ނިމިގެން ދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު ރޭ ދަންވަރު 12:00 އާ ހަމައަށް ހަމަވި އިރު އެ ބަޔާން ހުށަަހަޅާފައިނުވާ 39 ކެންޑިޑޭޓުންނާމެދު ފިޔަވަޅުއެޅުމާމެދު ގޮތެއް ނިންމާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ ބާޔާނެއް އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް، ރޭ 12:00 އާ ހަމައަށް އިންތިހާބުގައި ވާދަކުރި 386 ކެނޑިޑޭޓުންގެ ތެރެއިން ބަޔާން ހުށަހަޅާފައިވަނީ 347 ކެނޑިޑޭޓުންކަމަށް އީސީން ވަނީ ބުނެފަ އެވެ.
އީސީން މިއަދު ބުނި ގޮތުގައި، މަޖިލީސް އިންތިހާބު ކާމިޔާބުކުރެއްވި ހުރިހާ ކެނޑިޑޭޓުން ބަޔާން ހުށަހަޅާފައިވާކަމަށާއި، އެކަން ނުކުރާ ކެންޑިޑޭޓުންނާމެދު ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅުމާމެދު ކޮމިޝަނުގެ ބައްދަލުވުމެއްގައި ނިންމާނެ ކަމަށެވެ.
މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުން
- އަމިއްލަ 31 ކެންޑިޑޭޓަކު
- ޕީޕީއެމްގެ 2 ކެންޑިޑޭޓުން
- ޕީއެންސީގެ 1 ކެންޑިޑޭޓު
- އަދާލަތުގެ 1 ކެންޑިޑޭޓު
- އެމްޓީޑީގެ 2 ކެންޑިޑޭޓުން
- ލޭބާ ޕާޓީގެ 2 ކެންޑިޑޭޓުން
ގާނޫން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، މާލީ ބަޔާން ހުށަނާޅައިފި ނަމަ އަދަބެއްގެ ގޮތުގައި ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރ. އާއި 24،000 ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ.
ގާނޫނުގައިވާ ގޮތުން ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓް ކުރާ ފަރާތަކުން އޮޑިޓުކޮށްފައިވާ މާލީ ބަޔާނަކަށްވާން ޖެހެ އެވެ.