ހަބަރު

މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދައުވާ ކުރަން ފޮނުވަނީ

ނިމި ދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މުއްދަތު ހަމަވި އިރު މާލީ ބަޔާން ހުށަަހަޅާފައިނުވާ 39 ކެންޑިޑޭޓުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް މި ހަފުތާ ތެރޭގައި ފޮނުވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ ބާޔާނެއް އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް މުއްދަތު ހަމަވިއިރު، އިންތިހާބުގައި ވާދަކުރި 386 ކެނޑިޑޭޓުންގެ ތެރެއިން ބަޔާން ހުށަހަޅާފައިވަނީ 347 ކެނޑިޑޭޓުން ކަމަށް އީސީން ވަނީ ބުނެފަ އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، މި ހަފުތާ ތެރޭގައި އެ ކެންޑިޑޭޓުންނަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.

"މާލީ ބަޔާން ހުށަނާޅާ ކެނޑިޑޭޓުންނަށް ދައުވާ ކުރުމަށް މިހަފްތާ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުން މިދަނީ،" އަކްރަމް ވިދާޅުވި އެވެ.

މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުން

  • އަމިއްލަ 31 ކެންޑިޑޭޓަކު
  • ޕީޕީއެމްގެ 2 ކެންޑިޑޭޓުން
  • ޕީއެންސީގެ 1 ކެންޑިޑޭޓު
  • އަދާލަތުގެ 1 ކެންޑިޑޭޓު
  • އެމްޓީޑީގެ 2 ކެންޑިޑޭޓުން
  • ލޭބާ ޕާޓީގެ 2 ކެންޑިޑޭޓުން

ގާނޫން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، މާލީ ބަޔާން ހުށަނާޅައިފި ނަމަ އަދަބެއްގެ ގޮތުގައި ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރ. އާއި 24،000 ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ.