ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ވޯޓު ގަތުމުގެ މައްސަލަ ހައްލުކުރުމަށް ކެމްޕޭނު ފައިސާ ލިމިޓުކޮށް، ކެމްޕޭނަށް ކުރާ ހަރަދުތައް ރަނގަޅަން ބަލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގެ ކަންތައްތައް ބެލި ކޮމަންވެލްތުގެ މާހިރުންގެ ޓީމުން ބުނެފި އެވެ.
މަޖިލިސް އިންތިހާބު އޮބްޒާވްކުރުމަށް ފަހު ކޮމަންވެލްތުގެ މާހިރުން އެކުލަވައިލި ތަފްސީލް ރިޕޯޓުގައި ބުނެފައިވަނީ މަޖިލީސް އިންތިހާބުގެ ކަންތައް ކުރިއަށް ދިޔައީ އިންސާފުވެރިކަމާއެކު ހަމަހަމަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
ނަމަވެސް، ދެން އަންނަ އިންތިހާބަކަށް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ވޯޓު ގަތުމުގެ މައްސަލައިގެ އިތުރުން، ކެމްޕޭނުތަކަށް ފައިސާ ހަރަދުކުރުމުގައި މިހާރަށްވުރެ ހާމަކަން ބޮޑުގޮތެއްގައި، އޮޑިޓުކުރުން ހިމެނެ އެވެ.
ރަނގަޅުކުރަން ހުށަހަޅާފައިވާ ބައެއް ކަންތައްތައް
- އިންތިހާބުގައި ވާދަކުރާ އަންހެނުންގެ އަދަދު އިތުރުކުރަން މަސައްކަތް ކުރުން.
- ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުން ވޯޓު ލާ ދާއިރާ ކަނޑައެޅުމުގައި އެ މީހުން ވަކި މުއްތަކަށް ދިރިއުޅުނު ތަންތަނަށް ރިއާޔަތް ކުރުން.
- ވޯޓް ގަތުން ހުއްޓުވަން އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތްކޮށް ފިޔަވަޅުތައް އެޅުން.
- ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުން އިންތިހާބަށް ހަރަދު ކުރާއިރު ދެފުށް ފެންނަ ގޮތަކަށް، އޮޑިޓުކޮށްގެން މައުލޫމާތު އާންމުކުރުން.
- އިންތިހާބުގެ ދުވަސްވަރު މީޑިއާއިން މަސައްކަތްކުރާ ގޮތް މޮނިޓާކޮށް ދަމަހައްޓަން ޖެހޭ ގަވައިދުތައް ކަމާ ބެހޭ ފަރާތްތަކުން ދެމެހެއްޓުން.
- ވޯޓުލެވޭ ގަޑިއަށް ކުއްލި ބަދަލު ގެނައުމުގެ ބަދަލުގައި އެ ގަޑިތައް ގާނޫނެއްގައި ކަނޑައެޅުން.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ރެޖިސްޓްރީއަށް ރިއާޔަތްކޮށް އެފަދަ މީހުން ވޯޓުލުމުން މަހުރޫމްނުވާނޭ ގޮތަކަށް ދުރާލާ ތައްޔާރުވުން.
އޭގެ އިތުރުން ސިޔާސީ ޕާޓީތަކަށް އާމްދަނީ ލިބުނު ގޮތާއި ހަރަދު ކުރި ގޮތުގެ ހިސާބުތައް ރަނގަޅަށް ބެލެހެއްޓުމަށް ވެސް ލަފާދީފައި ވެ އެވެ. އަދި ރައްޔިތުން އިންތިހާބުކުރާ މަންދޫބުން އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީ ކުރުވުމަށްޓަކައި، ކެންޑިޑޭޓުންނާއި ޕާޓީތަކުގެ ކެމްޕެއިނުތައް ވަކި ސިޔާސަތުތަކެއްގެ މައްޗަށް ބިނާކުރަންޖެހޭކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޓަކައި ރާއްޖޭން ކުރަން ރިޕޯޓްގައި ލަފާދީފައިވާ ކަންތައްތަކުގެ ތެރޭގައި އިންތިހާބުތަކަށް ނެރޭ އަންހެން ކެންޑިޑޭޓުން އިތުރުކޮށް އެ މީހުންނަށް ފަންނީ އަދި މާލީ ގޮތުން ދޭ އެހީތެރިކަން އިތުރުކުރުން ހިމެނެ އެވެ. އަދި ލީޑަޝިޕްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ގުޅިގެން މަސައްކަތް ކުރަން ވެސް ލަފާދީފައި ވެ އެވެ.
އޭޕްރީލް މަހު ބޭއްވި އިންތިހާބުގައި ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވަނީ 65 ގޮނޑި ނަގައިގެން ތާރީހީ ކާމިޔާބީއެއް ހޯދައިފަ އެވެ.