މޯލްޑިވްސް ޕޮލިސް ސާވިސް

ރާއްޖެއިން އަތުލީ ލަންކާގެ ބޯޓުތަކެއް

May 2, 2021

ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތީ ލަންކާގެ މަސް ބޯޓުތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުސް މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީއާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ލަންކާގެ ބޯޓުތައް އަތުލައިގެންފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ދިވެހި ސިފައިންގެ ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ޕެޓްރޯލް ދަތުރެއްގައި މ. އަތޮޅާއި ވ. އަތޮޅުގެ އިރުން 30 ނޯޓިކަލް މޭލު އެތެރެއިންނެވެ.

ބޯޓުތައް މާލެ ގެނެސް ފުލުހުންނާ ހަވާލު ކޮށްފައިވީ ނަމަވެސް ބޯޓުތަކުގައި މީހުން ތިބި އަދަދު އެނގިފައެއް ނުވެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅޭ ބޭރުގެ ބޯޓުތައް އަތުލައިގަތުމަކީ އާންމުކޮށް ހިނގަމުންދާ ކަމެކެވެ.