ހަބަރު

ހަރަކާތްތެރި ދިރިއުޅުމަކަށް އެނބުރި އައުމަށް ރައީސް ސޯލިހު އިލްތިމާސް ކުރައްވައިފި

ދިރިއުޅުމުގެ ކަންނެތް އާދަތަކަށް ދީލައިނުލައި، ހަރަކާތްތެރި ދިރިއުޅުމަކަށް އެނބުރި އައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ހިތާބެއްގައި ވިދާޅުވީ އާންމު ސިއްހަތުގެ ހޭލުންތެރިކަމުން ފެށިގެން، ބޭސްފަރުވާގެ ކަންތައްވެސް ޝާމިލުވާ، ވަށައިޖެހިފައިވާ ސިއްހީ ހިދުމަތުގެ ނިޒާމެއް ބިނާކުރުމުގައި، އެންމެން ގުޅިގެން އައު މަސައްކަތްތަކެއް ފަށަން ޖެހޭ ކަމަށެވެ. ޓެކްނޮލޮޖީގެ ފަސޭހަތަކުގެ ޝިކާރައަކަށްވެ، ދިރިއުޅުމުގެ ކަންނެތް އާދަތަކަށް ދީލައިނުލައި، ހަރަކާތްތެރި ދިރިއުޅުމަކަށް އަލުން އެނބުރި އައުމަށް އިލްތިމާސް ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި އަހަރަށް ކަނޑައަޅާފައިވާ، ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރުގެ ދަށުން، ރާއްޖޭގެ ސިއްހީ ހިދުމަތްތައް މިއަހަރު ބޮޑަށް އަމާޒުކުރަނީ، އިބްތިދާއީ ސިއްހީ ހިދުމަތް ފުޅާކުރުމަށެވެ.

ރައީސް ވިދާޅުވީ، ރަނގަޅު ސިއްހީ ހިދުމަތެއް ހަމަކަމާއެކު އެންމެންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށާއި އެއީ ވަކި ޖިންސަކަށް، ޢުމުރަކަށް، ނަސްލަކަށް، ނުވަތަ އެ މީހަކު ނިސްބަތްވާ ތަނަކަށް ބަލައިގެން ތަފާތުކުރުމެއްނެތި، ދޭން ޖެހޭ ހިދުމަތެއް ކަމަށެވެ. ހަމަހަމަކަމާއެކު އެންމެންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ސޯލިހުގެ ހިތާބުގައި ވަނީ ވިދާޅުވެފަ އެވެ.

"މުޅި ދުނިޔެވެސް މިއަދު ގަބޫލުކުރާގޮތުގައި، ފުރިހަމަ ސިއްހީ ހިދުމަތަކީ، އިންސާނަކަށްވީތީ ކޮންމެ މީހަކަށްމެ ލިބެންޖެހޭނެ އިންސާނީ ހައްގެއް. މިއީ ދިވެހިރާއްޖެއިން މާކުރިއްސުރެ ގަބޫލުކޮށް ނަގަހައްޓަމުން އައި އަސާސެެއް. އެހެންކަމުން، އިބްތިދާއީ ސިއްހީ ހިދުމަތްތަކުގެ ތެރެއިން ގިނަ ހިދުމަތްތައް، ރާއްޖޭގައި ފޯރުކޮށްދެމުން އަންނަނީ މުޅިން ހިލޭ. މައިންނާއި ޅަދަރީންނަށް ބޭނުންވާ ވެކްސިން ދިނުމާއި، މާބަނޑު ދުވަސްވަރުގެ ފަރުވާތައް ދެމުން އައީ މުޅިން ހިލޭ،" ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި އިތުރަށް ވިދާޅުވީ، ޑޮކްޓަރަށް ދެއްކުމާއި ބޭސް ބޭނުންކުރުމަކީ، ސިއްހީ ހިދުމަތުގެ ނިޒާމެއްގެ ތެރޭގައި ހިމެނޭ، އެންމެފަހު ކަންތައް ކަމަށާއި، ރަނގަޅު ސިއްހީ ނިޒާމެއްގެ އެންމެ ފުރަތަމަ މަރުހަލާއަކީ، ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ކަމަށެވެ. އަދި އެކަން ހާސިލުކުރެވޭނީ، ޢާންމު ސިއްހަތާމެދު، އަދި އެއިރެއްގައި ފެތުރެމުންދާ ބަލިތަކާމެދު ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ބޮޑެތި ބަލިބައްޔަށް ފަރުވާކުރުމަށްޓަކައި ސަލާންޖެހުން ހުއްޓުވުމަކީ، މި ސަރުކާރުން އެންމެ އިސްކަންދޭ ސިއްހީ ސިޔާސަތު ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަށްޓަކައި މި ސަރުކާރުން އަމާޒު ހިފާފައިވަނީ، ސިއްހީ ފަރުވާގެ ނިޒާމު ލާމަރުކަޒީކޮށް، އެމީހަކު ދިރިއުޅޭ ރަށަކުން، އެންމެ އެކަށޭނަ ފަރުވާ ފޯރުކޮށްދިނުމަށް ކަމަށާއި، އެގޮތުން މިހާރުވަނީ، ސިއްހީ ހިދުމަތްދޭ، ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިއުގަޔަކުން ގުޅައިލެވިފައިކަން ރައީސް ފާހަގަ ކުރެއްވި އެވެ.