ހަބަރު

އިންތިހާބު ރަނގަޅަސް އަންހެނުން މަދުވުމުން ކޮމަންވެލްތުގެ ކަންބޮޑުވުން

Apr 10, 2019
4

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ހުރިހާކަމެއް ވަރަށް އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސްފައިވީ ނަމަވެސް، ސިޔާސީ މައިދާނުގެ އަންހެނުންގެ ދައުރު އިތުރުކުރަން މަސައްކަތް ކުރަންޖެހިފައިވާކަމަށް ކޮމަންވެލްތުން ބުނެފި އެވެ.

މިފަހަރުގެ އިންތިހާބުގެ ކަންކަން އޮބްޒާވްކުރުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮމަންވެލްތުގެ އަށް މެމްބަރުންގެ ޓީމެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވުމަށްފަހު ނެރުނު ބަޔާނުގައި އިންތިހާބުގެ ހުރިހާކަމެއް ވަރަށް އޮމާންކަމާއި އިންސާފުވެރިކޮށް ގެންގޮސްފައިވާތީ އިލެކްޝަންސް ކޮމިޝަނަށް ވަނީ ތައުރީފުކޮށްފަ އެވެ.

ނަމަވެސް، އެވަފްދުގައި އިސްކޮށް ހުންނެވި ޖެމެއިކާގެ ކުރީގެ ބޮޑުވަޒީރު ބްރޫސް ގޯލްޑެން ވިދާޅުވީ އިލެކްޝަން އޮފިޝަލުންގެ ގޮތުގައި ގިނަ އަދަދެއްގެ އަންހެނުން ހަރަކާތްތެރިވެފައިވާ ވީނަމަވެސް، މިފަހަރު ވެސް ފިރިހެންނުނާއި އަޅާބަލާއިރު އިންތިހާބުގައި ވާދަކުރި އަންހެނުންގެ އަދަދު މަދުވުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ސިޔާސީ ޕާޓީތަކުންނާއި އަލަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުންވެސް އިތުރު މަސައްކަތްތަކެއް ކުރުމަށް ގޯލްޑެން ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

އިންތިހާބާގުޅޭ ކަންކަން މައިގަނޑުގޮތެއްގައި ރަނގަޅު ނަމަވެސް، މީގެ ކުރިން ވެސް ފާހަގަކުރެވިފައިވާ ވޯޓު ގަތުމާއި، ކެމްޕޭނު ފައިސާއަށް ފާރަވެރިވުން ފަދަ ކަންބޮޑުވުންތައް އަދިވެސް ހުރިކަމަށް އެ ވަފުދުން ފާހަގަކޮށްފައިވެ އެވެ.

އޮބްޒާވަރުންގެ ވަފްދުން ފާހަގަކުރެވުނު ހުރިހާ ކަމެއްގެ މައްޗަށް އެކުލަވާލެވޭ ތަފްސީލީ ރިޕޯޓެއް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހެޅޭނެކަމަށްވެސް ގޯލްޑެން ވިދާޅުވި އެވެ.

ރާއްޖެ ކޮމަންވެލްތްގެ ގައުމެއްގެ ގޮތުގައި 34 އަހަރުވަންދެން އޮތުމަށްފަހު ވަކިވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގަ އެވެ. އޭރުގެ ސަރުކާރުން ބުނެފައިވަނީ ކޮމަންވެލްތުން ވަކިވާން ޖެހުނީ ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ކޮމަންވެލްތުން ނުފޫޒު ފޯރުވަމުން ދާތީ ކަމަށެވެ.

ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ދަށުން ރާއްޖެ ވަނީ މިހާރު އަލުން ކޮމަންވެލްތްގެ މެންބަރުކަން ހޯދަން ހުށަހަޅައިފަ އެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި 30 އަށް ވުރެ ގިނަ ބޭރުގެ އޮބްޒާވަރުން ހަރަކާތްތެރިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މައުލޫމާތުދީފަ އެވެ.