އެމްއެންޑީއެފް

ލަންކާގެ މަސް ބޯޓުތައް ފުލުހުންނާ ހަވާލުކޮށްފި

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ބެލެވިގެން ދިވެހި ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔަ ސްރީލަންކާގެ ފަސް މަސް ބޯޓް، މާލެ ގެނެސް ފުލުހުންނާ ހަވާލުކޮށްފި އެވެ.

މި ބޯޓްތައް އެމްއެންޑީއެފް ކޯސްޓްގާޑު ބެލުމުގެ ދަށަށް ގެނައީ ރާއްޖޭގެ މަސް ދޯންޏެއް ކަމަށްވާ "އަސުރުމާ 03" އިން ކުރި ރިޕޯޯޓަކާ ގުޅިގެން ދިވެހި ސިފައިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މި މަސްބޯޓުތަކުގެ ތެެެެެރެއިން ހަތަރު ބޯޓް ފެނިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕެޓްރޯލް ކްރާފްޓް "ނޫރައްދީން" ޕެޓްރޯލް ކުރަމުން ދަނިކޮށް ކ. ކާށިދޫގެ އިރުން ގާތްގަޑަކަށް 85 މޭލު ބޭރުންނެވެ.

ފަސްވަނަ ބޯޓް ވެސް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ ޕެޓްރޯލް ކުރަމުން ދަނިކޮށް ޅ. އަތޮޅުގެ އިރުން ގާތްގަނޑަކަށް 74 ނޯޓިކަލް މޭލު ބޭރުންނެވެ.

މިބޯޓްތައް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން މިއަދު މާލެ ގެނެސް ދޫނިދޫ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ސިފައިންގެއިން ބުނެ އެވެ.