ދުނިޔެއަށް އަންނަ ކޮންމެ އޮއިވަރެއްގައި ރާއްޖެވެސް ޖެހޭ ކަމަށާއި ދިވެހިން މިހާރަށް ވުރެ ބޮޑަށް ލޯ ހުޅުވައި ދަރީންގެ މުސްތަގްބަލް އާރާސްތު ކުރުމުގައި ހޭލުންތެރިވާން ޖެހޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވީ ހޭލުންތެރިކުރުމުގެ ގައުމީ ހަރަކާތް އިފްތިތާހު ކުރަން ބެއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު މިއަދު ވަނީ "މަސަލަސް ރާއްޖެ" ނަމުގައި ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވާފަ އެވެ.
ނައިބު ރައީސް ވިދާޅުވީ ހިންގުމުގެ ނިޒާމު ގާނޫނު އަސާސީގެ ތެރެއިން މިހާރު ބަދަލުވެފައިވާ ކަމަށާއި ތިން ބާރު ވަކިވެފައިވާ ނިޒާމު މިހާރު މިގައުމުގައި ހަރުލާފައިވާ ކަމަށެވެ. އަދި ގާނޫނު ތަކާއި އުސޫލުތައް ހެދިފައިވާއިރު ރައްޔިތުންނަށް ގާނޫނުގައި ބުނެފައިވާ ކަންކަން ވަރަށް ރަނގަޅަށް އެނގެން ޖެހޭ ކަމަށެވެ.
އަދި ވިދާޅުވީ އެކި އެކި ޖަމިއްޔާ އާއު ޖަމާއަތްތަކާ މުއައްސަސާތަކުން ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކަކީ ބަލައިގަންނަ އޭގެ މަންފާ ރައްޔިތުންނަށް ލިބޭ ޕްރޮގްރާމްތަކަށް ވެސް ވާން ޖެހޭނެ ކަމަށެވެ.
ނައިބު ވިދާޅުވީ ކޮންމެ މީހަކީވެސް މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި ވާޖިބުތައް އޮތް މީހެއްކަން ދަންނަން ޖެހޭ ކަމަށާއި ހޭލެއްވުމަކީ ވަކި ބަޔަކު ކުރަންޖެހޭ ކަމެއް ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ހިންގާ މިފަދަ ޕްރޮގްރާމްތަކުން ދަސްވާ އެއްޗެއްގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ވުޖޫދަށް އައި ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމުގެ ގާނޫނުގައި ބުނާ ހައްގުތަކަށް ރައްކާތެރިވެ އެއަށް ހުރުމަތްތެރިިކޮށް ހިތައި ކުޑަކުދިންނަށް ރައްކާތެރިކަން ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރަން. ކުށެއް ކޮށްފި ނަމަ ވަކި މީހަކަށްވީތީ ފޮރުވައިގެން ނުތިބެ ވަކި މީހަކަށްޓަކާ އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ނުޖައްސާ ނުތިބުމަށް ގޮވާލަން. އަދި ގަބޫލުކުރާ ގޮތުގައި ދިވެހިންނަކީ އެއަށްވުރެ ތަހްޒީބުވެ ކަންކަން ފޮރުވައިގެން ތިބޭނެ ބައެއް ނޫންކަން. އަދި މިކަން ކާމިޔާބު ކުރުމަށްޓަކާ ހުރިހާ ރައްޔިތުން އަތުގުޅާ މަސައްކަތްތަކެއް ކުރުމަށް ގޮވާލަން." މިއަދުން ފެށިގެން އަމަލު ކުރަން ފަށާ ކުޑަކުދިންގެ ހައްގުތަކާބެހޭ ގާނޫނަށް އަލިއަޅުވާލަމުން ފައިސަލް ވިދާޅޫވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ބަވަނަ ވެފައިވާ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހިނގަމުންދާ ކޮންމެ ކަހަލަ އޮއިވަރެއް ކަމުގައިވިޔަސް، އެއީ ސިޔާސީ އޮއިވަރެއްވިޔަސް އިޖުތިމާއީ އޮއިވަރެއް ވިޔަސް އަދި އެކުވަމުންދާ އެކި އާދަތަކާ ކަންތައްތަކަށްވި ނަމަވެސް، ރާއްޖެއާއި ހަމަޔަށްވެސް އެ އަސަރުތަކާއި އޮއެވަރުތައް ފޯރަމުންދާ ކަމަށެވެ. މިފަދަ އޮއެވަރެއް މި މުޖުތަމައުއަށް އަންނަނީ އާދަތަކެއްގެ ސިފފައިގައްޔާއި އަދި ކޮންމެހެން ވާންޖެހޭ އިނގެންޖެހޭ ކަންތައްތަކެއްގެ ސިފައިގައި މުޖުތަމައުގެ އަފްރާދުންގެ ސިކުނޑީގައި ހަރުލާކަމީ އެކަމާމެދު ވިސްނަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މުޖުތަމައުއެއް ތަރައްގީވާނީ އެ ތަނެއްގައި ދިރިއުޅޭ ބައެއް ހޭކުންތެރިވެފައިވާ މިންވަރަކުންކަން އެއީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެއ ހާލަތު މިހާރު އޮތް ގޮތުން ޑިމޮކްރަސީ ތައާރަފްކުރުމުން މިކަމަށް ހަމަޔަގީނުންވެސް ހުރިހާ ރައްޔިތުން ހޭލުންތެރިވާންޖެހޭނެ ކަމަށާއި އަދި ހޭލުންތެރި ކުރުވަންވެސް ޖެހޭ ކަންކަތައްތަކަކާއި ހައްގުތަކެއްވާ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އިލެޝަންސް ކޮމިޝަނުން އސްނަގައިގެން ހިންގާ ގައުމީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި މިހުރިހާ ކަމަކަށް އަލިއަޅުވާލާނެ ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ މުއައްސަސާތަކުން މި ޕްރޮގްރާމްގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅޫވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިސްނަގައިގެން ހިންގާ "މަސަލަސް ރާއްޖެ" ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި ބައިވެރިިވާ މުއައްސަސާތަކަކީ:
- އެންޓި ކޮރްޕްޝަން ކޮމިޝަން
- ސިވިލް ސާވިސްގެ އިދާރާ
- އެޓާނީ ޖެނެރަލްގެ އޮފީސް
- ބްރޯޑްކާސްޓިން ކޮމިޝަން
- ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް
- ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް
- މޯލްޑިވްސް ޕޮލިސް ސާވިސް
- ލޯކަލް ގަވާމަންޓް އޮތޯރިޓީ
- ޕެންޝަން އޮފީސް
- ގައުމީ ޔުނިވާސިޓީ
- ޓްރާންސްޕޭރެންސީ މޯލްޑިވްސް
- ޖެންޑާ މިނިސްޓްރީ
- ހޯޕް ފޯ ވިމެން މޯލްޑިވްސް
- ޔޫތު މިނިސްޓްރީ
- އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް
- އިލެކްޝަންސް ކޮމިޝަން
ގައުމީ ހޭލުންތެރިކަމުގެ ޕްރޮގްރާމަކީ އިލެކްޝަންސް ކޮމިޝަނުން އިސް ނަގައިގެން ގާނޫނީ ގޮތުން އަދި އިޖުތިމާއީ ގޮތުން އަދި އެބައެއްގެ ގަވާއިދުތަކާއި ގާނޫނުތަކުގައި ހިމެނިފައިވާ އޮނިގަނޑުތެރޭގައިވާ ޒިންމާ ހުރިހާ މުއައްސަސާތަކަށް ކިޔައިދީ ހޭލުންތެރިކުރުމަށް ބޭއްވޭ ހާއްސަ ޕްރޮގްރާމެކެވެ. އަދި ރައްޔިތުންނާއި ހަމަޔަށް މިފަދަ ޕްރޮގްރާމްތައް ގެންނާނެ ގޮތްވެސް މި ޕްރޮގްރާމްގެ ތެރެއިން ކިޔައިދެވޭނެ އެވެ.