތް ކުރެވޭނެ ނޫނީ ބަސް ބުނެވޭނެ ފަންތީގެ ފިރިހެނުންނެވެ.

ސިޔާސީ މައިދާން - ފިރިހެނުންގެ ރަސްކަން!

ރާއްޖޭގައި ޔުނިވާސިޓީތަކުން މަތީ ތައުލީމު ހާސިލްކޮށް ނިމިގެން ނުކުންނަ އަންހެންނުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އައި ނަމަވެސް، ސިޔާސީ މައިދާނުގައި އޮތް ފިރިހެނުންގެ ރަސްކަމަށް މިއިން ޒަމާނެއްގައި ވެސް އަންހެނުންނަށް ވާދަކޮށް ނުލެވޭ ވަރަށް ފިރިހެންވެރިންގެ ބާރު ވަނީ ގަދަކޮށްފަ އެވެ.

އެކި މީހުންގެ ހިޔާލުތަފާތެވެ؛ އެއީ އަންހެނުންގެ ހައްގުތަކާބެހޭ ބަހުސްގައި އަބަދުވެސް ކުރިމަތިވާ އެންމެ ބޮޑު މައްސަލަ އެވެ. އެކަމާއި އެއްކޮޅަށް ވާކާލާތުކުރާ ބޭފުޅުން ވިދާޅުވާ ގޮތުގައި، ސިޔާސީ މައިދާނުގައި އަންހެނުން ރޭސް ފަށަން ޖެހެނީ ފިރިހެނުންނަށް ވުރެ ފަހަތުންނެވެ. ނުފޫޒުގަދަ މުއްސަނދި އާއިލާއެއް ނުވަތަ ވިޔަފާރިވެރިއެއްގެ "ބްލެސިން" ނުލިބި، ސިޔާސީ މައިދާނަށް ނުކުންނަ އޮންނަ ފަށަލަ، ފޫއަޅުވާލެވުނީ ވަރަށް މަދު އަންހެނަކަށެވެ.

ރޭހުގެ މާ ފަހަތުން ފަށައިގެން ސިޔާސީ މައިދާނަށް ނުކުންނަން އޮންނަ ހުރަސްތައް އެންމެ ސަފުކޮށް ފެންނާން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ނަޒަރު ހިންގާލުމުންނެވެ. ނިމެން މިދާ 18 ވަނަ ރައްޔިތިންގެ މަޖިލީހުގައި، އަންހެނުން ތަމްސީލުވާ އަދަދަކީ އެންމެ 6.5 ޕަސަންޓެވެ. މި ތަފާސްހިސާބުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އޭގެ ކުރީގެ މަޖިލީހާއި އަޅާބަލާއިރު، އަންހެން މެމްބަރުންނަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވުމެވެ. އިގުތިސޯދީ އަދި އިޖުތިމާއީ ގޮތުން ސަރަހައްދުގެ އެހެން ގައުމުތަކަށްވުރެ ރާއްޖެ ކުރީގައި އޮތް ނަމަވެސް، މަޖިލީހުގައި އަންހެނުން ތަމްސީލުވާ މިންވަރުގައި ދިވެހިން އުޅެނީ މާ ފަހަތުގަ އެވެ.

އިތުރު ފަސް އަހަރަކަށް ރައްޔިތުންގެ މަންދޫބުން ހޮވަން ފަރި ކުރަމުން އަންނައިރު، މި ފަހަރު ވެސް މި ތަފާސް ހިސާބު ބަދަލުވުމުގެ މާބޮޑު އުއްމީދެއް ނެތެވެ.

"ވާދަ ނުކުރަންޏާ ނުހޮވޭނެ"

މިކަމާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ އެންމެ ބޮޑު ހުއްޖަތަކީ، އިންތިހާބެއްގައި ކާމިޔާބު ކުރެވޭނީ ވާދަ ކޮށްގެންނެވެ. ފާއިތުވި ދެ މަޖިލީސް އިންތިހާބަށް ބަލާއިރު، ވާދަކުރި އަންހެން ކެނޑިޑޭޓުންގެ އަދަދު ހުރީ ހިތާމަކުރަންޖެހޭ މިންވަރުގައި އެވެ. އެންމެން ވެސް ފަހު ބަހަކަށް ބުނަނީ "ވާދަ ނުކުރަންޏާ ނުވޭނެ" އޭ އެވެ.

މި ތަފާސް ހިސާބުތަކަށް ބަލައިލުމުން، އާ ގާނޫނުއަސާސީގެ ދަށުން ތިންވަނަ މަޖިލީހަކަށް މެންބަރުން އިންތިހާބުކުރަން ތައްޔާރުވި އިރު، އަންހެން ކެންޑިޑޭޓުންގެ އަދަދު ފަހަރަކަށް ވުރެ ފަހަރެއް އިތުރުވެފައި ވީނަމަވެސް، ފިރިހެނުންނާއި އަޅާބަލާއިރު، އަދިވެސް މާބޮޑަށް މަދެވެ. އަންނަ މަހުގެ މަޖިލީސް އިންތިހާބުގައި "ރެކޯޑް" އަދަދަކަށް އަންހެނުން ވާދަކުރަން ތައްޔާރުވަމުން އަންނައިރު، މުޅި މަޖިލީސް ތަމްސީލުވާ މިންވަރު، ހަ ޕަސަންޓަށް ވުރެ އިތުރުވުން ވަރަށް ނާދިރެވެ.

ރާއްޖޭގައި އަންހެނުން ފިރިހެނުންނާއި އެންމެ ގާތުން ވާދަކުރަނީ އާބާދީގެ ނިސްބަތުންނެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކުން އާބާދީގައި އަންހެނުންގެ ހިއްސާ 50 ޕަސަންޓަށް އަރާއިރު، އިންތިހާބުތަކުގައި ވާދަކުރާ މަދު އަދި ހިތްވަރު ގަދަ އަންހެން ކެނޑިޑޭޓުން ނާކާމިޔާބުވާ ސަބަބު މިއީ ދިރާސާކުރަންޖެހޭ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ އަޑު އިއްވައި، ހާލަތު ބަދަލުކުރަން ކުރިމަތިނުލާ ހަގީގީ ސަބަބުތައް ދެނެގަންނާކަން އެކަށީގެންވާ މަސައްކަތެއް ކުރެވޭ މަންޒަރެއް ނުފެނެ އެވެ. ރާއްޖޭގައި ތައުލީމީ، ގާބިލް އަންހެން ބޭފުޅުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ގައުމުގެ ބޮޑެތި ނިންމުންތައް ނިންމާ ތަޅުމަށް އަންހެނުން ނުކުންނަން ޖެހިލުންވާ ސަބަބެއް ހޯދަންޖެހެ އެވެ.

މި މައްސަލަ ހައްލުކުރަން މަޖިލީހުގައި އަންހެނުންނަށް ކޯޓާއެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިއްތިހާދު ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އިންތިހާބީ މަގާމުތަކުގައި އަންހެނުން ތަމްސީލުވާ މިންވަރު އިތުރު ކުރުމަށް މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ އުކުޅެކެވެ. ނަމަވެސް، މިކަމުގައި ވެސް، އާންމު އުސޫލުގެ ދަށުން ބޮޑެތި ހިޔާލުތަފާވުންތަކެއް އެބަހުއްޓެވެ.

އެހެނަސް، މި ހުރިހާ ބަހުސެއްގެ ތެރޭގައި ސާފުވާ އެއްކަމެއް އެބަ އޮތެވެ. ގަބޫލު ކުރަންޖެހޭ ހަގީގަތެއް އެބަވެ އެވެ. ރާއްޖޭގައި އަބާދީގައި އަންހެނުންނާއި ފިރިހެނުން ހަމަހަމައިރު، ގައުމުގެ މުސްތަގުބަލާގުޅޭ ހުރިހާ ކަމެއްގައި، ހަމައެކަނި އެއްބައިގެ އަޑުއިވި، އެބައިގެ ފިކުރާއި ވިސްނުމުގެ މައްޗަށް ކަންކަން ނިމިގެން ދިއުމަކީ ގޯހެކެވެ. ގައުމަށް ލިބޭ ހުސްކަމެކެވެ. ގައުމުގެ އިނގިލިތަކުން ގުނާނުލެވޭ ވަރަށް ގިނަ ވަމުންދާ އިގުތިސޯދީ އަދި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައި ލިބޭ ވަރަށް ބޮޑު އުނިކަމެކެވެ.