އެމްއެންޑީއެފް

ލަންކާގެ ދެ މަސްބޯޓު ހިފަހައްޓައިފި

Jan 27, 2024

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަކަމަށް ބެލެވޭ ސްރީލަންކާގެ ދެ މަސްބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މި ދެ މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނު ރިޕޯޯޓަކާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

މި ދެ މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރާއްޖޭގެ އުތުރުން މިމަހުގެ 25 ވަނަ ދުވަހު އެވެ. މި ދެ މަސްބޯޓުގެ ތެރެއިން އެއް ބޯޓުގައި ހަތް ފަޅުވެރިން ތިބިއިރު އަނެއް ބޯޓުގައި ހަ ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ލަންކާގެ މި ދެ މަސްބޯޓު މިވަގުތު އޮތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސޮކްޑްރަންގެ ކޯސްޓްގާޑް ޝިޕް ނޫރައްދީނުގެ ބެލުމުގެ ދަށުގައި ހއ. ފިއްލަދޫގައި ބަނދަރުކޮށްފަ އެވެ. މި ދެ މަސްބޯޓު މާލެ ގެނެސް ފުލުހުންނާ ހަވާލުކުރަން ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އިންޑިއާ އާއި ލަންކާގެ މަސް ބޯޓުތަކުން މަސްވެރިކަން ކުރުމަކީ އާންމު ކަމެކެވެ.