ހަބަރު

ޑްރަގު ރީހެބަކާއި ދެ ސްކޫލެއް އަޅަން ލަންކާއިން އެހީވަނީ

Sep 3, 2019

އައްޑޫ ސިޓީގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމު ކުރުމުގެ އިތުރުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ދެ ސްކޫލް ގާއިމުކުރުމަށް ސްރީލަންކާ ސަރުކާރުން އެހީވާނެކަމަށް އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ވިދާޅުވެއްޖެ އެވެ.

ރަނިލް މިވަގުތު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ތަގުރީގުގައި ވިދާޅުވީ ރާއްޖޭގެ ތައުލީމާއި ސަލާމަތީ ބާރުތަކުގެ އިންސާނީ ވަސީލަތް ކުރިއަރުވާ ތަރައްގީ ކުރުމަށް ލަންކާއިން ޒަމާނުއްސުރެ އެހީތެރިވަމުން އަންނަ ކަމަށެވެ.

އެގޮތުން، އައްޑޫ ސިޓީގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއްގެ އިތުރުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ދެ ސްކޫލް ގާއިމުކުރުމަށް ލަންކާ އިން އެހީތެރިވާން ނިންމާފައިވާކަމަށް ރަނިލް ވަނީ އިއުލާނު ކުރައްވައިފަ އެވެ. އަދި އެތަނަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ފޯރުކޮށްދީ، ރާއްޖޭގައި ދެ ސްކޫލް ތަރައްގީ ކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ. އަދި އެކަމަށް ވަންޖެހޭ ތައްޔާރީތައް ކުރިއަށްދާކަންވެސް ބޮޑުވަޒީރު ރަނިލް ފާހަގަކުރެއްވި އެވެ.

"ސްރީލަންކާއިން އައްޑޫސިޓީގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް ގާއިމްކުރުމަށް އެހީވެދޭންވަނީ ނިންމާފައި. އަދި އެތަނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއްވެސް ގާއިމްކޮށްދޭނަން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އަޅުގަނޑުމެން ވާނީ ހުށަހަޅާފައި ރާއްޖޭގައި ދެ ސްކޫލެއް ގާއިމުކުރުމަށް. މިކަން ކުރުމަށް ދެގައުމުގެ ކަމާގުޅުންހުރި އިދާރާތަކުން ދަނީ މަޝްވަރާކޮށް އެކަމާގުޅޭ މަސައްކަތްތައްކުރަމުން." އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ވޮކޭޝަނަލް ދައިރާއިން ދިވެހި ޒުވާނުން ތަރައްގީ ކުރުމަށް އެހީތެރިވުމުގެ ގޮތުން އެކަމަށް ހާއްސަ ޓީޗަރުން ފޮނުމުގެ އިތުރުން، ލަންކާގައި މަތީ ތައުލީމު ހާސިލްކުރުމުގެ އިތުރު ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ދިނުމަށް ނިންމަވާފައިވާކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.