ހަފުތާ ބަންދަށް ހުޅުމާލޭގެ ހިތްފަސޭހަ މާހައުލަށް ޖައްސާލައި ރައްޓެހިންނާއި އާއިލާއެކު ބާބެކިއުއެއް ހަދާލާ މޫދަށް އެރިލާ، ގޮނޑުދޮށުގައި އިނދެ ފޮތެއް ކިޔާލައި މަސްރޮއްޓަކާއެކު ހޫނު ސައެއް ބޯލަންވީ އެވެ. މިއީ ހަފުތާބަންދު ފުރިހަމަ ކޮށްލަން ސަޅި ގޮތް ގޮތެވެ. އެކަމަކު ހަފުތާ ބަންދުގައި ހުޅުމާލެ އަށް ދާނީ ބަހުގަައި ހެއްޔެވެ؟ ފެރީގައި ހެއްޔެވެ؟
މީގެ ކުރިން ބުރާސްފަތި ދުވަހެއްގެ ހަވީރު ހުޅުމާލޭ ފެރީއަށް އަރަން އެތައް އިރަކު ކިއުގައި ހުންނަން ޖެހެއެވެ. ބާބެކިއުއަށް ދާ ގުރޫޕުތަކާއި، ދުއްވަންދާ ގުރޫޕާއި އޯވާނައިޓަށް ޖައްސާލާ ކަޕްލް އާއި އަދި މަސައްކަތް ނިންމާލާފާ ގެއަށް ދާ ގުރޫޕާއި މިހެން ގޮސް އެތައް ބަޔަކު ފެރީ ޓާމިނަލްގައި ކިއޫ ހަދާތީ ވާވަރެވެ. އަދި ސައިކަލު ކިއު ކޮބައި ހެއްޔެވެ؟ އެވެސް އެހާ ދިގުވާނެ އެވެ.
ފެރީގައި އަހަރެންގެ ތަޖުރިބާ
ދުވަހުގެ ވަރުބަލިކަމާއި ބައިބޯ ކަމުގެ ފޫއްސާއެކު ފެރީ ނަގައިގެން ގެއަށް ނުދެވިފައި ތިބޭ މީހުން ރުންކުރުވެ އެވެ. ފެރީ ނުލިބި އިންތިޒާރުގައި ތިބޭއިރު ފެރީ ޓާމިނަލް އޮންނަނީ ފުރި ބާރުވެފަ އެވެ. ފެރީ އަތުލަން ދާމީހުން ޓާމިނަލަށް ބާލާ ޓެކްސީތަކާއެކު މުޅި ސަރަހައްދު އޮންނަނީ ޓްރެފިކު ވެސް ބާރުބޮޑުވެފަ އެވެ.
މިހާރު މިކަން އޮންނަ ގޮތެއް ބަލައިލާ ތަޖުރިބާކޮށްލާ ހިތްވެގެން މިދިއަ ބުރާސްފަތި ހުޅުމާލެއަށް ދާން އެއީ ފެރީއަށެވެ. ފުރަތަމަ ފެރީ ޓާމިނަލަށް ހިނގައްޖައިމެވެ. ހަވީރު 5:00 ގެ ފެރީއަށް ޓިކެޓް ލިބުނުއިރު ޓިކެޓް ކައުންޓަރު އޮތީ ގާތްގަނޑަކަށް ހުހަށެވެ. އެތާނގައި ތިބީ މަދު ހައެއްކަ މީހުނެވެ. ޓިކެޓު ދެއްކުމަށްފަހު ވެއިޓިން އޭރިއާއަށް ވަން އިރު ވެސް މީސްކޮޅެއް ތިއްބެވެ. އެއްކަލަ ގޮނޑިބަރި އޮތީ ހުދުކޮށް ހުހަށެވެ. އެކަމަކު މަޑު މަޑުން، ހާލުން ހާލުން މީހުން ގިނަވަމުން އައެވެ.
މީގެ ކުރިން މި އޭރިއާގައި ފެރީއަށް އަރަން ބޭރަށް ނުކުންނަ ދޮރު ކައިރީ މީހުން އާއްމުކޮށް ތިބެނީ ކޮޅަށެވެ. އަރައިގަންނަން ތައްޔާރުވެގެނެވެ. ނަމަވެސް މިއަދުގެ މަދު މީސްކޮޅު މިތިބީ ހަމަޖެހިލައިގެން ފޯނާއި ކުޅޭށެވެ. ކަނޑައެޅިފައިވާ އޮތް ގޮތަށް ފެރީއަށް އެރޭނެ ކަމުގެ ޔަގީންކަން އޮތުމުން ހާސްކަމެއް ނެތެވެ.
ފެރީ ނައްޓާލާ ވަގުތު ޖެހުނު އިރު ހިސާބަކަށް މީހުން ގިނަވި އެވެ. އެއްގަމު މަގުން ހުޅުމާލެއަށް ސައިކަލުގައި ބޭނުންއިރަކު ދެވެން އޮންނާނެތީ އެންމެން ވެސް ހިޔާރު ކުރަނީ އެ މަގު ކަމަށް ހީވެފައި އޮވެފައި މަންޒަރު ތަފާތު ކަމުން ކުޑަކޮށް ހައިރާންވި އެވެ. ފެރީގެ ގޮނޑިތަކެއް ފުރުނެވެ.
ފެރީން ހުޅުމާލެއަށް ފާބައި ޓާމިނަލުން ނުކުތުމުން މަގުތަކުގެ ފުޅާކަމާއި ފެހިކަމުގެ ހިތް ފަސޭހަ ކަމާމެދު ވިސްނާލާން ހުރެވުނެވެ. އެވަގުތު ލޮލުގައި އަޅައިގަތީ ފެރީ ޓާމިނަލް ކުރިމަތިންކަހަލަ ގޮތަކަށް އޮތް ޕާކުގެ ވިނަގަނޑު މައްޗަށް އުކާލާފައި ހުރި ޕްލާސްޓިކް ތަށިތަކުގެ ގޮނޑެވެ.
ޑަބަލް ޑެކާ ބަހުގެ ތަޖުރިބާ
ހުކުރު ދުވަސް، ހަވީރު 4:00: ހުޅުމާލެއަށް ދާން މާލޭގެ ބަސް ޓާމިނަލަށް ގޮސް ބަސް އަތުލަން ކަންކުރަންވީ ގޮތް އޮޅުން ފިލުވައިފީމެވެ. ފުރަތަމަ ކަމަކަށް 20 ރުފިޔާ ދީފައި ބަހަށް އަރާނެ ކާޑެއް ގަންނަން ޖެހުނެވެ. އަދި އިތުރަށް އެ ކާޑް ޓޮޕްއަޕް ކުރުންޖެހެ އެވެ. ބަހުގެ ދަތުރަކަށް އެއިން ކަނޑަނީ 10 ރުފިޔާ އެވެ.
ސެންޓްރަލް ޓާމިނަލް އިން ބަސް ނެގި އިރު އޮތީ ވަރަށް ހުސްކޮށް މީހުން މަދުކޮށެވެ. މިއީ މާ ސަޅި ގޮތެއް ކަމުގައި ވެސް އެ ވަގުތު ނިންމުނެވެ. ބަސް އަހަރެމެން ގޮވައިގެން ދަތުރު ފަށައިފި އެވެ. މިހާރު މި މަޑުކޮށްލީ ފުރަތަމަ ސްޓޮޕަށެވެ. މިތާނގައި ބަހުގެ އިންތިޒާރުގައި ގިނަ ބަޔަކު އެ ތިއްބެވެ. މި އެއްމެން ބަހަށް އަރައި ހަމަޖެހެންދެން އިރުކޮޅަކަށް ބިޔަ ބޮޑު ބަހުގައި މަޑުކޮށްލައިގެން އިންނަންޖެހުނެވެ. ކުޑަ ތަންކޮޅަކަށް ބަސް ދުއްވާފައި ދެވަނަ ސްޓޮޕަށް ބްރަކި ޖައްސައިފި އެވެ. މި ތާނގައި ހުއްޓިގެން ތިބި މީހުން ގިނަ ކަމުން އެ އެންމެންނަށް ބަހަށް ނޭރޭނީސް ބަސް ފުރިއްޖެ އެވެ.
އެކަންކަން ހިނގައި ދިޔައިރު ބަލަހައްޓައިގެން އިނދެވުނީ ސްވިމިންގް ޓްރެކް ސަރަހައްދަށް ވެލިއަރައި އަލަށް ހެދިފައިވާ ފާޑެއްގެ ބީޗަކަށެވެ. އަދި އެ ދިމާއިން ކުޑަކުދިންނާއި ބޮޑެތި މީހުން މޫދަށް އެރި އުޅުނު މަންޒަރެވެ. އަދި އެ ސަރަހައްދަށް ގޮނޑުވެފައިވާ ކުނިތަކާއި ޕްލާސްޓިކެވެ.
އަނެއްކާވެސް ބަސް ދުއްވަނީ އެވެ. ތަންކޮޅަކަށް ދެވުނު ފަހުން ރާޅުގަނޑުގައި ނަގަމުންދިޔަ ބިޔަ ރާޅުތަކާއި ކުޅެ، ސަމާސާކޮށް ރާޅާ އަޅަމުން ދިޔަ ހައެއްކަ ޒުވާނުން ފެނުނެވެ. އަހަރެން މި ދަތުރު ކުރަނީ ޑަބަލް ޑެކާއެއްގަ އެވެ. ބަހުގެ މަތީބުރީގައި އިންނައިރު ސަރާސަރަށް ފެންނަނީ ދެފަރާތުން ނޫ ކަނޑެކެވެ. ވަރަށް ވަރަށް ހިތްގައިމެވެ. އިރު އިރުކޮޅާއި ދޫނި ބައެއްހެން ސީޕްލޭންތައް އުދުހި އޮބާ މަންޒަރެވެ.
މި މަންޒަރުތައް ވަރަށް ރީއްޗެވެ. ގިނަ މީހުން ގަޔާވާނީ ވެސް މިގޮތެވެ. އެހެން ވިޔަސް އަހަންނަށް ބޮޑަށް ކަމުދިޔައީ ހަފުތާ ބަންދުގެ ހުޅުމާލޭ ދަތުރު ފެރީއެއްގައި ދާށެވެ. އެއީ ހަފުތާ ބަންދުގެ ދަތުރެއްގައި ދެވޭ ފީލް އަދިވެސް އަންނަނީ ހަމަ ފެރީގައި ކަނޑު ހުރަސްކޮށްލުމުނެވެ.
ހިތްފަސޭހަ ފެހި ހުޅުމާލެއަށް އުކާލާފައި ހުރި ހުސް ޕްލާސްޓިކް ޑިސްޕޯސަބަލް ތަށިތަކާއި ބަހުގައި އިން އިރު މާލެއިން ފެނުނު ކުނިތަކާމެދު ވިސްނާލެވުނީ މި ދެ ދަތުރު ނިމުނު ފަހުންނެވެ. ފެރީގައި ވިޔަސް ބަހުގައި ވިޔަސް އަދި ކާރާއި ސައިކަލުގައި ވިޔަސް ދަތުރު ކުރާއިރު ފެންނަ މަންޒަރަކީ ހިތުން ފިލައި ނުދާ މަންޒަރެކެވެ. އެ މަންޒަރު ރީތިވާނީ ރަށުގެ މާހައުލު އަހަރެމެން ރީތިކޮށް ބޭއްވިއްޔާ އެވެ. ދެން ދަތުރުދާއިރު ކެމެރާއަށް މަންޒަރު ބަދަލުވާނެ އެވެ.