ލައިފްސްޓައިލް

ތެދެއް: ވައްކޮށް ރޮށި ނުދެމެންޏާ އަންހެނެއް ނޫން!

ރޮއްޓަކީ އަހަރެމެންގެ މައިގަނޑު ކެއުމުގައި އަބަދުވެސް ވަރަށް މުހިންމު އެއްޗެކެވެ. ކެއުމުގެ ހުރިހާ ވަގުތެއްގައި ވެސް ކޮންމެހެން ރޮށި ހުންނަން ޖެހޭ ގޭގެ މަދެއް ނުވާނެ އެވެ. ކޮންމެވެސް އެކަކަށް ނޫނީ ގިނަ ބަޔަކަށް ރޮށި ނޫނީ ކަމަކު ނުދެ އެވެ.

ރޮއްޓާ ގުޅޭ ވަރަށް އާންމު އަދި ވަރަށް މުރަނަ ބަހުސުތައް އޮވެއެވެ. އެންމެ ހިނގާ އެެއް ވާހަކައަކަށް ވާނީ ވައްކޮށް ރޮށި ދަމަން އެނގޭތޯ ކުރާ ސުވާލާއި އެއާ ގުޅިފައިވާ ވާހަކަތަކެވެ.

ވައްކޮށް ރޮށި ދަމަން ނޭނގުނިއްޔާ އަންހެނަކަށް ނުވާނެ އެވެ! އަންބަކަށް ވެސް ނުވެއެވެ! އަދި އަންބަކަށް ވެވުނަސް ވަށްކޮށް ރޮއްޓެއް ދަމާލަން ނޭނގުނީވިއްޔާ މައިދައިތަގެ ރުހުމެއް ނުލިބެ އެވެ! މީހަކާ އިންނަންވާއިރަށް ރޮށި ދަމަން ނޭނގުނިއްޔާ އިލެކްޓްރިކް ރޮށިދަމާ އެއްޗެއް ހޯދައިގެން މައިދައިތަ ކައިރިއަށް ދާށޭ ބުނެ، ކުރާ މަލާމާތެއް ވެސް އޮވެއެވެ. މިއާ ގުޅޭ މީމްސްތައް ވެސް ދައުރު ވެެއެވެ.

ރޮށި ވައްކޮށް އޮތަސް ދިގަށް އޮތަސް އަދި ރޮށި އޮތީ ހަތަރެސްކަނަށް ވިޔަސް ރޮށި ވާނީ ރޮއްޓަށެވެ. އެ ދާނީ އަރުތެރެއަށެވެ. ރޮށި އޮންނަ ބައްޓަމުގެ ސަބަބުން ރޮށީގެ ރަހަޔަކަށް ބަދަލެއް ވެސް ނާދެ އެވެ. އެހެންވިއްޔާ ވައްކޮށް ރޮށި ނުދެމިގެން މިހާ ފޯރިއެއް ގަދަކުރަނީ ކޮން ސަބަބެއް އޮންނާތީ ހެެއްުޔެވެ؟ ރޮށި އޮންނާންވީ ހަމަ ވައްކޮށް ހެއްޔެވެ؟

ރޮށި އޮންނަންވީ ގޮތުގެ ވާހަކަ އަންނަ އިރު ކެއުން ބުއިމަށް އަންހެނުން ތައްޔާރުކުރާ ހަމައެކަނި އެއްޗަކީ ރޮށި އެކަންޏެއް ވެސް ނޫނެވެ. ތަފާތު ރަހަރަހައިގެ ރިހަތަކާ އެކި ނަންނަމުގައި ތައްޔާރުކުރާ ބަތް، ހެދިކާތައް ވެސް ތައްޔާރު ކުރަނީ އަންހެނުންނެވެ.

ވައްކޮށް ރޮށި ދެމުމުގެ ވާހަކަ އެއްފަރާތް ކޮށްލާށެވެ؛ ކާން ތައްޔާރު ކުރާ ބާވަތްތަކުގެ ތެރެއިން އެއްޗެއް ތައްޔާރު ކޮށްލަން ހާލަކުން ފަހަރަކު ވިޔަސް ފިރިޔަކު ބަދިގެއަށް ވައްދާ ބަލާށެވެ. އެ ދުވަހަކު އަންހެނުންނަށް ޑަބަލް މަސައްކަތް ޖެހޭނެ އެވެ. މިއީވެސް އޮންނަ އާންމު ވާހަކައެކެވެ.

ގަދަވާން ބައެއް ފަހަރަށް ވަދެދާނެ އެވެ؛ އެކަމަކު ބިސްގަނޑެއް އަޅާލަން ބަދިގެއަށް ވަދެއްޖެނަމަ ތަވާ ހޯދަން ބަދިގެ އެފުއްމިފުށަށް ޖަހާނެ އެވެ. އައިސް އަލަމާރިން ފެންބޯން، ނަގާ ފުޅީގެ ފުލުގައި ފެންފޮދެއް ބަހައްޓާފައި އެ ފުޅި އައިސް އަލަމާރިއަށް ކޮއްޕާލައިފާނެ އެވެ. އެއީ ފުޅިއަށް ފެން އަޅަންޖެހިދާނެތީ ފުޅި ހުސްކުރި މީހާ ކަމުގައި ނުވާން ވެގެނެވެ. އެ ފުޅިއަށް ވެސް ފެން އަޅަން ޖެހޭނީ ވައްކޮށް ރޮށި ދަމަން ނޭނގޭ އަންހެނުންނެވެ.

ދިރިއުޅުމެއްގައި ގޭތެރޭގެ ވަރަށް ބައިވަރު ކަންކަން އަންހެނުން ވެސް ފިރިހެނުން ވެސް ކުރެ އެވެ. އަންހެނަކު ފަތިހާ ހޭލައި ދަރިން ނަމާދަށް ތެދުކޮށްފައި އެންމެނަށް ސައި ހަދައި ސްކޫލަށް ދާންޖެހޭ ކުދިން ތައްޔާރުކޮށް އެ ކުއްޖަކު ބޭނުންވާ ގޮތަކަށް އިންޓޯލް ތައްޔާރު ކޮށްފާނެ އެވެ. އޭނާއަށް ހެނދުނުގެ ނާސްތާގެ ހުސް ތަށިތައް މޭޒުމަތިން ސިންކާ ހަމަޔަށް ގެންދެވޭއިރު ހުންނާނީ މެންދުރަށް ކައްކަން ވެފަ އެވެ. މެންދުރަށް ކައްކާ ގޭތެރެ ސާފުކޮށް ނިމޭއިރު ހުންނާނީ މެންދުރުގެ ތަށިތައް މޭޒުމައްޗަށް ނަގަން ވެފަ އެވެ. މެންދުރު ފަހަށް އަޅާއިރު އޮންނާނީ ދަރިންގެ ފިލާވަޅުތައް ހެދުމުގެ އެހީތެރިވުމާ އިތުރު ހަރަކާތްތަކަށް ދަރިން ފޮނުވުމުގެ ކަންކަން ލައިގެންފަ އެވެ.

ހަފުތާއަކު ތިން ހަތަރު ދުވަހު ދޮވެ އިސްތިރި ކުރުން އޮވެއެވެ. ގޭތެރޭގައި ހުންނަ އެއްޗިއްސާއި ގޭތެރެ ސާފުކޮށް ތަރުތީބު ކުރުމަކީ ވެސް މި ލިސްޓުގައި އޮންނާނެ ކަމެކެވެ. އަދި ދިރިއުޅުމުގެ ރީތި އާދަތައް ދަރިންނަށް ގިނަ ފަހަރު ކިޔައިދެވެނީ ވެސް މަންމަ އެވެ.

މިކަންކަން މިހެން ހިނގަނީ ގޭތެރޭގައި ދަރިންނާއެކު ގިނަ ވަގުތު ހޭދަ ކުރެވެނީ މައިންނަށް ކަމުގައިވާތީ ކަމަށްވެސް ވެދާނެ އެވެ. ގޭތެރޭގެ މަސައްކަތްތަކުގެ އިތުރަށް އާމްދަނީ ހޯދަން ވަޒީފާއަށް ދަމުން ނުވަތަ ގޭގައި ތިބެގެން ވެސް އާމްދަނީ ލިބޭނޭ މަސައްކަތް ކުރަމުން އާއިލާގެ ކަންކަން ބަލަހައްޓަމުން ދިރިއުޅޭ އަންހެނުން މިހާރު ގިނަ އެވެ.

މީގެ މާނައަކީ ބައްޕަ އެއް ފަރާތްވުމެއް އަދި ކަމެއް ނުކުރުމެއް ނޫނެވެ. ބައްޕަގެ ދައުރު މާ ބޮޑުވެފައި ތަފާތު ގޮތަކަށް އޮވެދާނެ އެވެ. ދިރިއުޅުމެއްގައި ދަސް ކުރަން ޖެހެނީ ބެލެންސް ކޮށްލާށެވެ.

ރޮއްޓެއް ވަށްކޮށް ދަމަން ނޭގޭ ވާހަކައަކީ އެއްވެސް ވާހަކައެއް ނޫނެވެ. ރޮށި ވަށް ވެގެން ދިރިއުޅުން ވަށައެއް ނުޖެހެ އެވެ. ކޮންމެ ބައްޓަމަކަށް އޮތަސް އަންހެނުން ފިހެދޭ ރޮށި ކާލުން މާ ސަޅިވާނެ އެވެ. ވައްކޮށް ރޮށި ދަމަން އެނގޭ ފިރިއެއް ނަމަ އަންހެނުންނަށް ދަސް ކޮށްދިނުން އަދި މާ ފައްކާވާނެ އެވެ.