އިލެކްޝަންސް ކޮމިޝަން

މާލީ ބަޔާން ހުށަހެޅީ 347 ކެންޑިޑޭޓުން

Apr 28, 2019
7

ނިމިގެން ދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު މިރޭ 12:00 އާ ހަމައަށް ހަމަވި އިރު އެ ބަޔާން ހުށަަހަޅާފައި ވަނީ 347 ކެންޑިޑޭޓަކު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ

އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ ބާޔާނެއް އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށައަޅަން ޖެހޭނެ އެވެ.

އަދި އެ މުއްދަތުގެ ތެރެޭގައި މާލީ ބަޔާން ހުށަނާޅައިފި ނަމަ އަދަބެއްގެ ގޮތު ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރ. އާއި 24،000 ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ.

މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތު ހަމަވީ މިރޭ 12:00 އަށެވެ. އީސީގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ މުއްދު ހަމަވި އިރު މާލީ ބަޔާން ފުރިހަމަކޮށް ހުށަަހަޅާފައި ވަނީ އިންތިހާބުގައި ވާދަ ކުރެއްވި 386 ކެންޑިޑޭޓުންގެ ތެރެއިން 347 ކެންޑިޑޭޓަކު ކަމަށެވެ.

މާލީ ބަޔާން ހުށަހެޅުމުގެ ތަފާސްހިސާބު

  • ބަޔާން ހުށަހެޅީ: 347 ކެންޑިޑޭޓުން
  • ބަޔާން ހުށަ ނާޅަނީ: 39 ކެންޑިޑޭޓުން
  • އަމިއްލަ 31 ކެންޑިޑޭޓަކު ބަޔާން ހުށައެއް ނާޅާ
  • ޕާޓީތަކުގެ 8 ކެންޑިޑޭޓަކު ބަޔާން ހުށައެއް ނާޅާ
  • ޕީޕީއެމްުން ބަޔާން ހުށަނާޅާނީ 2 ކެންޑިޑޭޓުން
  • ޕީއެންސީން ހުށަ ނާޅަނީ 1 ކެންޑިޑޭޓުން
  • އަދާލަތުން ހުށަނާޅަނީ 1 ކެންޑިޑޭޓުން
  • އެމްޓީޑީން ހުށަ ނާޅަނީ 2 ކެންޑިޑޭޓުން
  • ލޭބާ ޕާޓީން ހުށަނާޅަނީ 2 ކެންޑިޑޭޓުން

މާލީ . ބަޔާން ހުށަހެޅުމުގެ ހިސާބުތައް ދައްކާ ގޮތުން ހުށަނާޅަނީ 39 ކެންޑިޑޭޓެކެވެ. އޭގެ ތެރޭގައި ޖުމްހުރީ ޕާޓީ އާއި އެމްޑީޕީ އަދި އެމްޑީއޭގެ ކެންޑިޑޭޓަކު ނުހިމެނެ އެވެ.

ގާނޫނުގައިވާ ގޮތުން ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓް ކުރާ ފަރާތަކުން އޮޑިޓުކޮށްފައިވާ މާލީ ބަޔާނަކަށްވާން ޖެހެ އެވެ.