ރަށަކުން މީހަކު މާލެ އަންނަ ނަމަ އަބަދުވެސް މި އަންނަނީ ރަށުން ހަދާ ކޮންމެވެސް ކާ އެއްޗެއް ފޮށިގަނޑުގަނޑުގެ އިތުރުން ދަޅު ދަޅުގައި ބަންދުކޮށް ހިފައިގެނެވެ. ހަދިޔާ ފޮށިގަނޑެއް ބަންދުކޮށްގެން އެ ހިފައިގެން ނޫނީ މާލެއަކަށް ނާރަ އެވެ. ދެކުނު އަތޮޅުތަކުން ނަމަ ހަދިޔާ ފޮށިގަނޑުގައި ކޮންމެހެން ވެސް އައްޑޫ ބޮނޑި، ތެލުލި އަލަ ނޫނީ ހަވާދު ފުޅިއެކެވެ. އުތުރުގެ ރަށުންނަމަ ބަނބުކެޔޮ ދަޅަކާއި ކަނަމަދު މެޓާގަނޑެކެވެ.
އަދި މި ފަހަކަށް އައިސް އަހަރުމެންގެ ތެރޭގައި ކަނަމަދުގެ މަގުބޫލުކަން ކުއްލިއަކަށް ވަނީ މާ ބޮޑުވެފަ އެވެ. މިހާރު ވައިގައި ހިފައިގެން އުޅެނީ މާ ބޮޑު ކަނަމަދު މެޓާގަނޑެކެވެ. މި މެޓާގަނޑު މީރުވެފައި ހިނގާލެއް ބާރު ކަމުން ދިވެހިންގެ މިފަދަ ކާ އެއްޗެއްސަށް ޒުވާނުންގެ މެދުގައި އޮންނަ ޝައުގުވެރިކަން އިތުރުވާކަން އެނގެ އެވެ.
ކަނަމަދާއި ގެރިކިރު އެއްކޮށްގެން ހަދާފައި ހުންނަ މި މެޓާގަނޑު ޓެކްސްޗާގެ ގޮތުން ބޮޑަށް އޮންނަނީ ބޮޑު ބިޔަ ޓޮފީގަނޑެއް ގޮތަށެވެ.
މިހާރު ކާބޯތަކެތި ވެސް ސަޅިވަނީ އޭގެ ރަހައިގެ އިތުރުން ފޮޓޯއަށް ވެސް ރީތިވަންޏާ އެވެ. ސަޅިފޮޓޯއެއް ނެގެންޏާ އެ ސަޅިވީ އެވެ.
ކަނަމަދު މެޓާގަނޑު މިއީ އުތުރުގެ ބައެއް ރަށްރަށުގެ ހާއްސަ އެއްޗެކެވެ. ވަކި ހާއްސަ ފިލާގަނޑެއް ބޭނުން ކޮށްގެން ހަދާފައި ހުންނަ މި މެޓާގަނޑުގެ އެކި އެކި ޑިޒައިންތައް ވެސް ހުރެއެވެ. އަދި މި ޑިޒައިންތަކަށް ހަދާފައި ހުންނަ ކަނަމަދު މެޓާގަނޑުގެ ފޮޓޯތައް ޓުވިޓާގެ އިތުރުން އިންސްޓަގްރާމް ފީޑުތަކުގައި ވެސް ދައުރަވަމުން ގޮސް ބޮޑު މަގުބޫލު ކަމެއް ހޯދަމުން އަންނަ އިރު މެޓާގަނޑުގެ ފޮޓޯ ފެންނަ ކޮންމެ މީހަކު ވެސް ކާ ހިތް ޖައްސުވާފައި ވެއެވެ.
ކަނަމަދު މެޓާގަނޑުގެ އަޖުމަ ބަލާފައި ތިބިމީހުން ބުނާ ގޮތުގައި ކަނަމަދު ކޭކު އަދި އެއްޗަކަށް ނުވެއެވެ. ކަނަމަދު މެޓާގަނޑުވަރެއް ހަމަ ނެތެވެ. އަދި ކަނަމަދަށް ހިތްޖެހިފާވާ މީހުންނަށް މިވަރު އެއްޗެއް ވެސް ނެތެވެ.
ހަވީރު ސައިގެ އިތުރުން ހަމަ ކޮންމެވަގުތެއްގައި ވެސް ފޮނިއެއްޗެއް ހަފާލަން ބޭނުންނަމަ ކާލަން މީރު އެއްޗެއް ކަމަށް އާމްދަނީ ހޯދަން މި މެޓާގަނޑު ހަދައި އުޅޭ ހދ. ނެއްލައިދޫ މީހަކު ބުންޏެވެ. އޭނާ ބުނި ގޮތުންނަމަ 1 ޖޯޑު މަދުން ހަދާ މެޓާގަނޑެއް އާއްމުކޮށް އެ ރަށުގައި ވިއްކަނި 100 ރ. އަށެވެ.
މާ ގިނަ އެއްޗެއް މި މެޓާގަނޑަށް ނޭޅިޔަސް މިއަށް އަޅާ ކަނަމަދުން އެކަނިން ވެސް މީގެ އަގު އުފުލެ އެވެ. ކަނަމަދު މެޓާގަނޑު މާލެ ގެނެސް މިހާރު ފޭސްބުކް މެދުވެރިކޮށް ވެސް ވިއްކާ މީހުން އުޅެ އެވެ.
ދެކުނުން އައްޑޫއަށް ހާއްސަ އެއްޗެއް ކަމަށްވާ އައްޑޫ ބޮނޑިއަކީ ދެކުނުގެ އެހެން އަތޮޅުތައް ކަމުގައިވާ ފުވައްމުލަކާއި ގއ. އާއި ގދ. ގައި ހަދާ ހާއްސަ ހަދިޔާއެއްގެ ގޮތުގައި ވިއްކާ އެއްޗެއްކެވެ. މާ ވަރުގަދައަށް ހަފަން ނުޖެހުނަސް ދިޔާ ހަކުރާއި ގަބުޅި އަޅައިގެން ކެޔޮފަތުގައި އޮޅާލާފައި ހުންނަ މި ބޮނޑިއަކީ ގިނަ މީހުންގެ މެދުގައި މަގުބޫލު އަދި ކާހިތްވާ ވެސް ބޮނޑިއެކެވެ.
ބާޒަރުގައި އާއްމުކޮށް ވިއްކަން ހުންނަ އެއްޗިސްއަށް ވުރެ ވެސް ދެކުނުން ގެންނަ ބޮނޑި ހާއްސަވަނީ ތާޒާ ވުމުންނެވެ. ވަޅޯމަހާއި ލައިގަން މަސްދަތުރެއްގައި ނުވަތަ އެހެންވެސް އެއްވެލުމެއްގައި ލުއިކާނާއެއް ގޮތަށް ނުވަތަ އައްޑޫ ގުޅައާއި އެއްކޮށް އެއްވަގުތަކު ސައިތައްޓެއް ބޯލަން ވެސް މި ބޮނޑި ވަރަށް ބަރާބަރެވެ.
އައްޑޫ ބޮނޑިއަށްވުރެ ވެސް ބޮޑަށް ކަނަމަދު މެޓާގަނޑުގެ މިއުޅެނީ މިދުވަސްވަރު ވައިގެ ތެރޭގަ އެވެ. އުތުރުގެ ރަށަކަށް ދެވިއްޖެނަމަ މި މެޓާގަނޑު ހަދާ މަންޒަރުގެ ކުޑަ ވީޑިއޯއެއް ނޫނީ ފޮޓޯއެއް އިންސްޓަގްރާމް ފީޑަށް ނުލައި ދަތުރު ފުރިހަމައެއް ނުވެއެވެ. ކަނަމަދު މެޓާގަނޑާއި އައްޑޫބޮނޑި މިއީ ދިވެހިވަންތަ ރަހަތަކުގެ ތެރެއިން އަދި ފޮނި ރަހާގައިވެސް ފާހަގަކޮށްލެވޭ ދެ ބާވަތެކެވެ.
އައްޑޫ ބޮނޑިއާއި ކަނަމަދު މެޓާގަނޑު މީ ހަދިޔާ ފޮށިގަނޑުން ތެރެއިން ފެންނާނެ އެންމެ ދިވެހިވަންތަ އަދި އެންމެ ގިނަ ބަޔަކަށް ކަމުދާނެ ފޮނި ކާނާ ކަމަށް ދެބަސްވެވޭކަށް ނެތެވެ. މިތަނުން ބޮޑަށް މީރީ ކޮއްޗެއް؟