މަސްތުވާތަކެތި

ދިވެއްސަކު އުމުރަށް ޖަލަށް ލާން ލަންކާ ކޯޓަކުން ހުކުމްކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެއްސަކު އުމުރަށް ޖަލަށް ލާން ސްރީލަންކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ލަންކާގެ މީޑިއާތަކުން ބުނީ ދިވެހި މީހާ ޖަލަށް ލާން ކޮލަމްބޯ ހައި ކޯޓުން ހުކުމްކުރީ މިއަދު ކަމަށެވެ. ނަމަވެސް އޭނާއަކީ ކާކު ކަމެއް ކޮން ޖިންސެއްގެ މީހެއްކަމެއް ވެސް ނޫސްތަކުން ހާމައެއް ނުކުރެއެވެ.

ދިވެހި މީހާ ޖަލަށް ލާން ހުކުމް ކުރީ އޭނާގެ އަތުން 265 ގްރާމްގެ ހެރޮއިން ފެނިގެން ކަމަށް ވެސް ބުނެފައި ވެއެވެ.

މި މައްސަލައިގައި ދިވެހި މީހާ އެންމެ ފުރަތަމަ ހައްޔަރުކުރީ 2016 ވަނަ އަހަރު ބަމްބްލަޕަޓިޔާއިން އެވެ.

މި މައްސަލައިގައި އެހެން މީހަކުވެސް ހައްޔަރުކުރި ކަމަށާއި ނަމަވެސް އޭނާ ދޫކޮށްލައިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ބުނެއެވެ.