މުހައްމަދު އަސްލަމް

ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އަސްލަމް

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހްގެ ރަނިންމޭޓަކަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ހަމަޖައްސަވައިފި އެވެ.

ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އަސްލަމް ހަމަޖައްސަވާފައިވާ ކަމަށް އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު ކުރެއްވި ޓްވީޓެއްގައި ވަނީ ޔަގީންކޮށްދެއްވާފަ އެވެ.

އަސްލަމްގެ ކުށުގެ ރެކޯޑް ސާފުކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވެސް ވަނީ އަވަސްއަށް ޔަގީންކޮށްދެއްވާފަ އެވެ.

އަސްލަމަކީ އެމްޑީޕީގެ ތިއްބެވި ސިޔާސީ ގޮތުން އެންމެ ތަޖުރިބާ ބޮޑު ބޭފުޅުންގެ ތެރޭގައިވެސް ހިމެނޭ ބޭފުޅެކެވެ. އޭނާ ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވާތާ ވެސް 15 އަހަރަށް ވުރެ ގިނަ އަހަރު ވެއްޖެ އެވެ.

ރައީސްގެ ރަނިންމޭޓުންގެ ލިސްޓުގައި އަސްލަމްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މިހާރުގެ ނައިބް ރައީސް ފައިސަލް ނަސީމު ވެސް ކުރިން ހިމެނުނެވެ. ރައީސްގެ ރަނިންމޭޓެއްގެ ގޮތުގައި އަސްލަމް އިހްތިޔާރު ކުރެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ރައީސް ސޯލިހް ކުރިން ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު ރަނިންމޭޓެއް ކަނޑައަޅުއްވާނެ އެވެ. އަދި އެއީ އެމަނިކުފާނަށް ނިންމަވަން ޖެހިވަޑައިގެންފައި އޮތް އުނދަގޫ ނިންމެވުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. ނަމަވެސް އެމަނިކުފާނުގެ ކެންޑިޑެސީ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައެއް ނުވެ އެވެ. އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އަޑުއެހުންތައް ބާއްވާ މިހާރު ވަނީ ހުކުމާ ހަމައަށް ގޮސްފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.