އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ހަމަޖެއްސެވި ފަހުން އަސްލަމް މިރޭ ވަނީ ފުރަތަމަ ފަހަރަށް ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވާފަ އެވެ. ދިވެހި ތާރީހުގައި ނައިބް ރައީސުން ފެނިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ވަފާތެރި ބޭފުޅުންގެ ގޮތުގައެއް ނޫނެވެ.
އެހެންވެ ކުޑަހުވަދޫގައި މިރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި އަސްލަމް ފުރަތަމަ ވެސް އެދިވަޑައިގަތީ އޭނާއަށް ޝައްކު ނުކުރުމަށެވެ.
"މިވަގުތުގައި ދަންނަވާލަން ބޭނުންވޭ. އަޅުގަނޑަށް ފުރިހަމައަށް އިތުބާރު ކުރައްވާށޭ. އަޅުގަނޑުގެ އިހްލާސްތެރިކަމާ މެދު ފުކެއްވެސް ފުކެއްވެސް އަޅުގަނޑުގެ އިހްލާސްތެރިކަމާއި އަޅުގަނޑުގެ ތެދުވެރިކަމާ މެދު ފުކެއްގެ ޝައްކެއް އުފެދޭ މިންވަރުގެ ކަމެއްވެސް އަޅުގަނޑުގެ ފަރާތުން އިރާދަކުރެއްވިއްޔާ ފެނިގެން ނުދާނެއޭ،" އަސްލަމް ޔަގީންކަން ދެއްވި އެވެ.
އަސްލަމް ވަނީ ރައީސްގެ ރަނިންމޭޓަކަށް އޭނާ ހަމަޖެއްސެވީތީ ރައީސް އަށް ޝުކުރު އަދާކުރައްވާ އޭނާއަށްވީ އެންމެ ފުރިހަމައަށް އެ މަގާމުގެ ޒިންމާއަދާކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސްއަށް ދެއްވާފަ އެވެ.
ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން އަސްލަމް ވިދާޅުވީ ރައީސް ސޯލިހް ދަންނަތާ 30 އަހަރު ވެއްޖެ ކަމަށާއި އެކުގައި މަަސައްކަތް ކުރާތާ 20 އަހަރު ވެއްޖެ ކަމަށެވެ. މިމުއްދަތުގައި އެންމެ ބޮޑަށް ފާހަގަވީ ރައީސް ސޯލިހްގެ ކެތްތެރިކަމާއި މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާ އެކު ކަންކަމުގައި ނިންމުންތައް ނިންމާ ގޮތް ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިސަރުކާރުގައި ވެސް އެންމެ ބޮޑު ކާމިޔާބަކީ އެ ލީޑަޝިޕް. އެ ޑިސިޝަން ނެންގެވުމުގައި އެ ގެންގުޅުއްވި ހަރުދަނާ އުސޫލާއި އެ ހަރުދަނާ ޝަހްސިއްޔަތު،" ރައީސްގެ ޝަހްސިއްޔަތު ސިފަކޮށްދެއްވަމުން އަސްލަމް ވިދާޅުވި އެެވެ.
އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ފަސް ސިޔާސަތުގެ ތެރެއިން މިރޭ ވަނީ "އުފާވެރި އާއިލާ" ސިޔާސަތުގައިވާ ކަންކަން ތަފްސީލްކޮށް ހާމަކޮށްފަ އެވެ. އެކަމަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވީ ހަމައެކަނި މިސިޔާސަތުގައިވާ ކަންކަމަށް ބެލި ނަމަވެސް ރައީސް ސޯލިހަށް ވޯޓު ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަަމަށެވެ.
އަސްލަމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ރައީސް ސޯލިހްގެ މިދައުރުގައިވެސް ވައުދުވެވަޑައިގެންނެވި ކަންކަމުގެ 90 ޕަސަންޓް މިހާރުވެސް ފުރިހަމަކުރައްވައިފި ކަމަށެވެ. ވައުދު ފުއްދުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ.
"ތަރައްގީގެ މަޝްރޫއުތަކަށް 2014 އިން 2018 އާ ހިސާބަށް ހިންގިފައި މިވަނީ 1،096 މަޝްރޫއެއް. މިވެރިކަމުގައި 2،190 މަޝްރޫއު ވަނީ ހިންގިފައި. މި 2،196 މަޝްރޫއު މިހިންގުނީ ދުނިޔެ އިގްތިސާދީ ބޮޑު އަނދަވަޅެއްގައި އޮއްވާ،" ނިމިދިޔަ ސަރުކާރާއި މިސަރުކާރުގައި ކުރެވިފައި ހުރި މަސައްކަތްތައް އަޅައިކިޔުއްވަމުން އަސްލަމް ވިދާޅުވި އެވެ.
އަސްލަމް އިތުރަށް ވިދާޅުވީ މިއަދު ރައްޔިތުންނަށް އެންމެ ބޮޑު އެއް މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. ވެރިކަމުގެ ތެރޭގައި ކުރެވިފައި ހުރި މަސައްކަތްތަކަށް ބަލާއިރު މިމައްސަލަ ހައްލުކޮށްދެއްވާނެ ހަމައެކަނި ބޭފުޅަކީ ރައީސް ސޯލިހް ކަމަށްވެސް ވިދާޅުވި އެވެ.