ހަބަރު

ރާއްޖެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Oct 7, 2019
1

އިންޑިއާގެ އިތުރުން ސްރީލަންކާއާ ގުޅިގެން ރާއްޖޭގެ ސިފައިންނާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖެ ސަރަަހައްދުން 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އިންޑިއާގެ "ދަ ހިންދުސްތާނު ޓައިމްސް" ނޫހުން އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ، ޕާކިސްތާނުން ފުރައިގެން މަސްތުވާތަކެތި ހިފައިގެން ދަތުރުކުރި އެ ބޯޓުގެ މައުލޫމާތު ލިބިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އޭރު އެ ބޯޓު އޮތީ ކެރެލާގެ 500 މޭލު ބޭރުގައިކަމަށް ބުނެފައިވެ އެވެ.

އެ ނޫހަށް އޮފިޝަލުން ބުނި ގޮތުގައި، މިއީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި މިފަދަ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން އިންޑިއާ ކަނޑުން ދަތުރުކުރި އުޅަނދެއް އަތުލައިގެން ފަސް ވަނަ ފަހަރެވެ.

އެ ބޯޓު އަތުލައިގެންއިރު، އެ ބޯޓާ މުއާމަލާތް ކުރަމުންދިޔައީ ޕާކިސްތާނުންކަމަށް ވެސް އެ އޮފިޝަލު ވިދާޅުވެފައިވެ އެވެ. ނަމަވެސް، އެ ބޯޓު މިސްރާބު ޖަހާފައިވާ ސީދާ މަންޒިލެއް ހާމަކޮށްފައެއް ނުވެ އެވެ.

"އެ ބޯޓު އަތުލައިގެންފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދިވެހި ކޯސްޓް ގާޑާއެކު ގުޅިގެން ހިންގުނު އޮޕަރޭޝަނެއްގައި،" އެ އޮފިޝަލް އިތުރަށް ވިދާޅުވެފައިވެ އެވެ.

އެ އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ރާއްޖޭގެ ކަމާބެހޭ އިދާރާއަކުން އަދި މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.

އިންޑިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް ފައިސާ ހޯދައި ދޭން ޕާކިސްތާނުން މަސްތުވާތަކެތި ފޮނުވުމަށްޓަކައި ރާއްޖެ އާއި ސްރީލަންކާ މެދުވެރިއަކަށް ހަދާފައިވާކަމަށް ދާދިފަހުން އިންޑިއާ އިން ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ގޮތުން، މިދިޔަ ޖުލައި މަހު ލަންކާގެ ކޯސްޓް ގާޑުން ވެސް ވަނީ ޕާކިސްތާނު މަގުން ބޭރުކުރި 140 ކިލޯގެ ޑްރަގްސް އަތުލައިގެންފަ އެވެ.