ލައިފްސްޓައިލް

ފިޔާ ކޮށާއިރު ރޯން ނުޖެހޭނެ ގޮތެއް!

ގިނަ މީހުންނަށް ކައްކަން އުޅޭއިރު ކުރަން ޖެހޭ އެންމެ އުނދަގޫ އެއް މަސައްކަތަކީ ފިޔާ ކޮށުމެވެ. ކިތަންމެ ކައްކާ ހިތް ވިޔަސް ފިޔާކޮށާހިތް ނުވާ މީހުން އެހާ ގިނައީ އެހެންވެ އެވެ. ފިޔާ ކޮށުމުން އަތުން ނުބައި ވަސް ދުވުމުގެ އިތުރުން ބޭނުން ނެތް ކަރުނަތަކެއް ވެސް ލޮލުން އޮހޮރިގެން ދެ އެވެ.

މިކަމަށް ހައްލެއް ހޯދަން އެކި މީހުން އެކި ކަހަލަ އުކުޅުތައް ބޭނުން ކުރެ އެވެ. އެގޮތުން ޓްރިނާ މިޝޭލް ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ޝެއާ ކޮށްފައިވާ މި ގޮތަކީ ވެސް އަޖުމަ ބަލާލަން ވަރަށް ރަނގަޅު ގޮތަކަށް ވާނެ އެވެ.

އޭނާ ބުނި ގޮތުގައި އޭނާ ފިޔާ ކޮށާއިރު ކުރާހާ ވެސް ކަމަކީ ކަރުދާސް ޓިޝޫއެއް ތެންމާލާފައި ކަޓިން ބޯޑު ކައިރީގައި ބާއްވަނީ އެވެ. އޭރުން ފިޔާ ދިލަ އަރައިގެން ލޮލުން އަންނަ ކަރުނަތަކެއް ނާންނާނެ ކަމަށް އޭނާ ބުނެ އެވެ.

އޭނާ ލިޔެފައިވާ ގޮތުގައި ތެތް ޓިޝޫއެއް ބޭއްވުމުން ފިޔާ އިން ނުކުންނަ ދިލަ ކެމިކަލްތައް ލޮލާ އަމާޒުވުމުގެ ބަދަލުގައި ޓީޝޫ އާ ދިމާލަށް އެނބުރޭނެ އެވެ.

"އެނގޭތަ ފިޔާ ކޮށާއިރު ރޯން ޖެހޭ ސަބަބު! އެހެން ވަނީ ފިޔައިގައި ހުންނަ ކެމިކަލްތައް އެންމެ ކައިރީގައިވާ ފެނުގެ އަސަރު ހުރި ދިމާލަކަށް ދަމާ ބާރު ހުރުމުން! އާންމުކޮށް ފެނުގެ އަސަރު އެންމެ ކައިރިން ހުންނަ ވަސީލަތަކަށް މިވަނީ ލޯ. އެހެންވެ ކަރުދާސް ޓިޝޫއެއް ތެންމާލާފައި ކަޓިން ބޯޑު ކައިރީގައި ބާއްވާފައި ފިޔާ ކޮށާނަމަ އެ ކެމިކަލްތައް ލޮލުގެ ބަދަލުގައި ޓިޝޫ އާ ދިމާލަށް ދަތުރު ކުރާނެ،" ޓްރީނާ ލިޔެފައި ވެއެވެ.

ޓްރީނާގެ މި ވާހަކައަށް އެއްބަޔަކު އެއްބަސްވީއިރު އަނެއް ބަޔަކު ބުނީ މިއީ އެހާ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. ނަމަވެސް ގިނަ މީހުން އެއްބަސްވެފައިވާ ގޮތުގައި މިގޮތަށް ކަންތައް ކުރުމުން ހަގީގަތުގައި ވެސް ފިޔާ ދިލަ ލޮލަށް އެރުމަށް ހައްލެއް ލިބެ އެވެ. އަދި މިކަން އަޖުމަ ބަލާނެ ކަމަށް ވެސް ގިނަ ބަޔަކު ބުނެފައި ވެއެވެ.