ސިއްހަތު

ދަރިމައިވުމުގެ ފަރުވާ އާސަންދަ އިން ލިބޭނެ ގޮތް ހަދަނީ

ދަރިމައިވުމުގެ ފަރުވާ އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ދެވަނަ ދައުރުގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

މެނިފެސްޓޯގައި ވަނީ ދަރިމައިވުމުގެ ފަރުވާއަށް ބޭނުންވާ ހާއްސަ ހިދުމަތްތައް ގާއިމުކޮށް، ދަރިމައިވުމުގެ ފަރުވާއަށް ދެވޭ ފައިސާގެ އެހީ އިތުރުކުރުމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ހޮސްޕިޓަލް -- ޓްރީޓޮޕްގައި އައިވީއެފް އަދި އައިޔޫއައި ހިދުމަތް ލިބެން މިވަގުތު އެބަހުއްޓެވެ. ނަމަވެސް އަގުބޮޑު މިއިން އެއްވެސް ފަރުވާއަކަށް މިވަގުތު އާސަންދައެއް ނުލިބެ އެވެ.

މެނިފެސްޓޯގައި ހިމަނާފައިވާ އެހެން ބައެއް ކަންކަމުގެ ތެރޭގައި ރާއްޖެއިން ލިބެން ނެތް ސުޕާ-ސްޕެޝަލިސްޓް ހިދުމަތްތައް، ރާއްޖެއިން ބޭރުން ޓެލެކޮންސަލްޓޭޝަން (ފޯނުގެ ހިދުމަތް) މެދުވެރިކޮށް ހޯދައިދީ އެ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ހިމަނާފައިވެ އެވެ.

އާސަންދަ އަކީ ފުރިހަމަ އިންޝުއަރަންސްގެ ނިޒާމަކަށް ބަދަލުކުރެވި، ހިދުމަތްތައް ސްޓޭންޑާޑައިޒް ކުރަން މަސައްކަތް ކުރާނެ ކަމަށްވެސް މެނިފެސްޓޯގައިވެ އެވެ. އާސްނަދައިގެ ހިދުމަތް އިންޝުއަރެންސް ނިޒާމަކަށް ބަދަލު ކުރުމުގެ މައިގަނޑު މަގުސަދަކީ، ސިއްހީ ހިދުމަތް ލިބިގަތުމަށް ރައްޔިތުންގެ އަތުން ކުރަންޖެހޭ ހަރަދު ކުޑަކުރުން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

މެނިފެސްޓޯގައި ވަނީ ސަރަހައްދީ ފެންވަރުގައި މިވަގުތު ލިބެން ހުރި ބައެއް ހިދުމަތްތައް ރައީސް ސޯލިހްގެ ދެވަނަ ދައުރެއްގައި ރަށު ފެންވަރުގައި ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެމްޑީޕީން ރޭގައި ރިޔާސީ ދެވަނަ ދައުރުގެ މެނިފެސްޓޯގެ ފުރަތަމަ ބައިކަމަށްވާ "އުފާވެރި ދިރިއުޅުން" ލޯންޗުކޮށްފައި އެވެ. މެނިފެސްޓޯގައި ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާ އަދި މުޖުތަމައު ކުރިއެރުވުމާ ގުޅޭ އެކި ކަންކަން ހިމަނާ އެކަމުގެ ބައެއް މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.