ކެއްކި މާޅޮސްކޭލާއި އަލަ ކައްޓަލާއި ހުންޏާއި ލޮނު މިރުހާއި ބަނބުކޭލު ބަތާއި ރަތް ގަރުދިޔައިގެ ދިވެހި ކެއުން ފުރިހަމަ ކޮށްދެނީ ކެއުމާއެކު ހިމެނޭ ބާވަތް ބާވަތުގެ އަސާރަ އާއި، ލޮނުލުނބޮޔާއި ތެލުލި ރެއްސާއި ތެލުލި ފަތާއި އެނޫން ވެސް ދިވެހި ކެއުމެއްގައި ހިމެނޭ ބާވްތައް ރަނގަޅަށް މޮޑެލައިގެނެވެ. މޭޒު މައްޗަށް މި ތަކެތި އިތުރު ކޮށްލުމުން ސުފުރާ ފޮޓޯއަށް ފަޅުފިލުވާލައި ކެއުމުގައި ހާއްސަ "ކިކެއް" ވެސް ގެނެސް ދެއެވެ.
ސުޕަމާކެޓްތަކުގެ ހަރުތަކުގައި މިގޮތަށް ތައްޔާރު ކޮށްފައިވާ އަސާރަ އާއި ފަތް ޕެކެޓު ފަދަ ތަކެއްޗަށް ހާއްސަ ހަރެއް ހުންނަ އިރު އެފަދަ އެކި ބާވަތްތައް ހުރެ އެވެ. އާމްދަނީ ހޯދަން ގޭގައި ތިބެގެން މި މަސައްކަތް ކުރާ މީހުން ވެސް ހަމަ ގިނައެވެ. މި ބާވަތްތަކަށް ބޮޑު ޑިމާންޑެއް އޮންނައިރު ފޭސްބުކްގައި ވެސް މިހާރު ތަފާތު އެކި އެކި ހޯމްމޭޑް އެއްޗެހި ވިއްކާ ފަރާތްތައް ހައްތާ ވަނީ ގިނަ އެވެ.
"ޝީރީންސް” އަކީ މިހާރު ފޭސްބުކްގައި ފާހަގަކޮށްލެވޭ ނަމެކެވެ. ފޭސްބުކް މެދުވެރިކޮށް "ޝީރީންސް"ގެ ނަމުގައ އެކި ބާވަތުގެ އަސާރަ އާއި ކުޅި ރެއްސާއި ކުޅި ކުރި ފާގަ އާއި ލޮނުލުނބޮޔާއި ތެލުލި ރިހާކުރު އުފައްދައި ވިއްކަނީ ފާތުމަތު ޝީރީނާއި އޭނާގެ ދަރިފުޅު އައިޝަތު ޔަފާގެ ދެމައިންނެވެ.
މި ދެމައިންގެ ވިޔަފާރިއާ ބެހޭ ގޮތުން ޝީރީން ވާހަކަ ކިޔައިދިނީ އޭނާގެ ގޭގެ ކާމޭޒު ކައިރީގަ އެވެ. އޭނާ ބުނި ގޮތުގައި އަބަދުވެސް ރޯދަމަހަށް އާއިލާ އާއި ރައްޓެހިންނަށް ހަވާދު ހަދައިދިނުމާއި އަސާރަ އަޅައި ދެއެވެ. އަދި އެކިމީހުން ބުނެގެން އޯޑަރަށް ބޮނޑިބަތާއި ހަނާކުރިމަސް ހަދަ އެވެ.
"އަބަދުވެސް އުޅެވެނީ މިކަހަލަ ކޮންމެވެސް މަސައްކަތެއްގައި. މިއީ އެއްވެސް ކަމެއް ނުކޮށް ހުންނަން ފޫހިވާތީ ހޮބީއެއް ގޮތުން ފެށި މަސައްކަތެއް،" ޝީރީން ބުންޏެވެ.
ޝީރީންގެ ހޮބީ ފަހުން ބަދަލުވީ ވިޔަފާރިއަކަށެވެ. އެހެންވީ "ހަފުތާރެސް" މާކެޓަށް އަސާރަ އާއި އެހެން ބާވަތްތަކުގެ ފުޅިތައް ވިއްކަން ގެންދިޔަ ހިސާބުންނެވެ. އޭގެ ޑިމާންޑް ބޮޑުވުމުނބް ރަސްމީކޮށް ފޭސްބުކްގައި "ފިހާރައެއް" ހުޅުވީ އެވެ.
ޝީރީންގެ ހަގު ދަރިފުޅު ޔަފާގެ ދައުރަކީ މަންމަގެ ވިޔަފާރި މާކެޓް ކޮށްދީ އެހީތެރިކަން ފޯރު ކޮށްދިނުމެވެ. މަންމަގެ ވިޔަފާރި މާކެޓް ކޮށްދޭއިރު ޔަފާ ވެސް މާލޭގެ ބައެއް ކެފޭތަކަށް ނަޓެއްލާ ބްރައުނީ އާއި ކުކީ ފަދަ ތަކެތި ހަދައިދެ އެވެ. އެނާ އަކީ ކެއްކުމުގެ ދާއިރާއިން ކޯހެއް ވެސް ފުރިހަމަކޮށްފައިވާ ޕޭސްޓްރީ ޝެފެކެވެ.
ޔަފާ ބުނި ގޮތުގައި "ޝީރީންސް" އަކީ މަންމަގެ ވިޔަފާރިއެކެވެ. އެ ވިޔަފާރީގެ ހުރިހާ ކަމެއް ވެސް ކުރަނީ މަންމަ އެވެ.
"މަންމަގެ ބިޒްނަސްއެއް މިއީ. ޔަފާ ކުޑަކޮށް ހެލްޕްވެދެނީ، މަންމަ އަބަދުވެސް އުޅޭނީ ކޮންމެވެސް މަސައްކަތެއްގައި. ޔަފާ ވިއްކާ ބްރައުނީ ހަދަން ބޭނުން ކުރާ ނަޓެއްލާ ހުސްކުރި ފުޅިތައް ބޭނުންވާ މީހުންނަށް ދީ ހަދާފައު ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް ބާކީވޭ ދެތިން ފުޅި. ޔަފާގެ ހިޔާލަށް އެއީ އެ ފުޅިތަށް އުކާލުމުގެ ބަދަލުގައި އެއިން ކޮންމެވެސް ބޭނުމެއް ހިފަން. ބާޒަރުގައި ހުންނަ މި ކަހަލަ އެކި ފުޅިތަކާއި ތަފާތު ޕެކޭޖިންއަކަށް ވިސްނީ. ދެން މި ފުޅިތަކަށް އަސާރަ އާއި ރެހި އަޅާ ޔުނީކް ގޮތަކަށް ޕެކްކޮށްލާ ބްރޭންޑް ނަމަކަށް ޝީރީންޖަހައިގެން ލޯގޯއެއް ހަދާ ލޯންޗްކުރީ." ޔަފާ ބުންޏެވެ.
ޒުވާން ވިޔަފާރިވެރިން އަންނަނީ ވިޔަފާރި ކުރާގޮތް ތަފާތުކުރަމުންނެވެ. ވިޔަފާރިއެއް ކުރިއަރަނީ އެ ވިޔަފާރީގެ ޔުނީކް ކޮންސެޕްޓްގެ ސަބަބުންނެވެ. ޔަފާގެ އުފެއްދުންތެރި ހިޔާލާއެކު "ޝީރީންސް" ވެފައިވަނީ ޔުނީކު ކޮންސެޕްޓަކަށެވެ.
ކުޅިރެއްސާއި ކުޅިފާގަ އަކީ މިއީ ޝީރީންސްގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނަ މީހުން ގަޔަވާ ޕްރޮޑަކްޓެވެ.
"ރެއްސަކީ ކުޑަކުދިންގެ މެދުގައިވެސް ވަރަށް މަގުބޫލު އެއްޗެއް. ބައެއް ކަސްޓަމަރުން އެބަ ބުނޭ އެމީހުންގެ ކުދިންނަށް ކޮންމެ އެއްޗަކަށް ރެހި އަޅާފައި ދިނުމުން އެއްވެސް މައްސަލައެއް ނުޖައްސާ ކާލައޭ". ޝީރީން ބުންޏެވެ.
އޭނާގެ ބުނި ގޮތުގައި ގޭގެ ކަންކަން ކުރުމަށްފަހު މި މަސައްކަތް ކުރަން ދައްޗެއް ނޯވެ އެވެ.
"ފިޔާ ސާފުކުރުމާއި، ލޮނުމެދު ނޮޅުމާއި އެކި ކަހަލަ ކަންކަން. ދެން މާ ބުރައެއް ނޫން. އަސާރަ އާއި ލޮނު ލުނބޯކަހަލަ އެއްޗެއްސަކީ ހަދާފައި ބެހެއްޓުމުން އޭގެ ރަހަ ނުކުންނަ ތަކެތި. އަބަދުވެސް ކޮންމެވެސް ހަދާފައި ބަހައްޓަނީ."
ޝީރިންގެ ކަސްޓަމަރުންނަކީ ހަމައެކަނި މާލޭގައި އުޅޭ މީހުނެއް ނޫނެވެ. ރާއްޖެއިން ބޭރަށް ފޮނުވުމަށް ވެސް މި ޕޭޖުން ވަރަށް ގިނައިން މީހުން ވިޔަފާރި ކުރެ އެވެ.
"އަޅުގަނޑު މި ހަދަނީ އަމިއްލަ ރެސިޕީތަކަކަށް. އަސާރަތަކުގެ ތެރއިން ވެސް ކަދުރު އަސާރަ ތަފާތުވެފައި ފޮނި ރަހައެއް ހުންނާތީ ބައެއް މީހުން ހުހާވެސް ކާލާ. ވިނިގާ ގެ ބަދަލުގައި އިހު ޒަމާނުގައި ހަދާގޮތަށް އަސްލު ރާހުތުގައި މި ހަދަނީ. އެހެންވެ އަސާރަތަކުގައި ވެސް ވަރަށް ރަހަ ތަފާތުވެފައި މީރުވާނެ."
ޝީރީންގެ މި މަސައްކަތަށް ސަޕޯޓްކުރަނީ ރައްޓެހިންނާއި އާއިލާއެވެ. ކޮއްކޮގެ ގޭގެ ޓެރެހުގައި އަވީލައިގެން ހިއްކައިގެން ގެނެސް ދެނީ އެވެ. މިކަހަލަ ކުދި ޗެލެންޖަސް ހުރި ކަމުގައިވިއަސް ޝީރީން އާއި ޔަފާ ތިބީ ކުރިއަށް ދާށެވެ.