އަސުރަށްފަހު ހުޅުމާލެ ނިރޮޅު މަގު އެއްކޮޅުން އަނެއް ކޮޅަށް ދުއްވާލާ އިރު ލޮލުގައި އަޅައިގަންނާނެ އެއް ކަމަކީ ހެދިކާ ވިއްކާ މޭޒުތަކެވެ. ކޮންމެ މޭޒެއް ކައިރީ އަންހެންވެރިން ގޭގެއިން ހަދާ ތާޒާ ހެދިކާ ވިއްކުމަށް މޭޒުތަށް އަތުރާލަނީ އެވެ. ކޮންމެ މޭޒެއް ކައިރީ ވެސް އެތައް ބަޔަކު ހެދިކާ ގަންނަން ތިބެއެވެ. މަސައްކަތް ކުރާ މީހުން ދުވަސް ނިންމާލާފައި ގެއަށް ދަނީ އެއިން މޭޒަކުން ހެދިކާ ކޮތަޅެއް ގަނެގެނެގެނެވެ.
މިތަނުން މޭޒަކާ ކައިރިވެލައިފީމެވެ. ހެދިކާކޮޅެއް ގަނެލަން ތަށިތަކުގެ މަތި ނަގަމުން ދިޔަ އިރު ފެންނަނީ ވަރަށް ކުދިކޮށް ބަލައިގެން އެއްވަރަކަށް ހަދާފައިވާ ކުޅި އަދި ފޮނި ހެދިކާ އެވެ. ގުޅަ، ބަޖިޔާ އާއި ކަޓްލަސް، ބޯކިބާ، ސޮސެޖްރޯލެވެ. އެހެން ބާވަތްތައް ވެސް ގިނައެވެ. ބައެއް ތަށިތަށި އެއްކޮށް ހުސްވެފައި އަނެއް ބައި ތަށީ ހުސްވަނީ އެވެ. ފޮނި އެއްޗެހީގެ ތެރޭގައި މުޅިން އަލަށް ފެނުނު އެއްޗަކަށްވީ ކަނަމަދު ޕުޑިން އެވެ.
ހެދިކާ ވިއްކަން ތިބީ މީހުންގެ ތެރޭ ހިމެނޭ ދެ ރަހުމަތްތެރިން އަދި ދެ އަވަށްޓެރިއަކު ވެސް ހިމެނެ އެވެ. އެއީ މަރިޔަމް ދީދީ އާއި ސަލްމާ ވަސީމެވެ. މި ދެ އެކުވެރިން 2017 ވަނަ އަހަރުން ފެށިގެން ކުރާ މަސައްކަތަކީ މިއީއެވެ. މަރިޔަމް ދީދީ ހުޅުމާލެ އަށް ބަދަލުވިތާ 13 ވަރަކަށް އަަހަރު ވެއްޖެއެވެ. އާމްދަނީ އެއްގެ ގޮތުން ހެދިކާ ހަދާ ވިއްކަން ފެށީ އެޗްޑީސީއިން ވިޔަފާރި ކުރަން މޭޒު ދޫކުރަން ފެށި ހިސާބުންނެވެ. ގޭގައި ހަދާ ހެދިކާ ކޮޅު ގެނެސް ވިއްކަން ތިބެނީ މެންދުރުފަހުން 3:00 އިން 6:00 އަށެވެ. ދެ ރަހުމަތްތެރިންގެ ވެސް ޓައިމް ޓޭބަލް އޮންނަނީ މިގޮތަށެވެ.
"ކުރިން އާމްދަނީ ހޯދާކަށް މަސައްކަތެއް ނުކުރަން. އެޗްޑީސީއިން މި ޓެންޓުތައް ދޫކުރާ މައުލޫމާތު ލިބުމުން އެދުނީ. މޭޒު ލިބުމުން ގާތް އެކުވެރިޔާ ސަލްމާ އާއި އެއްކޮށް މަސައްކަތް ފެށީ. ސަލްމާ އުޅެނީ އަހަރެންގެ ގޭ މަތީ ފްލެޓްގައި" މަރިޔަމް ދީދީ ބުންޏެެވެ.
ހެދިކާ ވިއްކާ ގިނަ މޭޒުތައް ހުންނައިރު ހުރިހާ މޭޒެއްގައި އެއް ގޮތަކަށް ހުރިހާ ބާވަތެއްހެން ހުރެއެވެ. ފޮނި އެއްޗެއްސާއި އެކި ބާވަތުގެ ކުޅި ހެދިކާ އެވެ. ގިނަ ބާވަތް ހުންނަ މޭޒަށް މީހުން ގިނައިން ދާނެތީ މި ދެ ރަހުމަތްތެރިން ވެސް ތިބެނީ ތައްޔާރަށެވެ. މީހުން ގިނަ ހުުޅުމާލޭގައި ކެފޭ އާއި ހޮޓާތަށް ވެސް އެހާ ގިނައެވެ. ސައިބޯލަން ގެއަކުން ހަދާ ހެދިކާ އަށް ޑިމާންޑް އޮންނަ އެއް ކަމީ ރަނގަޅަށް ރަހަ ލައްވާފައި ހަދާފައި ހުންނާތީ ކަމަށް މަރިޔަމް ބުނެ އެވެ.
"ސަލްމާ އާއި ދެމީހުން ހުރިހާ ބާވަތެއް މި ހަދަނީ ބަހާލައިގެން ގޭގައި. މަސް ރަހަ ލައްވާ މަހާއި ހުންޏާ ރަނގަޅަށް އެއްކޮށް މޮޑެ ރަހަލައްވާފައި ހަދަނީ. ބައެއް ފަހަރު މީހުން ގަންނަ ހެދިކާގައި ހުނި ވަކިން ހުރޭ. އެއްވެސް މަސްރަހެއް ނުލައި. މި ހެދިކާގައި އެހެނެއް ނުވާނެ.... ދެމީހުން ހަދާ އެއްޗެއް އެއްކޮށް ވިއްކަން ނިކުންނަނީ."
ސަލްމާ ވެސް ހެދިކާ ހެދުމުގެ ކުރިން އާމްދަނީ ހޯދަން އިތުރު މަސައްކަތެއް ނުކުރެ އެވެ. ސަލްމާގެ ދެ ކުދިންތިބޭ އިރު ހަގު ދަރިފުޅަށް ނުވަ އަހަރެވެ. މި ދެ ރަހުމަތްތެރިން މަސައްކަތް ރާވާލާ ގޮތް އޭނާ ކިޔައިދިނެވެ.
"ކުދިން ހެދުނު ސުކޫލަށް ފޮނުވާލާފައި އަވަހަށް މަސައްކަަތް ފަށަނީ. މެންދުރުފަހު ދޭއް ޖަހާކަންހާއިރު ހުރިހާ އެއްޗެއް ހަދާ ނިންމާ. ވިއްކަން ނިކުންނަނީ،" ސަލްމާ ބުންޏެވެ.
މަރިޔަމް އޭނާގެ ދުވަސް ރާވާލާގޮތް ކިޔައިދިނެވެ: "އެންމެ ހަގު ކުއްޖާއަށް 12 އަހަރު އަދި ދޮށީ ކުއްޖާއަށް 16 އަހަރު. ދެ ކުދިން އެއްކޮށް އެއްގަޑިއަކަށް ސްކޫލަށް ލާފައި މަސައްކަތް ފަށައިގަންނަނީ. ހުރިހާ ވައްތައްރެއްގެ ހެދިކާ އެއް ހުންނާނެ. މަދު ދުވަހެއްގެ ނޫނީ ހުރިހާ އެއްޗެއް އިރުއޮއްސެންވާއިރަށް ވިކި ހުސްވޭ. ރަނގަޅު އާމްދާނީއެއް ލިބޭ"
މި ދެ ރަހުމަތްތެރިން މިއީ ފަސޭހަ ކަމެއް ގޮތުގައި ކިޔައިދިނަސް ކޮންމެ ދުވަހަކު އެތައް ބާވަތެއްގެ ހެދިކާ ހަދަން ވާނީ ވަރަށް ބުރަ މަސައްކަތަކަށެވެ. ހެދިކާ އަށް ބޭނުންވާ ސާމާނު ގަންނަން ބާޒަރު ކުރުމާއި ކޮންމެ ދުވަހަކު ބޭނުންކުރާ ތަށިތެލި ދޮވެ ސާފު ކުރުމާއި އެތައް މަސައްކަތެއް އޮންނާނެ އެވެ. އެކަމަކު ކަސްޓަމަރުންނަށް ހިދުމަތްދެމުން ހިތު ހިސާބުން އަގު ހަމަޖައްސަމުން ކޮތަޅަށް އަޅައިދޭން އެމީހުން ފަރިތައެވެ.
"ބުރަ މަސައްކަތްކޮށްގެން އެއްޗެއް ލިބޭނީ" އެއީ މި ދެ އަވަށްޓެރިންގެ ވާހަކައަކީ އެއީ އެވެ.