ހަބަރު

ރާއްޖޭން ހައްޔަރުކުރި ލަންކާގެ 25 މަސްވެރިއަކު ދޫކޮށްލަނީ

ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ހައްޔަރުކޮށްފައިވާ އަވަށްޓެރި ސްރީލަންކާގެ 25 މަސްވެރިއަކު ދޫކޮށްލަން ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ސްރީލަންކާއިން ބުނެފި އެވެ.

ލަންކާގެ "ނިއުސް ފަސްޓް" ނޫހުން ބުނިގޮތުގައި އެ މަސްވެރިންތައް ދޫކޮށްލަނީ އެ ގައުމުގެ ސިންހަލަ އަދި ޓެމިލް ނިއު އިޔާ އާ ދިމާކޮށެވެ.

ލަންކާގެ ފިޝަރީސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓާ ޕަދުމަޕްރިޔާ ތިސޭރާއާ ހަވާލާދީ ލަންކާގެ އެ ނޫހުން ބުނި ގޮތުގައި، ލަންކާގެ މަސްވެރިން އަނބުރާ ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސަން ބޭނުންވާ ފައިސާ ލަންކާގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރަތަކަށް މިހާރު ވަނ ފޮނުވާފަ އެވެ.

ދާދި ފަހުން ވެސް ރާއްޖޭގެ ސަރަހައްދަށް ވަދެ، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޯޓުތަކެއް އަތުލައިގަނެ، ލަންކާގެ ހަތަރު މަސްވެރިއަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ބޭރުގެ މަސްބޯޓްތަކުން ދޭތެރެ ދޭތެރެއިން ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރުމުގެ މައްސަލަތައް ފެންމަތިވެ އެވެ.