ހަބަރު

"މި އިންތިހާބަކީ ޑިމޮކްރަސީ ވަރުގަދަކުރަން ރައްޔިތުންނަށް ލިބޭ ފުރުސަތެއް"

މި އިންތިހާބަކީ ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ވަރުގަދަކުރުމަށްޓަކައި ދިވެހި ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށް ކޮމަންވެލްތުގެ އޮބްސާވަރުންގެ ވަފްދުގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

އިންތިހާބު އޮބްޒާވްކުރުމަށް ކޮމަންވެލްތުގެ އަށް މެމްބަރުންގެ ޓީމެއް އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައިވާކަމަށް އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. މިވަފްދުގައި އެނެމެ އިސްކޮށް އުޅުއްވަނީ ޖެމެއިކާގެ ކުރީގެ ބޮޑުވަޒީރު ބްރޫސް ގޯލްޑެން އެވެ.

"މި އިންތިހާބަކީ ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ވަރުގަދަކުރުމަށްޓަކައި، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދޭނެ މަންދޫބުންނަށް ވޯޓު ދިނުމަށް ލިބޭ ރަނުގެ ފުރުސަތެއް،" ވޯޓުލުން ފެށުމުގެ ކުރިން ގޯލްޑެން ވިދާޅުވިކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަތޮޅު ތެރޭގައި ވެސް އޮބްޒާވަރުންގެ ޓީމުން ވަނީ އިންތިހާބުގެ ތައްޔާރީތައް ގޮސްފައިވާގޮތް ބަލައިފަ އެވެ.

މިހާރު ކުރިއަށްދާ މަޖިލިސް އިންތިހާބު އޮބްޒާވްކުރުމަށް ހަރަކާތްތެރިވާ ކޮމަންވެލްތުގެ ވަފްދަށް ފާހަގަވި ކަންކަން އަންނަ އަންގާރަ ދުވަހު ހާމަކުރާނެކަމަށް އެ ޖަމިއްޔާއިން އިތުރަށް ބުނެފައިވެ އެވެ. އަދި ފުރިހަމަ ރިޕޯޓް ފަހުގެ ތާރީހެއްގައި އާންމުކުރާނެކަމަށްވެސް ކޮމަންވެލްތުން ވަނީ ހާމަކޮށްފަ އެވެ.

ރާއްޖެ ކޮމަންވެލްތްގެ ގައުމެއްގެ ގޮތުގައި 34 އަހަރުވަންދެން އޮތުމަށްފަހު ވަކިވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގަ އެވެ. އޭރުގެ ސަރުކާރުން ބުނެފައިވަނީ ކޮމަންވެލްތުން ވަކިވާން ޖެހުނީ ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ކޮމަންވެލްތުން ނުފޫޒު ފޯރުވަމުން ދާތީ ކަމަށެވެ.

ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ދަށުން ރާއްޖެ ވަނީ މިހާރު އަލުން ކޮމަންވެލްތްގެ މެންބަރުކަން ހޯދަން ހުށަހަޅައިފަ އެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި 30 އަށް ވުރެ ގިނަ ބޭރުގެ އޮބްޒާވަރުން ހަރަކާތްތެރިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މައުލޫމާތުދީފަ އެވެ.