ދިވެއްސެއްގެ ގޮށްޖެހުމުގެ ހުނަރު މެލްބަންއަށް!

ގޭތެރެ ޒީނަތްތެރި ކުރަން ގަސްމުށިތައް އެލުވައިލުން މިހާރު އޮތީ ވައިގައި ހިފާފަ އެވެ. މެކްރަމޭ އަކީ މިހާރު އެންމެ ޓްރެންޑިން ކްރާފްޓެވެ. އަހަރުމެންގެ ތެރޭގައި ވެސް ވާޓިކަލް ގާޑެނިން އަށް އޮންނަ ޝައުގުވެރިކަން އަންނަނީ އިތުރުވަމުންނެވެ. ގޭތެރޭ ޒީނަތްތެރިކުރަން ގަޔާވާ މީހުންގެ މެދުގައި މިހާރު އެންމެ ބޮޑަށް ހިނގާ އެއް ޓްރެންޑަކީ މިނިމަލިޒަމެވެ. މިނިމަލިސްޓިކް ގޮތަށް ގަސްމުށިތައް އެލުވާލާފައި ބެހެއްޓުމުން ގަސްތައް އިންދާފައި ހުންނަ މުށިތަށް ހާއްސަ ގޮތަކަށް ޖަހާލާފައި ހުންނަ ކޯޑްކޮޅެއްގެ ތެރެއަށް ލައި ޗާލު ގޮތަކަށް އެލުވައިލެވެ އެވެ. މިގޮތަށް ގަސް އެލުވުމަށާއި އެހެން އެއްޗެހި ހަދަން ހާއްސަ ކޯޑެއް ބޭނުން ކުރެއެވެ. މިގޮތަށް ގޮށްޖަހައިގެން ހަދާ އެކި އެކި ކްރާފްޓަށް މެކްރަމޭއޭ ކިޔައެވެ.

މިއީ އޮސްޓްރޭލިއާގެ މެލްބަންގެ އެޓްސީ ޝޮޕެއް ކަމަށްވާ "އައިލް އޮފް ނޮޓްސް" އެވެ. މިތަނުން ވިއްކާ މެކްރަމޭގެ ފަހަތުގައި ހުރީ އޭގެ ހުނަރުން ފުރިފައިވާ ދިވެއްސެކެވެ. ހަސްމާ ރަޝީދަކީ ދެކުދިންގެ މަންމައެއް ވެސް މެއެވެ. ހަސްމާގެ ދިރިއުޅުން އޮސްޓްރޭލިއާގެ މެލްބަންއަށް ބަދަލުކޮށްލީ މީގެ ހަތަރު އަހަރު ކުރިންނެވެ. އޭގެ ތަންކޮޅެއް ފަހުން މެލްބަންގެ ހިތްގައިމު މާހައުލުގައި އޭނާގެ ހުނަރު ނިއުޅާލައި މަސައްކަތް ފަށައިގަތީ ގޭގައި ހުރެގެން ކުރާ މަސައްކަތަކުން އާމްދަނީ އެއް ހޯދާ ހިތުންނެވެ.

"މީގެ އަހަރެއް ހާ ދުވަސް ކުރިން މި މަސައްކަތް ފެށީ. ބޭނުންވީ ބޮޑަށް މައިންޑްފުލް ވާން. ކްރިއޭޓިވިޓީ އަކީވެސް މައިންޑްފުލް ވެވޭނެ އެއްގޮތް. އަބަދުވެސް މި އޮންނަނީ ބިޒީ ބިޒީ ބިޒީ ކަލްޗާއެއް. ބޭނުންވީ ކުޑަކޮށް މަޑުޖެހިލާފައި ކުރާހިތްވާ ކޮންމެވެސް މަސައްކަތެއް ކޮށްލަން." އޭނާ ބުންޏެވެ. "މި މަސައްކަތް ފެށުމުގެ ކުރިން ފުރަތަމަ ދަރިފުޅު ވިހައިގެން އުޅުނު އިރުވެސް ވަރަށް ގިނަ ކަންކަން އެކްސްޕްލޯ ކުރިން. ކަންވާސް ޕެއިންޓިން އާއި ކެއްކުން އަދި ބްލޮގިން ވެސް ޓްރައި ކުރިން. އަބަދުވެސް ވަރަށް އާޓްސް އެންޑް ކްރާފްޓް ހަދަން ޝައުގުވެރިވޭ. މިގޮތަށް އެކްސްޕްލޯ ކުރަނިކޮށް މެކްރަމޭ އާއި ގަޔާވީ،"

މި ހާއްސަ މަސައްކަތް ދަސްކުރަން ހަސްމާ އެއްވެސް ކޯހެއް ނަހަދައެވެ. ދަސްކުރީ އިންޓަނެޓްގެ ތެރެއަށް އުކާލާފައި ހުރި މައުލޫމާތުތައް ބަލައިގެނެވެ. ކޯޑުކޮޅެއްގައި ގޮށް ޖަހާލަފަ ހުރުމުން ބަލާލާއިރު މާ ފަސޭހަހެން ހީވިޔަސް މިއީ އެތައް ވަގުތެއް ހޭދަކޮށް ކެތްތެރިކަމާއެކު ކުރެވޭ މަސައްކަތެކެވެ.

މިހާތަނަށް އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ހަސްމާ ތައްޔާރު ކޮށްފައިވަނީ 7 ފޫޓާއި 6 ފޫޓުގެ މެކްރަމޭ އެކެވެ. މިއީ ވެޑިން ޕާޓީ ނޫނީ ފަންކްޝަންތަކުގެ ބެކްޑްރޮޕެއް ގޮތަށް ބޭނުން ކޮށްލަން ކުއްޔަށް ދޫކުރަން ތައްޔާރުކުރި އެއްޗެކެވެ. ފެބްރުއަރީ މަހު ނިންމި މި މަސައްކަތަށް މިހާރު ދެ ފަރާތަކުން ބުކްކޮށްފައިވެ އެވެ.

ހަސްމާ ރަޝީދުގެ މަސައްކަތްތަށް ދައްކާލާ އިންސްޓަގްރާމް އެކައުންްޓް

"މިއީ މީހާގެ ހާސްކަމާއި ސްޓްރެސް ފިލުވައިލުމަށް ވަރަށް ރަނގަޅު ކަމެއް. ކެތްތެރިކަމާއެކު ކުރަންޖެހޭ ކަވި މަސައްކަތެއް. ނުބައިކޮށް ގޮށެއް ޖެހުނަސް އެ ގޮށް މޮހެލާފައި އަލުން ޖަހަން މިޖެހެނީ. މިއީ މީހާ ކާމްވެ މަޑުޖެހިލާ ހަމަހިމޭންވުމަށް ވެސް އެހީތެރިވާ ކަމެއް. ދިރިއުޅުމަށް ކުއްލިއަކަށް ބޮޑެތި ބަދަލުތަކެއް އެއްފަހަރަކާ އައުމުން ވަރަށް ބޮޑު ހާސް ކަމެއްގެ ތެރޭގައި އުޅުނީ. ވަޒީފާއިން ވަކިވެ ރާއްޖޭ ދޫކޮށް އެހެން ގައުމަކަށް ބަދަލުވުމާއި، ކައިރި ކައިރިގައި ދެ ކުދިން ލިބުމާއި، ބޭރު ގައުމެއްގައި އުޅޭއިރު އާއިލާއާ ދުރުވެ އޮންނަ އެކަނިވެރިކަން. މި ހުރިހާ ހާސްކަމާއި އެންޒައިޓީއާއި ދުރުވާން ވަރަށް ބޮޑަށް އެހީތެރިވޭ މި މަސައްކަތް،"

މި ކަހަލަ ހުރިހާ ކްރާފްޓް ހެދުމުގައި ވެސް ތެރަޕީ ކަހަލަ ގޮތެއް ހުރެއެވެ. ވިއުމަކީވެސް ވަރަށް ގިނަ މީހުން އެކަމަށް ޝައުގުވެރިވާ ކަމަކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މީހާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ވެސް މިފަދަ ކަންކަމުން އެހީތެރި ވެދެއެވެ.

އަންހެނުންނަކީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ފަންސާހަކަށް އިމޯޝަން ތަހައްމަލު ކުރާ ބަޔަކަށްވާއިރު އަމިއްލަ މީހާ އަށް ހިތްހަމަޖެހުން ގެންނަ މިފަދަ މަސައްކަތެއް ކުރުމަކީ ދިރިއުޅުމުގައި ކޮންޓްރޯލް ނުކުރެވޭ ކުދި ކުދި ކަންކަމުން އެއްކިބާވެ އަސްލު މީހާއަށް މުހިއްމުވާ ކަންކަމާމެދު ފުންކޮށް ވިސްނުމާއެކު ހަމަޖެހުން ވެސް ގެނެސްދޭ ކަމެކެވެ.

ހަތަރު އަހަރާއި ދެ އަހަރުގެ ކުޑަ ދެ ކުދިން ގޮވައިގެން، ގޭތެރެ ބަލަހައްޓަމުން މި މަސައްކަތް ވެސް ފޫހިކަމެއް ނެތި ކުރަމުން އަންނަ ހަސްމާ ވަނީ މެލްބަންގައި ހޭންޑްމޭޑް އަދި އާޓް އެންޑް ކްރާފްޓް އެއްޗެހި ވިއްކަން ހާއްސަ ދެ މާކެޓެއްގައި ބައިވެރިވެފަ އެވެ.

"މެލްބަން އަކީ ވަރަށް ބޮޑަށް ހޭންޑް މޭޑް އެއްޗިސްއަށް ލޯބިކުރާ ކޮމިއުނިޓީއެއް އޮންނަ ތަނެއް. މި ކަހަލަ އެކި އެކި ކްރާފްޓް ބަލައިގަނެ ބޮޑު މާކެޓެއް ވެސް އޮންނަ ތަނައް. މެކްރަމޭއަކީ ތިމާވެއްޓާއި ރައްޓެހި ސަސްޓެއިނަބަލް އާޓެއް. އޮސްޓްރޭލިއާގެ ކޮޓަންއިން މި ހަދަނީ. ފުރަތަމަ މާކެޓްގައި ވެސް ބޮޑު ތަރުހީބެއް ލިބުނު. މި މާކެޓް ވެގެން ދިޔަ ވަރަށް ބޮޑު ލާނިން އެކްސްޕީރިއަންސްއަކަށް. އެންމެ ބޮޑަށް ވިކުނީ އިންޑޯ ޕްލާންޓް ހޭންގާސް. މިގޮތުން ކަސްޓަމަރުން ބޭނުންވަނީ ކޮންކަހަލަ އެއްޗެއްތޯ އާއި އެހެން އާޓިސްޓުންނާއި ނެޓްވޯކް ކުރުމަށްވެސް ލިބިގެން ދިޔަ ފުރުސަތަކަށްވީ. ދެވަނައަށް ބައިވެރިވި މާކެޓަކީ ތަންކޮޅެއް އަޕްސްކޭލް މާކެޓެއް. މިތަނުން އައިލް އޮފް ނޮޓްސް އަށް ރަނގަޅު އެކްސްޕޯޝާ އެއް ލިބުނު. އަދި ކަސްޓަމަރުން ތަކެއް ލިބި އެމީހުން ބޭނުންވާ މިންތަކަށް މެކްރަމޭ ހެދުމަށް އޯޑަރު ލިބުނު."


މެކްރަމޭ ހަދަން ހަސްމާއަށް އެންމެ ބޮޑަށް އިންސްޕަޔާ ވަނީ ގުދުރަތީ މާހައުލުންނެވެ. ގޮށްތައް ޖަހާއިރު އިރުއޮއްސޭ މަންޒަރު ސިފަ ކުރުމަށް ވެސް މަސައްކަތްކޮށްފައި ހުރެ އެވެ. އަދި ދިވެހި ވަންތަ ގޮތަކަށްވެސް މަސައްކަތް ދައްކައިދެ އެވެ.

އެންމެ ބޮޑު ޗެލަންޖަކީ އެކަށީގެންވާ ވަގުތެވެ. އެ ވާހަކަ ހަސްމާ ކިޔައި ދެ އެވެ: "މިހާރު މި މަސައްކަތް ކުރަނީ ކުދިން ޕްލޭ ސުކޫލަށް ދާ ދެ ދުވަހު. މީގެ އިތުރުން ވޮލަންޓިއާ ކުރަންވެސް ދަން. އެހެންކަމުން އެންމެ ބޮޑު ޗެލަންޖަކީ ވަގުތު ހޯދުން. ބޭނުންވަނީ މި މަސައްކަތައިގެން ކުރިއަށް ދާނެ. އަދި ވެސް މި އުޅެނީ ދަސްކުރުމުގެ ފޭސްގައި... އެންމެ އުފާވާނީ އާއިލާއާއި ރައްޓެހިން އަދި ފިރިމީހާގެ ފަރާތުން މިކަމަށް ލިބޭ ސަޕޯޓާއި ހިއްވަރުން. މީހުން މި ކަންބަލައިގަނެ ދޭ ތަރުހީބުފެނިފައި،"