ހަބަރު

ޕޯސްޓުން ގެނައި ޑްރަގުތަކެއް އަތުލައިގެންފި

ޕޯސްޓްގެ ޒަރިއްޔާއިން މާލެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ތަކެއް އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މި މަހުގެ 10 ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ފޮނުވި ޕާރުސަލުތަކެއް ބަލާ ފާސް ކުރުމުގެ ތެރޭގައި ފަސް ޕެކޭޖަކުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ޕޯސްޓުން އެތެރެ ކުރަން އުޅުނު ޕާރުސަލްތަކުގައި ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީ އެވެ. އަދި އަތުލައިގަން މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 111 ގްރާމު ކަމަށް ކަސްޓަމްސްއިން ހާމަކުރެ އެވެ.
ކަސްޓަމްސް އިން މިއަދު ހާމަ ކުރި ގޮތުގައި މި ޕާރުސަލްތައް އައިސްފައިވަނީ ހަތަރު ގައުމަކުންނެވެ. އެއީ، ޖަރުމަނުވިލާތް ފަރަންސޭސިވިލާތް، ނެދަލޭންޑްސް، އަދި އިނގިރޭސިވިލާތުންނެވެ. ނެދަލެންޑްސް އިން ދެ ޕާރުސަލެއް އައެވެ.

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އެތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.