ހަބަރު

އަންހެނުން ބާރުވެރި ނުވަނީ ގާނޫނު ތަންފީޒު ނުވާތީ: މިނިސްޓަރު

Apr 28, 2019
8

ރާއްޖޭގައި އަންހެނުން ބާރުވެރި ކުރަން މަސައްކަތް ކާމިޔާބު ކުރެވިފައި ނުވަނީ އެކަމަށް އޮތް ގާނޫނު އެކަށީގެންވާ މިންވަރަށް ތަންފީޒު ނުކުރެވޭތީ ކަމަށް، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ޓްރާންޕޭރެންސީ މޯލްޑިވްސް އާއި ޔޫއެންޑީޕީ ގުޅިގެން ހޮޓެލް ޖެންގައި ކުރިއަށް ގެންދާ "ސިމްޕޯސިއަމް އޮން ވިމެންސް ޕޮލިޓިކަލް ޕާޓިސިޕޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޖެންޑާ އިކްއަލިޓީގެ ގާނޫނުގައި ވަކި ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި، ހުރިހާ ފަރާތެއްގެ ޒިންމާތައް ބަޔާންވެފައި އޮންނަ ކަމަށެވެ.

"ޖެންޑާ އިކްއަލިޓީގެ ގާނޫނު ތަސްދީގު ކުރިތާ ތިން އަހަރު ކުރިއަށް އޮތް އޮގަސްޓު މަހު 23 ގައި ފުރޭ އިރު، އަންހެނުން ސިޔާސީ ގޮތުންނާއި އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބާރުވެރި ބަޔަކަށް ނުވެގެން އުޅެނީ ގާނޫނުތަކެއް ނެތިގެންނޭ ދެންނެވޭކަށް ނެތް،" ޝިދާތާ ފާހަގަކުރެއްވި އެވެ.

އަންހެނުން ބާރުވެރިކުރުމަށް ވަރަށް ފުރިހަމަ ގާނޫނެއް ހަދާފައި ނަމަވެސް، އެ ގާނޫނުގައި ބަޔާންކުރާ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުވެގެންދާ މަންޒަރު ފެނިގެން ނުދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސިޔާސީ ގޮތުން އަންހެނުންނަށް ކުރިމަތިވަމުންދާ ހުރަސްތަކަށް އަލިއަޅުވާލައްވަމުން، ޝިދާތާ ވިދާޅުވީ ސިޔާސީ މައިދާނުން އަންހެނުންނަށް ލިބިފައިވާ ކުރިއެރުމަށް ނަޒަރު ހިންގައިލާ އިރު، މާ އުފާވެރި މަންޒަރެއް ނުފެންނަ ކަމަށެވެ.

އަދި ރާއްޖޭގެ އާބާދީގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ދާދި އެއް ހަމައެއްގައި އޮތް އިރު، މުހިންމު ނިންމުންތައް ނިންމާ ފެންވަރުގައި އެ ޖިންސުގެ ހަމަހަމަކަން ފެނިގެން ނުދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނިމިގެން ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ 87 ގޮނޑީގެ ތެރެއިން އަންހެނުން އިންތިހާބުވެފައި ވަނީ ހަތަރު ގޮނޑި އެވެ.