ސްރީލަންކާގައި މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ ހަރަކާތެއް ފަށައި މަސްތުވަތެކީގެ ބޮޑެތި ކުށްވެރިންނަށް މަރުގެ އަދަބު ދޭން މަސައްކަތް ކުރަމުން ދާއިރު ޑްރަގުގެ ކުށުގައި މަރުގެ އަދަބު އިއްވާފައިވާ ކުށްވެރިންތަކެއް ވެސް އެބަތިއްބެވެ. އެއާއެކު ސްރީލަންކާގައި މަސްތުވާ ތަކެތި ޓްރެފިކް ކުރާ މީހުނަށް މަރުގެ ހުކުމް ތަންފީޒު ކުރަން ފަށާނެ ތާރީހެއް ކަނޑައަޅުއްވައިގެން ހުންނެވި ކަމަށް ވެސް ރައީސް މައިތިރިޕާލާ ސިރިސެނާ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅު މި ވަރުގަދަ ހަރަކާތް ކުރިޔަށްދާއިރު ޑްރަގާއެކު ސްރީލަންކާއިން އަތުލައިގެންފައިވާ ބިދޭސީންގެ ތެރެއިން ތިންވަނައަށް އެންމެ ގިނައީ ދިވެހިން ކަމަށް ސްރީލަންކާގެ މީޑިއާގައި އާންމު ކުރި ތަފާސް ހިސާބުތަކުން ވަނީ ހާމަވެފަ އެވެ.
އަވަށްޓެރި ސްރީލަންކާގައި ދިވެހިންގެ 15،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮވެއެވެ. ލަންކާގެ މީޑިއާގައި ބުނެފައިވާ ދިވެހިންގެ އަދަދުގެ ތެރެއިން ހައްޔަރުގައި ތިބީ ކިތައް މީހުން ކަމެއް ވެސް ސާފެއް ނުވެއެވެ.
ލަންކާގެ މީޑިއާގައި އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުން 2016 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ޑްރަގާއެކު 20 ދިވެއްސަކު ހައްޔަރުކޮށްފައި ވެއެވެ. އެ މުއްދަތުގައި ހައްޔަރު ކުރި ބިދޭސީންގެ އަދަދުތަކުގައި ތިން ވަނަ އަށް އެންމެ ގިނައީ ވެސް ދިވެހިންނެވެ.
ޑްރަގާއެކު ލަންކާއިން އެންމެ ގިނައިން ހައްޔަރުކޮށްފައި ވަނީ އިންޑިއާ މީހުންވެ. އެ ގައުމުގެ 32 މީހަކު ހައްޔަރުކޮށްފައިވާއިރު ޕާކިސްތާނުގެ 27 މީހަކު ސްރީލަންކާއިން ޑްރަގާއެކު ހައްޔަރުކޮށްފައި ވެއެވެ.
ދެން އެންމެ ގިނައީ ނައިޖީރިއާ މީހުންވެ. އެއީ 13 މީހުނެވެ. ދެން 10 މީހުނާއެކު އީރާނެވެ. އެމެރިކާގެ ދެ މީހެކެވެ. ސިންގަޕޫރާއި ވެނެޒުއެލާ އާއި ބްރެޒިލާއި ޖަރުމަނާއި ރަޝިޔާ އާއި އަފްޣާނިސްތާނާއި ބަންގުލަދޭޝް އާއި ބޮލީވިއާ މިއިން ކޮންމެ ގައުމަކުން މީހެކެވެ. މި އެންމެންގެ އަތުން ފެނިފައި ވަނީ ކޮކޭން އާއި ހަސިޝް އޮއިލް އާއި ކެނަބިސް އާއި ހެރޮއިންގެ އިތުރުން ސިންތެޓިކް ޑްރަގެވެ.
މަސްތުވާ ތަކެއްޗާއި ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި އެއްވުމެއްގައި މި ހަފުތާގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ލަންކާގެ ރައީސް ވިދާޅުވީ އެ ގައުމުގެ މަސްތުވާ ތަކެތީގެ ގާނޫނު ކުރިއަށްވުރެ ވަރުގަދަ ކޮށްފައިވާ ކަމަށާއި ޑްރަގު ވިޔަފާރި ކުރާ އެތައް ބަޔަކު ކޮންމެ ދުވަހަކު ފުލުހުން އަތުލައިގަންނައި އިރު މިހާރު ވެސް މަރުގެ ހުކުމް އިއްވާފައިވާ 25 މީހަކު އެބަތިބި ކަމަށެވެ.
އެކަމަކު އެ 25 މީހުންގެ ތެރޭގައި އެއްވެސް ވަރަކަށް ބިދޭސީން ހިމެނޭ ކަމެއް ސާފެއް ނުވެއެވެ.
ސްރީލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރަން ފަށައިފިނަމަ ޑްރަގް ޓްރެފިކިންގްގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ސިރީސެނާ ވަނީ ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ. ސިރީސެނާ ވަނީ އެމަނިކުފާނުގެ އިސް ނެންގެވުމުގެ ދަށުން އެމަނިކުފާނުގެ ހާޒިރުގައި އިއްުޔެ 769 ކިލޯގެ މަސްތުވާ ތަކެތި ނައްތާލާފަ އެވެ.
އެ މަނިކުފާނު މިގޮތަށް އަމަލު ކުރެއްވީ އެކިއެކި މައްސަލަތަކުގައި އަތުލައިގަންނަ ހުރިހާ މަސްތުވާ ތަކެއްޗަށް ހަދަނީ ކިހިނެއްތޯ ރައްޔިތުންގެ ތެރެއިން ބަޔަކު ސުވާލު އުފެއްދުމާއި ގުޅިގެނެވެ.
ލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ޖައްލާދަކު ހޯދަން އެ ގައުމުގެ ސަރުކާރުން މީގެ ކުރިން އިއުލާން ކުރުމާއި ގުޅިގެން 100 އަށް ވުރެ ގިނަ މީހުން އެކަމަށް ކުރިމަތިލި އެވެ.