ހަބަރު

ވޯޓުލާ ވަގުތު އިތުރު ކުރާއިރު ހާއްސަ ހާލަތްތަކަށް ބަލަން އެދެފި

Apr 10, 2019
1

އިންތިހާބުތަކުގައި "ހާއްސަ ހާލަތްތަކުގައި" މެނުވީ ވޯޓުލެވޭ ވަގުތު އިތުރުނުކުރުމަށް ކޮމަންވެލްތުން އިލެކްޝަންސް ކޮމިޝަނަށް އިލްތިމާސްކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލުން ކުރިއަށް ދަނިކޮށް، އެދުވަހު އާދަޔާ ހިލާފަށް ހޫނުގަދަވުމުން ވޯޓުލާން ބޭނުންވާ މީހުންނަށް އިތުރު ފުރުސަތު ދޭންކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ ކުއްލި ގޮތަކަށް ވޯޓުލާ ވަގުތު އިރުއޮއްސި 6.00 އާ ހަމައަށް އިތުރުކޮށްފަ އެވެ.

މިފަހަރުގެ އިންތިހާބުގެ ކަންކަން އޮބްޒާވްކުރުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކޮމަންވެލްތުގެ އަށް މެމްބަރުންގެ ޓީމެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވުމަށްފަހު ނެރުނު ބަޔާނުގައި އެކަން ވަނީ ފާހަގަކޮށްފަ އެވެ.

އަދި އިންތިހާބުތަކުގައި ވޯޓުލާ ގަޑި ކަނޑައެޅުމުގެ އިހުތިޔާރު ގާނޫނުން އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވީ ނަމަވެސް، ވޯޓުލަމުން ދަނިކޮށް ވަގުތު އިތުރުކުރުމުގައި ޒިންމާދާރުވާންޖެހޭކަމަށް އެ ވަފުދުން ފާހަގަކޮށްފައިވެ އެވެ.

"އިންތިހާބު އޮންނަ ދުވަހު ވޯޓުލާ ވަގުތައް ބަދަލު ގެންނައުމުގައި، ކުރިން ލަފާނުކުރެވޭނެފަދަ ހާއްސަ ހާލަތްތަކަށް ރިއާއަތްކުރަންޖެހޭ،" އެވަފްދުގައި އިސްކޮށް ހުންނެވި ޖެމެއިކާގެ ކުރީގެ ބޮޑުވަޒީރު ބްރޫސް ގޯލްޑެން ވިދާޅުވި އެވެ.

ނަމަވެސް، އިންތިހާބުގެ ހުރިހާކަމެއް މައިގަނޑު ގޮތެއްގައި ވަރަށް އޮމާންކަމާއި އިންސާފުވެރިކޮށް ގެންގޮސްފައިވާތީ އިލެކްޝަންސް ކޮމިޝަނަށް އެ ވަފުދުން ވަނީ ތައުރީފުކޮށްފަ އެވެ.

އޮބްޒާވަރުންގެ ވަފްދުން ފާހަގަކުރެވުނު ހުރިހާ ކަމެއްގެ މައްޗަށް އެކުލަވާލެވޭ ތަފްސީލީ ރިޕޯޓެއް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހެޅޭނެކަމަށްވެސް ގޯލްޑެން ވިދާޅުވި އެވެ.

ރާއްޖެ ކޮމަންވެލްތްގެ ގައުމެއްގެ ގޮތުގައި 34 އަހަރުވަންދެން އޮތުމަށްފަހު ވަކިވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގަ އެވެ. އޭރުގެ ސަރުކާރުން ބުނެފައިވަނީ ކޮމަންވެލްތުން ވަކިވާން ޖެހުނީ ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ކޮމަންވެލްތުން ނުފޫޒު ފޯރުވަމުން ދާތީ ކަމަށެވެ.

ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ދަށުން ރާއްޖެ ވަނީ މިހާރު އަލުން ކޮމަންވެލްތްގެ މެންބަރުކަން ހޯދަން ހުށަހަޅައިފަ އެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި 30 އަށް ވުރެ ގިނަ ބޭރުގެ އޮބްޒާވަރުން ހަރަކާތްތެރިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މައުލޫމާތުދީފަ އެވެ.