ހަބަރު

ގްލޯބަލް މަނީ ވީކް ފަށައިފި

ފަހަށް ރައްކާތެރި ކުރުމާއި ފައިސާ އާ ގުޅުންހުރި ކަންކަމަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރަން "ގްލޯބަލް މަނީ ވީކް" ފަށައިފި އެވެ.

"ގްލޯބަލް މަނީ ވީކް" ފެށުމަށް އިސްކަންދަރު ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު، އަހުމަދު ނަސީރު ވިދާޅުވީ، ފައިސާ އާ ގުޅޭ ކަންތައްތަކަކީ، އެންމެ ކުޑައިރުން ފަށައިގެން ވެސް އެނގެންޖެހޭ ކަމެއް ކަމަށެވެ.

"ވީހާވެސް ކުޑައިރުއްސުރެ ދަސް ކުރަން އެބަޖެހޭ ލިބޭ އާމްދަނީއިން ތިޔަ ކުދިންގެ ކަންކަން ހަމަޖައްސަން ދަސްކުރަން. މިހާރު ތިޔަ ކުދިންނަށް ޕޮކެޓްމަނީގެ ގޮތުގައި ލިބޭ ފައިސާ ފޮތެއްގައި ނަމަވެސް، ރެކޯޑު ކުރަން. ފައިސާ ލިބުނު ވަރާ ތިޔަ ކުދިން ކުރި ހަރަދު. އޭރުން މުޅި އުމުރުގައި އޭގެ ފައިދާ ލިބިގެންދާނެ" ގަވަރުނަރު ވިދާޅުވި އެވެ.

ޒުވާނުންނަށް އަމާޒުކޮށް ގަވަރުނަރު ވިދާޅުވީ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ މީހަކަށް ވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި، ޒުވާން އުމުރުގައި ރިޓާޔަމަންޓަށް ފަހަށް ރައްކާ ކުރަން ޕްލޭނެއް ކުރާއިރު، މާކެޓްގައި ލިބެން ހުރި ފެސިލިޓީތަކަކީ ކޮބައިކަން ދެނެގަނެގަތުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފައިވާއިރު، މި މަހުގެ 30 ގެ ނިޔަލަށް މި ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. މިއަދު ފެށި މި ހަރަކާތްތަކުގެ ތެރެއިން، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގްލޯބަލް މަނީ ވީކް އާ ގުޅޭ ސްޕީޗެއް ދިނުމަށް މާދަމާ ވަނީ ހަމަޖެހިފަ އެވެ.